ގައުމާއި، ރައްޔިތުންގެ ތަރައްގީއަށް ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދު އިންތިޚާބު ކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހުރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހު, ކޮމަންޑޫގެ ބައި އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓްގެ ކެމްޕެއިންގައި ކޮމަންޑޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ގާސިމް ވިދާޅުވީ ރައްޔިތުން ތަރައްގީއާ ކުރިއެރުން ބޭނުންވާނަމަ ކޮމަންޑޫ ދާއިރާއަށް އެމްޑީޕީގެ ކެންޑިޑޭޓް އިންތިޚާބު ކުރަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ދުނިޔެވީ ގޮތުން ބަލާއިރު އެއީ ވާޖިބެއް ކަމަށެވެ.
މި އިންތިޚާބު ދައުލަތާ ވަރަށް ބޮޑަށް ގުޅިފައިވާކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވީ ސަރުކާރަށް އެހީތެރިކަން ފަސޭހައިން ފޯރުކޮށްދެވޭނީ ކޮމަންޑޫ ދާއިރާގެ ރައްޔިތުން އެފުރުސަތު ފަހިކޮށްދީގެން ކަމަށެވެ. އަދި އެފުރުސަތު ފަހިކޮށްނުދީ އެހެން ޕާޓީއެއްގެ ކެންޑިޑޭޓެއް އިންތިޚާބުކޮށްފިނަމަ ގިނަ ދަތިތަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ. އެހެންކަމުން ކޮމަންޑޫ ދާއިރާގެ ކުރިއެރުމަށް މިގޮނޑި އެމްޑީޕީއަށް ކާމިޔާބު ކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ގާސިމް ވިދާޅުވިއެވެ.
މިއަދުގެ ސަރުކާރަށް ކޮންމެހެން ކޮމަންޑޫގެ ގޮނޑި މުހިންމު ނުވާ ކަމަށާއި، މިހާރު ވެސް ރައްޔިތުން މަޖިލީހުގެ ބޮޑު އިންސައްތައެއް މެޖޯރިޓީ އޮތީ ސަރުކާރުގެކަން ގާސިމް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ގާސިމް ވިދާޅުވީ މިސަރުކާރުގައި ރާއްޖޭގެ ހުރިހާ ހިސާބެއް ތަރައްގީ ވެގެންދާ ކަމަށާއި، ކޮމަންޑޫއަށް ވެފައިވާ ވައުދުތަކުގެ ތެރެއިން ހުރިހާ މަޝްރޫއެއްގެ އަމަލީ މަސައްކަތް ފަށައިގެން ކުރިއަށްދާ ކަމަށެވެ. މުޅި ރާއްޖޭގެ ތަރައްގީއާއި ދާއިރާގެ ތަރައްގީއަށް ވިސްނައި ރަނގަޅު ގޮތް ނިންމުމަށް ގާސިމް ގޮވާލެއްވިއެވެ.