ޙައްޖާ ޢުމްރާ އާއި ވަޤްފުގެ ކަންކަމާއި އަދި ޒަކާތާއި ބެހޭ ޤާނޫނުތައް އެކުލަވާލައި މިއަހަރުގެ ތެރޭގައި މަޖިލީހަށް ފޮނުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
މިއަހަރަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޞާލިހު ވަނީ ސަރުކާރުގެ ފަރާތުން މިއަހަރު ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ބައެއް ބިލްތައް ހާމަކުރައްވާފައެވެ. އެގޮތުން މިއަހަރު ތެރޭގައި ޕްރައިމަރީ ހެލްތް ކެއަރގެ ޚިދުމަތް ކަށަވަރުކުރުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު މިއަހަރު މަޖިލީހަށް ފޮނުއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ ބޭރު ފައިސާގެ ތާށިކަން ހައްލު ކުރުމާއި ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުމުގެ ފިޔަވަޅުތައް ސަރުކާރުން މިއަހަރު އަޅަން ފަށާނެ ކަމަށެވެ. އަދި ބޭރު ފައިސާގެ ބާޒާރާއި ގުޅޭ ޤާނޫނީ އޮނިގަނޑަށް ބަދަލުތަކެއް ގެނެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ތިމާވެއްޓާއި ގުޅޭ ޤާނޫނީ އޮނިގަނޑު ފުރިހަމަ ކުރުމުގެ ގޮތުން ކުނި މެނޭޖްކުރުމުގެ އުޞޫލްތަކާއި ބެހޭ ބިލް މަޖިލީހަށް ހުށަހެޅޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. މިބިލަށް މިހާރު ވަނީ އާންމުންގެ ޚިޔާލު ހޯދުމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ހުޅުވާލާފައެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ މަޖިލީހުން މިދިޔަ ދަތި އުނދަގޫ ދުވަސްތަކުގެ ތެރޭގައި ވަކިން ޚާއްޞަކޮށް މަޖިލީހަށް ނުހަނު ޙައްސާސް ދަނޑިވަޅެއްގައި ކުރެއްވި ބުރަ މަސައްކަތް ފާހަގަކުރައްވާފައެވެ.
މިދިޔަ ދަތި އުނދަގޫ ދުވަސްތަކުގެ ތެރޭގައި ވަކިން ޚާއްޞަކޮށް މިޢިއްޒަތްތެރި މަޖިލީހަށް ނުހަނު ޙައްސާސް ދަނޑިވަޅެއްގައި، ކުރެއްވި ބުރަ މަސައްކަތް އަޅުގަނޑު ފާހަގަކޮށް ތިޔަ ހުރިހާ ޢިއްޒަތްތެރި މެމްބަރުންނަށާއި މަޖިލީހުގެ ޢިއްޒަތްތެރި ރައީސަށް ވަރަށް އިޚްލާސްތެރި ޝުކުރު ދަންނަވަން. މިޢިއްޒަތްތެރި މަޖިލީހުގެ ދައުރު ފުރިހަމަށް އަދާކުރަމުންދާކަމުގެ ހިންހަމަޖެހުން އަޅުގަނޑުގެ އެބައޮތް.ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު
މިދިޔަ އަހަރުގެ ތިން ދައުރުގައި ބޭއްވި 103 ޖަލްސާއަށް ސަރުކާރުގެ ފަރާތުން 36 ބިލެއް ހުށަހަޅާފައިވެއެވެ. މިސަރުކާރުން ގާނޫނީ އޮނިގަނޑު އިސްލާހުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިދިޔަ އަހަރު މަޖިލީހުން ފާސްކުރި މުހިންމު ޤާނޫނުތަކަށް ބަލާއިރު ސިފައިންގެ ޤާނޫނަށް ގެނެވުނު އިސްލާހާއި މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ޤާނޫނަށް ގެނެވުނު އިސްލާހު ހިމެނެއެވެ.
މީގެއިތުރުން މަތީ ތައުލީމުގެ ޤާނޫނާއި، އާންމު ސިއްހަތުގެ ޤާނޫނު، ކްލައިމެޓް ޗޭންޖް ޤާނޫނު ސިވިލް ސަރވިސްގެ ޤާނޫނަށް ގެނައި އިސްލާހު ފާހަގަކޮށްލެވެއެވެ. މީގެއިތުރުން މަދަނީ އިޖުރާއަތުގެ ޤާނޫނުވެސް ފާހަގަކޮށްލެވެއެވެ.