މާލޭގައި ގައުމީ ޓީމު މި އަހަރު ކުޅޭ ފްރެންޑްލީތައް އިތުރުވާނެ ކަމަށް ގައުމީ ޓީމު ކޮމެޓީގެ ޗެއާޕާސަން އަލީ ނާޝިދު (އޮގަރު އައްޔަ) ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ ކުޅިވަރު ފައިލްގައި ވާހަކަދައްކަވަމުން އައްޔަ ވިދާޅުވީ މި އަހަރު ގައުމީ ޓީމުގެ ރަނގަޅު ޕްލޭނެއް އޮތް ކަމަށާއި، އެގޮތުން އެންމެ ބޮޑަށް މަސައްކަތްކުރާނީ އޭޝިއަން ކަޕުން ޖާގައެއް ހޯދުމަށް ކޮލިފައިން ބުރު ކާމިޔާބުކުރުން ކަމަށެވެ.
މި އަހަރުގެ ޓާގެޓަކަށް ސާފް ޗެމްޕިއަންޝިޕްވެފައި އޮތް ނަމަވެސް އިންޑިއާ އިން މުބާރާތް ލަސްކުރަން އެދިފައިވާތީ ބޮޑަށް ބެލެވިފައި ވަނީ އަންނަ އަހަރު އެ މުބާރާތް ބާއްވާނެ ކަމަށް ކަމަށާއި، އެގޮތުން މި އަހަރު ގައުމީ ޓީމުން ފްރެންޑްލީތަކެއް ކުޅުމަށް ހަމަޖައްސާނެ ކަމަށް ވެސް އައްޔަ ވަނީ ފާހަގަކުރައްވާފައެވެ.
އައްޔަ ވިދާޅުވީ ފްރެންޑްލީ މެޗުތަކަކީ އަބަދު ވެސް ގައުމީ ޓީމަށް މަދުން ކުޅެން ލިބޭ އެއްޗެއް ކަމަށާއި، އެގޮތުން ބައިނަލްއަގުވާމީ އެހެން ގައުމުތައް ވެސް ފްރެންޑްލީތައް ކުޅޭ އުސޫލުން ކޮލިފައިން އާއެކު އެކަންތައް ކުރިޔަށް ގެންދަން ފުރުސަތު ހޯދައިދެމުން ދާނެ ކަމަށެވެ.
މިކަމާ ގުޅޭ ގޮތުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު ވިދާޅުވީ، ގައުމީ ޓީމު މެޗަކާ ކުރިމަތިލާންޖެހެނީ ހަމައެކަނި ޕްރެކްޓިސްތަކެއް ކޮށްގެން ނޫން ކަމަށާއި، ވާދަވެރި ފްރެންޑްލީ މެޗުތަކެއް ވެސް ތަޖުރިބާ ހޯދަން ކުޅެންޖެހޭ ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ އައްޔަމެން ކޮމެޓީން އެކުލަވާލާ ކަންތައްތަކާއެކު ގިނަ ފްރެންޑްލީ މެޗުތަކެއް ގައުމީ ޓީމު ކުޅޭނެ ކަމަށެވެ.
ގައުމީ ޓީމު އަތޮޅު ތެރެއަށް ދަތުރުތަކެއް ވަރަށް އަވަހަށް ފަށާނެކަން ފާހަގަކޮށް ބައްސާމް ވިދާޅުވީ، ގައުމީ ޓީމު އެއްކޮށް ދަތުރުކޮށް ރޫހު އާލާކުރުމުގެ ގޮތުން ރާއްޖެ ތެރޭ ރަށްރަށް ގެންގޮސް ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ހަމަޖެހިފައިވާ ކަމަށާއި، އެގޮތުން ރަށްރަށުގައި ތިބި ގައުމީ ޓީމުގެ ސަޕޯޓަރުންނަށް ކައިރިން މެޗުތައް ބެލުމުގެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ބައްސާމް ވިދާޅުވީ، ރަށްރަށަށް ގޮސް ގައުމީ ޓީމުތައް ކުޅޭނީ އެ ރަށަކުން ހޮވާލެވޭ ޓީމުތަކާ ކަމަށާއި، ގައުމީ ޓީމާ ދެކޮޅަށް ކުޅުންތެރިންނަށް ހުނަރު ދައްކާލުމުގެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށެވެ. އެގޮތުން ބައްސާމް ވިދާޅުވީ ރަނގަޅު ކުޅުމެއް ދައްކާ ކުޅުންތެރިންނަށް އެކަށީގެންވާ ގައުމީ ޓީމަކުން ޖާގަ ލިބިގެންދާނެ ކަމަށާއި، ޓެކްނިކަލް ބޭފުޅުން އެކަންތައް ބެލުމަށް ވަޑައިގަންނަވާނެ ކަމަށެވެ.