ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި ކުރިޔަށް ގެންދަވާ އިންޑިއާ އައުޓް ކެމްޕެއިން މައްސަލަ ހުއްޓުވުމަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް އަތުވެއްޖެއެވެ.
މީގެ ކުރިން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ އިންޑިއާ އައުޓް ކެމްޕެއިން މައްސަލަ ބަލައިދިނުމަށް އެދިވަޑައިގެން މަޖިލީހުގެ 241 ކޮމެޓީއަށް ހުށަހަޅުއްވާފައެވެ.
ރައީސް ނަޝީދު ސޮއިކުރައްވައި, 241 ކޮމިޓީ ނުވަތަ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ, އިންޑިއާ އައުޓް ކެމްޕޭންގެ މައްސަލަ ބަލައި ދިނުމަށެވެ. ރައީސް ނަޝީދު ވިދާޅުވެފައިވަނީ އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން ކުރިއަށް ގެންދަވާ އިންޑިއާ އައުޓް ހަރަކާތަކީ އެކަމުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާނެ ކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.
އިންޑިއާ އައުޓް މައްސަލަ 241 ކޮމިޓީއަށް ހުށަހަޅާފައިވާ އިރު، ޚާރިޖީ ގުޅުންތަކަށް ބުރޫއަރާފަދަ އަމަލު ހިންގާނަމަ 6 މަހުގެ ޖަލު ހުކުމެއް އަތުވެދާނެ ފަދަ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް އެމްޑީޕީން ވަނީ ތައްޔާރުވެފައެވެ.
"ދިވެހިރާއްޖެއިން ބޭރު ގައުމުތަކާއެކު ގާއިމު ކޮށްފައިވާ ޚާރިޖީ ގުޅުންތަކަށް ނޭދެވޭ އަސަރު ކުރާނެ ފަދަ އަމަލުތައް ހުއްޓުވުމުގެ ބިލު" މި ނަމުގައި ބިލެއް ޑްރާފްޓްކޮށް، އެ ބިލު ހުށައެޅުމަށް އެމްޑީޕީން ދަނީ ތައްޔާރުވަމުންނެވެ. ބިލުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ, ދިވެހިރާއްޖެއާ ބޭރު ގައުމުތަކާއެކު ގާއިމުކޮށްފައިވާ ޚާރިޖީ ގުޅުންތަކާއި, އެކި ގައުމުތަކާ އޮންނަ ގުޅުންތަކަށް ނޭދެވޭ އަސަރު ކުރާނެ ފަދަ އަމަލުތައް ހުއްޓުވައި، އެފަދަ ކަންކަމުގެ ސަބަބުން ރާއްޖެއަށް ލިބިދާނެ ގެއްލުމަކުން މި ގައުމު ސަލާމަތް ކުރުމެވެ.
ރައީސް ޔާމީން އިސްވެ ހުންނަވައި އެކުވެރި ގައުމަކާ ދެކޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕެއިނާ ގުޅިގެން އެމަނިކުފާނަށްވެސް ވަނީ އެކަމުގެ ފާޑުކިޔުން އަމާޒުވެފައެވެ. ބައެއް މީހުން ބުނާ ގޮތުން ރައީސް ޔާމީން މިހާރު ކުރައްވަމުން ގެންދަވާ ކެމްޕެއިނުން ދޭހަވަނީ އެމަނިކުފާނުގެ ރިޔާސަތުގައި ޚާރިޖީ ކަންކަން ކުރައްވަމުން ގެންދެވީ ޚުދުމުޚުތާރުކޮށް ކަމަށެވެ.