މިހާތަނަށް 739 މިލިއަން ރުފިޔާގެ އެސްއެމްއީ ލޯނު ސަރުކާރުން ދީފައިވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
މިއަހަރަށް ރިޔާސީ ބަޔާން އިއްވަވަމުން، ޤައުމެއްގެ އިޤްތިޞާދުގެ މައިބަދައަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަށްކަމުގައި ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިހާތަނަށް 741 ވިޔަފާރިއަކަށް 739 މިލިއަން ރުފިޔާގެ އެސްއެމްއީ ލޯނު ސަރުކާރުން ދީފައިވާނެކަމަށެވެ. އަދި މިއީ ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭހެން 144 ރަށެއްގައި ކުދި ވިޔަފާރި ހިންގޭނެ ގޮތުން ދޫކުރި ލޯން އެހީތަކެއްކަމުގައި ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މި ސަރުކާރުން ދޭންފެށި ލޯނުތަކާއެކު އާމްދަނީއެއް ލިބޭނެ އުފެއްދުންތެރި ކޮންމެވެސް މަސައްކަތެއްގައި އުޅޭ ދިވެހިން މިހާރު ގިނަވެފައިވާ ކަމަށެވެ. އަދި މިއީ ދުޅަހެޔޮ ދިވެހި ކުރިމަގަށް އޮތް ވަރަށް ބޮޑު އުންމީދެއްކަމަށެވެ. ހަމައެހެންމެ ކުރީގެ އާދައަކީ ވިޔާފާރިތައް އުފައްދާތާ މާ ގިނަދުވަހެއް ނުވަނީސް އުވާލުންކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ މިކަން މިހެން ހިނގަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަށް ލައިގަންނާނެ މުގުލެއް ނެތުމުންކަމަށެވެ. އެހެންކަމުން މިކަން ހައްލުކުރުމަށްޓަކައި ބޭނުންވާ ފުރަތަމަ ފިޔަވަޅު މުޅިން އަލަށް މިސަރުކާރުގައި އަޅާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
މިހާރުގެ ތަޖުރިބާއަށް ބެލިޔަސް ނަތީޖާ ވަރަށް ރަނގަޅުކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެސްއެމްއީ ބޭންކްގެ ލޯނަކުން ފެށި ވިޔަފާރި ކާމިޔާބުކަމާއެކު ފުޅާވެ ކުރިއަރަމުން އަންނަކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ އެފަދަ އެތަކެއް ސަތޭކަ ނުވަތަ ހާސް ކުދި ވިޔަފާރި ރާއްޖޭގައި ފެށި ހިނގަމުން ދިއުންކަމަށާއި، އެއަށްވުރެ ވަކި ވަރުގަދަ އިޤްތިޞާދީ ހަރަކާތެއް ސަރުކާރުން ޤައުމަކަށް ގެނެސް ނުދެވޭނެކަމަށެވެ. ނަމަވެސް މި އަމާޒަށް ވާސިލުވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.
ދިވެހި އިޤްތިޞާދު ސިންދަފާތު ކުރުމުގެ ލިސްޓްގެ އެންމެ ކުރިއަށް ސަރުކާރުން ލާފައިވަނީ ދަނޑުވެރިކަން ކަމުގައިވާއިރު، އެސްއެމްއީ ބޭންކް މެދުވެރިކޮށް ދަނޑުވެރިކަމަށް މިހާތަނަށް 16.3 މިލިއަން ރުފިޔާގެ ލޯންވަނީ ދޫކުރެވިފައެވެ.
އެސްއެމްއީ ބޭންކުން ދޫކުރާ ލޯނުގެ 25 އިންސައްތަ ޚާއްޞަ ކޮށްފައިވަނީ އަންހެނުންނާއި ޒުވާނުންނާއި ނުކުޅެދުންތެރިކަން ހުރި މީހުންނަށެވެ. ދައުލަތް ހިންގުމާއި، ސިޔާސީ، އިޤްތިޞާދީ އަދި އިޖްތިމާޢީ މައިދާނުގައި އަންހެނުން ބާރުވެރިނުވެ ދައުލަތް ބާރުވެރިނުވާނެކަމަށް ރައީސް ވިދާޅުވިއެވެ.
އެސްއެމްއީ ބޭންކު އުފެއްދީ 18 މާޗު 2019 ގައެވެ. އެސްއެމްއީ ބޭންކު ވުޖޫދުވުމުގެ ކުރިން ރާއްޖޭގައި ހިންގާ ބޭންކުތަކުން ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް ލޯނު ދިނުމަށް ދަތިތަކެއް ހުއްޓެވެ. ނަމަވެސް އެސްއެމްއީ ބޭންކާއިއެކު މި ވިޔަފާރިތަކަށް ފައިނޭންސް ހޯދުމަށް ފަސޭހަތަކެއް ލިބިގެންދިޔައެވެ.