ކ. މާލެ
|
3 ފެބްރުއަރީ 2022 | ބުރާސްފަތި 10:40
ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވަނީ
ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވަނީ
ރައްޔިތުންގެ މަޖިލިސް
ރާއްޖޭގެ އިގްތިޞާދީ ހާލަތު
ކުރީ ސަރުކާރުން ނަގާފައިވާ ދަރަނީގެ ތެރޭން މިސަރުކާރުން މިހާތަނަށް 447 މިލިއަން ޑޮލަރު ވަނީ ދައްކާފައި: ރައީސް
ދައުލަތުގެ ރިޒާރވް މެނޭޖްކުރުމަށް ރިޒާރވް ބޭންކް އޮފް އިންޑިއާ އިން ނަގާފައިވާ 250 މިލިއަން އެމެރިކާ ޑޮލަރުގެ ސްވޮޕް ފެސިލިޓީ ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 29 ގައި ދައްކާ ނިމިފައި
2022 ވަނަ އަހަރުވެސް އެންމެ ބާރަށް ކުރިއަރާނެކަމަށް ބެލެވޭ މުޅި ދުނިޔޭގެ 5 އިޤްތިޞާދުގެ ތެރޭގައިވެސް ދިވެހިރާއްޖެ ހިމެނޭ
މިހިނގާ 2022 ވަނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން 12 އިންސައްތައިގެ ކުރިއެރުމެއް ހޯދާނެ

ކުރީ ސަރުކާރުން ނަގާފައިވާ ދަރަނީގެ ތެރޭން މިސަރުކާރުން މިހާތަނަށް 447 މިލިއަން ޑޮލަރު ވަނީ ދައްކާ ނިންމާފައިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

މިއަހަރަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ 2019 ވަނަ އަހަރުގެ ޖުލައި މަހު، ދައުލަތުގެ ރިޒާރވް މެނޭޖްކުރުމަށް ރިޒާރވް ބޭންކް އޮފް އިންޑިއާ އިން ނަގާފައިވާ 250 މިލިއަން އެމެރިކާ ޑޮލަރުގެ ސްވޮޕް ފެސިލިޓީ ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 29 ގައި ދައްކާ ނިމިފައި ކަމަށެވެ. މިކަންކަމާއެކުވެސް 2021 ވަނަ އަހަރު ނިމުނު އިރު ދައުލަތުގެ ރަސްމީ ރިޒާވްގެ ގޮތުގައި 791.2 މިލިއަން ޑޮލަރު ހުރި ކަމަށެވެ. ބޭރު ފައިސާގެ ތާށިކަން ހައްލު ކުރުމާއި ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުމުގެ ފިޔަވަޅުތައް ސަރުކާރުން މިއަހަރު އަޅަންފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ބޭރު ފައިސާގެ ބާޒާރާ ގުޅޭ ޤާނޫނީ އޮނިގަނޑަށް ބަދަލު ގެނެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.

އައި.އެމް.އެފް އިން ލަފާކުރާ ގޮތުގައި މިހިނގާ 2022 ވަނަ އަހަރުވެސް އެންމެ ބާރަށް ކުރިއަރާނެކަމަށް ބެލެވޭ މުޅި ދުނިޔޭގެ 5 އިޤްތިޞާދުގެ ތެރޭގައިވެސް ދިވެހިރާއްޖެ ހިމެނޭކަމަށް ރައީސް ވިދާޅުވިއެވެ. ސަރުކާރުގެ އަންދާޒާ އަކީ، މިހިނގާ 2022 ވަނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން 12 އިންސައްތައިގެ ކުރިއެރުމެއް ހޯދުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިއަހަރު ޖުމްލަ 1.6 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.

ހުސްވި 2021 ވަނަ އަހަރު ނިމި ދިޔައީ ރާއްޖޭގެ ފަތުރުވެރިކަން ހިފި އަމާޒަށްވުރެވެސް މަތިން ހާސިލްކުރެވިގެން. 2021 ވަނަ އަހަރަށް އަޅުގަނޑުމެން އަމާޒު ހިފީ 1 މިލިއަން ފަތުރުވެރިންނަށް. ނަމަވެސް، އެއަހަރު ޖުމްލަ 1.3 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާތަރްކުރި. 2021 ވަނަ އަހަރުގެ އުފެއްދުންތެރިކަން ހުންނާނީ 31.6 އިންސައްތަ އާއި 38.5 އިންސައްތަ އާއި ދެމެދުގައި ކަމަށް ބެލެވޭ. މިއީ ވޯލްޑް ބޭންކާ އައި.އެމް.އެފް ފަދަ ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ރާއްޖެއާއި މެދު ލަފާކުރި މިންވަރަށްވުރެ އެތައް ތަނެއް މަތީ މިންވަރެއް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު

ރާއްޖޭގެ އިޤްތިޞާދީ ތަފާސްހިސާބު އެކުލަވާލަން ފެށިފަހުން ފެންނަ އެންމެ ބޮޑު އަދި ކުއްލި އަޑިގުޑަން ރެކޯރޑް ކުރެވިފައިވަނީ 2020 ވަނަ އަހަރު ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އޭގެ ކުރީ އަހަރާއި އަޅާބަލާއިރު އެއަހަރު ރާއްޖޭގެ އުފެއްދުންތެރިކަން 33.5 އިންސައްތަ ދަށަށް ދިޔަކަމަށެވެ. އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް ނޭޅިނަމަ ޢާންމު ދިވެހި ދިރިއުޅުން ދުވަހަކު ނުދާހާ ދަށަށް ސޮއްސާލާނެ ހާލަތަކަށް ރާއްޖެ ދިޔަ ކަމަށާއި ސަރުކާރުން އެޅި ފިޔަވަޅުތަކާއި އޭގެ ހެޔޮ ނަތީޖާ އަހަރެއްހާ ދުވަސް ނުވަނީސް އިރާދަކުރެއްވީތީ މިވަނީ ފެންނަން ފަށާފައިކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޯވިޑް-19 ގެ ކުރިން އޮތް ހިސާބަށް އިޤްތިޞާދު އަނބުރާ ގެންދެވޭނެކަމުގެ ފާހަގަ ސަރުކާރުން ޖަހާ އަހަރަކީ އިރާދަ ކުރެއްވިއްޔާ 2023 ވަނަ އަހަރުކަމަށެވެ.

ދައުލަތެއް ހިނގަނީ މާލީ ލޭންދޭނުތަކާވެސް އެކުގައި މި ގޮތުން ހޯދަން ޖެހޭ އެއްޗެއް ހޯދުމާއި، އަދާ ކުރަން ޖެހޭ އެއްޗެއް އަދާ ކުރުމުގައި އިޤްތިޞާދީ ދުޅަހެޔޮ ސިޔާސަތެއްގައި ދެމި ތިބެވޭނެކަމުގެ އިތުބާރު ސަރުކާރަށް އެބައޮތް ކަމަށް ރައީސް ވިދާޅުވިއެވެ. އަންދާޒާ ކުރެވިފައިވާ އިޤްތިޞާދީ އަމާޒު ހިފެހެއްޓުމަކީ ސަރުކާރުގެ ޢަޒުމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

- ކޮމެންޓް