ކ. މާލެ
|
4 ފެބްރުއަރީ 2022 | ހުކުރު 21:47
މީގެކުރިން ރަށްތަކަށް ފޮނުވި އެމްބިއުލާންސްތަކުގެ ތެރެއިން
މީގެކުރިން ރަށްތަކަށް ފޮނުވި އެމްބިއުލާންސްތަކުގެ ތެރެއިން
ހެލްތު މިނިސްޓްރީ
ރަށްރަށަށް އެމްބިޔުލާންސް ފޯރުކޮށްދިނުން
މާޗް ނިމޭ ހިސާބުގާ ބާކީހުރި ހުރިހާ އެމްބިއުލާންސްތައް ރަށްރަށަށް ފޯރުކޮށްދެވޭނެކަމުގެ އުންމީދު ބޮޑު: ރައީސް
55 އެމްބިޔުލާންސް އަދި ގެންނަންޖެހޭނެ
މިހާތަނަށް 41 އެމްބިޔުލާންސެއް ގެނެސްފައިވޭ

އެމްބިޔުލާންސް ފޯރުކޮށްނުދެވި ހުރި ރަށްރަށަށް އެމްބިޔުލާންސް ފޯރުކޮށްދިނުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން މާޗް ނިމޭ ހިސާބުގާ ބާކީހުރި ހުރިހާ އެމްބިއުލާންސްތައް ލިބި  ރަށްތަކަށް ފޯރުކޮށްދެވޭނެކަމުގެ އުންމީދު ބޮޑުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް ބުރާސްފަތި ދުވަހު ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ އެމްބިއުލާންސްގެ ޚިދުމަތް ފުރިހަމައަށް ނުދެވޭ 96 ރަށަކަށް ޒަމާނީ އެމްބިއުލާންސް ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަމަށެވެ. އޭގެތެރެއިން 41 އެމްބިއުލާންސް ރާއްޖެ ގެނެވި، ރަށްތަކަށް ފޮނުވިއްޖެކަމަށް ރައީސް ވިދާޅުވިއެވެ.

އަތޮޅުތެރޭގެ ހޮސްޕިޓަލުތަކުގައާއި ސިއްހީ މަރުކަޒުތަކުގައި އެމްބިއުލާންސް ނެތުމުން ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން އަތޮޅުތެރެއަށް ބޭނުންވާ 96 އެމްބިއުލާންސް ގެނައުމަށްޓަކައި މިނިސްޓްރީ އޮފް ފިނޭންސްއާއި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާއެކު، މިނިސްޓްރީ އޮފް ހެލްތުން ވަނީ މިދިޔަ އަހަރުގެ ޖޫން މަހު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މިއެއްބަސްވުމުގެ ދަށުން ފުރަތަމަ ޝިޕްމަންޓްގައި ހިމެނޭ 20 އެމްބިއުލާންސް ރާއްޖެ ގެނެސްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގެ 13 ވަނަ ދުވަހުއެވެ. އަދި 20 ރަށަކަށް އެމްބިއުލަންސް ވަނީ ފޮނުވާފައެވެ. އޭގެފަހުން އަހަރު ނިމެންދަނިކޮށް ޑިސެމްބަރ މަހު އިތުރު 20 އެމްބިޔުލާންސް ރާއްޖެ ގެނެސް ރަށްތަކަށް ވަނީ ފޮނުވާފައެވެ.

ބާކީ 55 އެމްބިޔުލާންސް އަދި ގެންނަންޖެހޭނެއެވެ.

އަތޮޅުތެރޭގެ ސިއްހީ މަރުކަޒުތަކުގައި ހުރި މައްސަލަތައް ހައްލުކުރުމަށް 22 ރަށެއްގެ ސިއްހީ މަރުކަޒުތަކަށް ސިޔާސީ ގޮތުން އައްޔަންކުރައްވާފައިވާ ބޭފުޅުން ވަނީ މާލެ ވަޑައިގެން ރައީސުލްޖުމްހޫރިއްޔާއާ ވަނީ މިދިޔަ އަހަރު ބައްދަލުކުރައްވާފައެވެ. ސިއްހީ މަރުކަޒުތަކުގައި ހުރި މައްސަލަތައް ރައީސްއާ ހިއްސާކުރައްވާފައިވާއިރު، މީގެ ތެރެއިން އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކުރައްވާފައިވަނީ އެމްބިއުލާންސް ނެތުމުގެ މައްސަލައެވެ. މިކަމަށް އަވަސް ހައްލެއް ގެނެސްދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

- ކޮމެންޓް