ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކަރަންޓަށް ޖެހުމުގެ މައްސަލަ ކުރިއަށް މިއޮތް އަހަރުގެ ތެރޭގައި ހައްލުކުރެވިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ށ. ފޯކައިދޫގައި އަލަށް ޤާއިމުކުރި އިންޖީނުގެ އާއި އޮފީސް ރަސްމީކޮށް ހުޅުވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ ވައުދެއް ކަމަށެވެ. އެގޮތުން ރަނގަޅު ފެންވަރުގެ ކަރަންޓު ނުލިބުމުގެ މައްސަލަ ބައެއް ރަށްތަކަށް ދިމާވެފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ 39 ރަށެއްގައި ރަނގަޅު ފެންވަރުގެ ކަރަންޓުގެ ޚިދުމަތް މިހާރު ގާއިމުކުރެވިފައި ވާނެކަމަށެވެ. އަދި ކުރިއަށް މިއޮތް އަހަރުގެ ތެރޭގައި އިތުރު 31 ރަށެއްގައި ފަސޭހަކަމާއެކު ބޭނުންކުރެވޭނެ ކަރަންޓުގެ ޚިދުމަތް ގާއިމުކޮށްދެއްވާނެކަމަށެވެ.
ފޯކައިދޫގައި ޒަމާނީ ފެންވަރުގެ އިންޖީނުގެއެއް ގާއިމުކުރެވުމަކީ އެރަށުގެ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއްގެ ގޮތުގައި ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ 26 އަހަރުވަންދެން އެރަށުގެ ރައްޔިތުން އައީ އިންޖީނުގެ ރަށުގެ މެދުތެރޭގައި ހުރުމުގެ ސަބަބުން އެތަކެއް ދަތިތަކަކާއި ކުރިމަތިލަމުން ކަމަށެވެ. ނަމަވެސް މި ގާއިމުކުރެވުނު އައު އިންޖީނުގެއާއެކު މި މައްސަލަތައް ހައްލުވެގެންދާނެ ކަމަށެވެ.
ހަމައެހެންމެ މި މަސައްކަތް ކުރިއަށް ގެންދިޔަ ފެނަކައަކީ ރާއްޖޭގެ ގިނަ ރަށްތަކަކަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަ ކުންފުންޏެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކާއި ގުޅިގެން ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށެވެ. އެގޮތުން ފެނަކައިގެ ޚިދުމަތްތައްދޭ ރަށްރަށުގައި ރަނގަޅު ފެންވަރުގެ ވަސީލަތްތަކާއި ޓެކްނީޝަނުންގެ އިތުރުން އިންޖީނިއަރުން ތިބުމާއެކު ރަށްރަށުގެ އެންބިއުލާންސްތަކަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް އެކުންފުންޏާއި ހަވާލުކުރުމަށް ވިސްނަވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ހަމައެހެންމެ ތިމާވެއްޓަށް ފައިދާހުރި ޒަމާނަށް ފެތޭގޮތަށް ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން މިއަހަރުގެ ތެރޭގައި ފެނަކައިން 20 މެގަވޯޓުގެ ސޯލާ އެނަޖީ އުފެއްދުމަށް ނިންމާފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އުންމީދަކީ 2023 ވަނަ އަހަރު ނިމޭއިރު 70 މެގަވޯޓަށް އެއަދަދު ބަދަލުކުރުން ކަމަށެވެ.
ކަރަންޓުގެ ޚިދުމަތުގެ އިތުރުންވެސް ރައްޔިތުންނަށް ބޭނުންވާ އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދީ ފެނަކައިގެ ޚިދުމަތްތައް ފުޅާކުރުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ. އެގޮތުން އަތޮޅުތެރޭގެ ރަށްތަކަށް ބޭނުންވާ އައިސް އުފެއްދުމުގެ މަސައްކަތް ފެނަކައިން ފެށުމަށް ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ. މީގެ ސަބަބުން އައިސް ހޯދުމުގައި މަސްވެރީންނަށް ދިމާވާ މައްސަލަތައް ހައްލުވެގެންދާނެ ކަމަށާއި، މިއީ ފެނަކަ މެދުވެރިކޮށް ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ވަރަށް މުހިންމު ޚިދުމަތެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވިއެވެ.