ކ. މާލެ
|
2 ފެބްރުއަރީ 2022 | ބުދަ 19:34
ޔުނައިޓެޑަށް ކުޅެމުން އަންނަ އިންގްލެންޑުގެ ފޯވާޑް މޭސަން ގްރީންވުޑް
ޔުނައިޓެޑަށް ކުޅެމުން އަންނަ އިންގްލެންޑުގެ ފޯވާޑް މޭސަން ގްރީންވުޑް
ގެޓީ އިމޭޖަސް
ގްރީންވުޑް ހައްޔަރުން ދޫކޮށްލުން
ކަފާލާތުގެ ދަށުން ގްރީންވުޑް ދޫކޮށްލައިފި
ގްރީންވުޑަށް ޔުނައިޓެޑުގެ ފަރިތަކުރުންތަކާއި މެޗުތަކުގައި ބައިވެރިނުވެވޭނެ
ގްރީންވުޑުގެ ލޯބިވެރިޔާއަށް އަނިޔާކޮށްފައިވާ ފޮޓޯތަކެއް ވަނީ ލީކުކޮށްފައި

ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން ހައްޔަރުކުރި މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ އިންގްލެންޑުގެ ޒުވާން ފޯވާޑް މޭސަން ގްރީންވުޑް ކަފާލާތުގެ ދަށުން ދޫކޮށްލައިފިއެވެ.

މިދިޔަ އާދިއްތަ ދުވަހު ވަގުތެއްގައި އިންސްޓަގްރާމުގައި ގްރީންވުޑްގެ ލޯބިވެރިޔާ ވަނީ ގްރީންވުޑް ގެވެށި އަނިޔާކުރިކަން ދައްކުވައިދޭ ފޮޓޯތަކަކާއި އޯޑިއޯއެއް އާންމުކޮށްފައެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުން ގްރީންވުޑުގެ ލޯބިވެރިޔާ އަނގަމަތި ފަޅައިގެން ގޮސްފައިވާއިރު، ލީކުކޮށްފައިވާ އޯޑިއޯއިން ގްރީންވުޑް އޭނާގެ ލޯބިވެރިޔާގެ ނުރުހުމުގައި ކަންތައްތަކެއް ކުރަން އުޅޭ އަޑުތަކެއް އިވެއެވެ.

އެއާއެކު އާދީއްތަ ދުވަހުގެރޭގެ ވަގުތެއްގައި މެންޗެސްޓާގެ ފުލުހުން ވަނީ އުމުރުން 20 އަހަރުގެ ގްރީންވުޑް ހައްޔަރުކޮށްފައެވެ. މެންޗެސްޓާގެ ފުލުހުން ހާމަކޮށްފައިވާ ގޮތުން ގްރީންވުޑް ހައްޔަރުކުރީ ގެވެށި އަނިޔާގެ ތުހުމަތާއި ރޭޕް ކުރުމުގެ ތުހުމަތުގައެވެ.

އެއަށްފަހު އަންގާރަ ދުވަހުގެރޭ ނެރުނު ބަޔާނެއްގައި ފުލުހުން ވަނީ ގެވެށި އަނިޔާ އާއި ރޭޕުގެ ތުހުމަތުގެ އިތުރުން "މީހަކު މަރާލުމަށް" މަސައްކަތް ކޮށްފައިވާތީ، ގްރީންވުޑްގެ ތަހުގީގު އިތުުރަށް ކުރިއަށް ގެންދަން އޭނާގެ ހައްޔަރުކޮށްފައި ބަހައްޓާ މުއްދަތު އިތުރުކޮށްފައިވާ ކަމަށް ބުނެފައެވެ. އެކަމަކު ބުދަ ދުވަހުގެ ވަގުތެއްގައި ކަފާލާތުގެ ދަށުން އޭނާ ވަނީ ދޫކޮށްލާފައެވެ.

ކަފާލާތުގެ ދަށުން ގްރީންވުޑް މިނިވަންވި ނަމަވެސް، މީގެ ކުރިން ނެރުނު ބަޔާނެއްގައި ޔުނައިޓެޑުން ވަނީ ވަކި ގޮތެއް އަންގަންދެން ގްރީންވުޑަށް ޔުނައިޓެޑުގެ ފަރިތަކުރުންތަކާއި މެޗުތަކުގައި ބައިވެރިނުވެވޭނެ ކަމަށް ބުނެފައެވެ. އަދި އެއްވެސް ބާވަތެއްގެ ހަމަނުޖެހުމަކީ ޔުނައިޓެޑުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން ޔުނައިޓެޑުގެ ފިހާރަތަކުން ގްރީންވުޑާ ގުޅޭ ހުރިހާ އެއްޗެއް ނަގާފައިވާއިރު، އެ ކުލަބުގެ ގިނަ ކުޅުންތެރިން ވަނީ ސޯޝަލް މީޑިއާގައި ގްރީންވުޑް އަންފޮލޯ ކޮށްފައެވެ. އަދި ގްރީންވުޑާ މެދު އޭނާގެ ސްޕޮންސަރުން ކަމަށްވާ ނައިކީ އާއި އީއޭ ސްޕޯޓްސްއިންވެސް ވަނީ ފިޔަވަޅު އަޅާފައެވެ. އެގޮތުން ނައިކީން ވަނީ ގްރީންވުޑާ އެކު އޮތް ސްޕޮންސަޝިޕް އެއްބަސްވުން މި ވަގުތަށް ސަސްޕެންޑުކޮށްފައެވެ. އަދި އީއޭ ސްޕޯޓްސްއިން ވަނީ ފީފާ22 އިން ގްރީންވުޑުގެ ހުރިހާ ބައެއް އުނިކޮށްފައެވެ.

ގްރީންވުޑަށް ގެވެށި އަނިޔާގެ މައްސަލައެއް ފެންމަތިވިއިރު، މީގެ ކުރިންވެސް އަންހެން ކުއްޖަކާ ގުޅޭ މައްސަލައެއްގައި ގްރީންވުޑަށް ވަނީ އިންގްލެންޑުގެ ގައުމީ ފުޓްބޯޅަ ޓީމުން ފިޔަވަޅު އަޅާފައެވެ. އެގޮތުން އިންގްލެންޑް ގައުމީ ޓީމާއެކު 2020 ވަނަ އަހަރު ކުޅުނު ޔުއެފާ ނޭޝަންސް ލީގުގެ މެޗަކަށް އައިސްލެންޑަށް ގޮސް، ޓީމު ހޮޓަލަށް އަންހެން ކުދިން ގެނައި މައްސަލައެއްގައި ގްރީންވުޑާއި މެންޗެސްޓާ ސިޓީގެ ޒުވާން ތަރި ފިލް ފޯޑެން ވަނީ އެ ފަހަރު ސްކޮޑުން ބާކީކޮށްފައެވެ.

މި މައްސަލަތަކާ ގުޅިގެން ގްރީންވުޑަށް ޔުނައިޓެޑުގެ ސަޕޯޓަރުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު، އޭނާ ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެ ޓީމުގެ އެއްބަސްވުން އިތުރު ދެ އަހަރަށް އާކޮށްފައެވެ. އެއާއެކު ގްރީންވުޑް ޔުނައިޓެޑާއެކު މިހާރު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2025 ވަނަ އަހަރުގެ ޖޫން މަހުއެވެ.

- ކޮމެންޓް