ކ. މާލެ
|
2 ފެބްރުއަރީ 2022 | ބުދަ 13:18
ވިޓަމިން ޑީ އަދި ފިޝް އޮއިލް ސަޕްލިމެންޓް
ވިޓަމިން ޑީ އަދި ފިޝް އޮއިލް ސަޕްލިމެންޓް
އުމުރުން ދުވަސްވީމަ ޖެހޭ ބަލިތަކުން ރައްކާތެރިވުން
ވިޓަމިން ޑީ އަދި ފިޝް އޮއިލް ސަޕްލިމެންޓުން، އުމުރުން ދުވަސްވުމުން ޖެހޭ ބައެއް ބަލިތަކުން ރައްކާތެރިކޮށްދޭ
 
މި ސަޕްލިމެންޓުތައް ނެގުމުގެ ކުރިން ޑޮކްޓަރެއްގެ ލަފާ ހޯދަންޖެހޭ
 
އުމުރުން ދުވަސްވުމުން އާތިރައިޓިސް، ތައިރޮއިޑް އަދި ގައިގެ އެކި ތަންތަނުގައި ރިއްސުން ފަދަ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވޭ

އުމުރުން ދުވަސްވާ ވަރަކަށް ޖެހޭ ބަލިތަކުގެ ތެރޭގައި "އޮޓޯއިމިއުން" ބަލިތައް މިހާރަކަށް އައިސް ވަރަށް ގިނައިން ފެންނަމުންދެއެވެ.

'އޮޓޯއިމިއުން" ބަލިތަކަކީ ހަށިގަނޑުގައި ހުންނަ ސެލްތަކަކީ އެމީހެއްގެ އަމިއްލަ ސެލްތަކެއްތޯ ނުވަތަ 'ފޮރިން ސެލް' ތަކެއްކަން އެމީހެއްގެ ހަށިގަނޑަށް ދެނެގަންނަށް އުނދަގޫވެ، ރަނގަޅު ސެލްއަކަށް ދެވޭ ހަމަލާއެއްގެ ސަބަބުން ޖެހޭ ބަލިތަކެވެ. މިގޮތުން މިފަދަ ކަންކަމުގެ ސަބަބުން އުމުރުން ދުވަސްވީ ގިނަ މީހުންގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކޮށްލެވޭ ބަލިތަކުގެ ތެރޭގައި ހިމެނެނީ އާތިރައިޓިސް ނުވަތަ ހުޅުތައް ދުޅަވެ ތަދުވުމާއި، ހަކުރު ބައްޔާއި، ތައިރޮއިޑަށް ޖެހޭ ބަލިތަކާއި، ގައިގެ އެކި ތަންތަނުގައި ރިއްސުން ފަދަ ބަލިތަކާއި އަދިވެސް މިނޫން އެހެނިހެން ބަލިތަކެވެ.

މިފަދަ ބަލިތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އުމުރުން ދުވަސްވީ އެތައް ބަޔަކު ތަހައްމަލްކުރަމުންދާ ބަލިތަކެކެވެ. އުމުރުން ދުވަސްވާ ވަރަކަށް މިފަދަ ބަލިތައް ޖެހޭ މިންވަރު ގިނަވި ނަމަވެސް މިފަދަ ބަލިތައް ޖެހުމުން ރައްކާތެރިވެ ތިބުމަށް ކުރެވޭނެ ކަންކަން ވަރަށްވެސް ގިނައެވެ. މިގޮތުން ހާވަރޑް މެޑިކަލް ސްކޫލުން ހަދާފައިވާ ދިރާސާއަކުން ދައްކާ ގޮތުން ކޮންމެ ދުވަހަކުވެސް ގަވާއިދުން ވިޓަމިން ޑީ އަދި ފިޝް އޮއިލް ސަޕްލިމެންޓް ކާނަމަ މިފަދަ ބަލިތަކުން ދުރުކޮށްދެއެވެ.

ހާވަރޑް މެޑިކަލް ސްކޫލްގެ މި ދިރާސާއަކީ އަންހެނުންނާއި ފިރިހެނުން ހިމެނޭހެން 25،871 މީހުންގެ މެދުގައި ހަދާފައިވާ ދިރާސާއެކެވެ. މި ދިރާސާގައި ބައިވެރިވެވަފައިވަނީ އުމުރުން 50 އަހަރުން މަތީގެ މީހުންނެވެ. މިއީ ވިޓަމިން ޑީ އިންނާއި، ފިޝް އޮއިލް ސަޕްލިމެންޓުން ކެންސަރާއި ހިތުގެ ބަލިތައް އަދި ސްޓްރޯކް ޖެހުމުން ދުރުކޮށްދޭތޯ ބެލުމަށް ހަދާފައިވާ ދިރާސާއެކެވެ. އެހެންނަމަވެސް މިފަދަ އެއްވެސް ކަމަކުން ރައްކާތެރިކޮށްދޭކަމެއް ދިރާސާއަށް ފާހަގައެއް ނުކުރެވުނެވެ. އޭގެ ބަދަލުގައި "އޮޓޯއިމިއުން" ބަލިތަކުން ރައްކާތެރިކޮށްދޭކަން ވަނީ ފާހަގަކުރެވިފައެވެ.

މިގޮތުން ފަސް އަހަރު ވަންދެން 2،000 އިންޓަރނޭޝަނަލް ޔުނިޓު (އައިޔޫ) ގެ ވިޓަމިން ޑީ3 ނެގި މީހުންގެ ތެރެއިން އޮޓޯއިމިއުން ބަލިތައް ދެނެގަނެވުނު މީހުންގެ އަދަދު 22 އިންސައްތައަށް ދަށްވެފައިވާކަމަށް މި ދިރާސާއިން ދައްކާފައިވެއެވެ. އަދި އުމުރުން 50 އަހަރުން މަތީގެ މީހުން ދެ އަހަރުވަންދެން ކޮންމެ ދުވަހަކު ވިޓަމިން ޑީ ބޭނުންކުރުމުން މިފަދަ ބަލިތަކުން ރައްކާތެރިކޮށްދިން މިންވަރު 39 އިންސައްތައަށް އިތުރުވެފައިވާކަމަށްވެސް މި ދިރާސާއިން ވަނީ ދައްކާފައެވެ.

އެހެންނަމަވެސް ވިޓަމިން ޑީ ބޭނުންކުރަން ފެށުމުގެ ކުރިން ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިންމުކަމަށް މި ދިރާސާގައި ފާހަގަކޮށްފައިވެއެވެ. ވަކިން ޚާއްސަކޮށް ޅަ އުމުރުގެ މީހުން އަދި މެދުއުމުރުގެ މީހުން ވިޓަމިން ޑީ ބޭނުންކުރަން ފެށުމުގެ ކުރިން ޑޮކްޓަރެއްގެ ލަފާ ހޯދުމަށް އިރުޝާދު ދީފައިވެއެވެ. އަމިއްލައަށް ވިޓަމިން ޑީ ބޭނުންކުރަން ފަށައިފިނަމަ ކަށިތަކުގައި ރިއްސުމާއި، ކިޑްނީއަށް އޭގެ ނޭދެވޭ އަސަރު ކުރުން އެކަށީގެންވެއެވެ. އަދި ބޭނުންކުރާނެ ޑޯޒްއެއްވެސް ޑޮކްޓަރުގެ ލަފާގެ މަތިން ކަނޑައެޅުން ބުއްދިވެރިކަމަށް ދިރާސާގައި ފާހަގަކޮށްފައިވެއެވެ.

ވިޓަމިން ޑީގެ އިތުރުން ފިޝް އޮއިލް ސަޕްލިމެންޓުންވެސް މިފަދަ ބަލިތައް ޖެހުމުން ދުރުކޮށް ދިނުމުގެ ފުރުސަތު އޮތްކަމަށް މި ދިރާސާއިން ވަނީ ދައްކާފައެވެ. މިގޮތުން 1،000 ގްރާމުގެ އޮމެގާ-3 ފެޓީ އެސިޑުން މިފަދަ ބަލިތައް ޖެހުމުން ދުރުކޮށްދޭކަމަށް ދައްކާފައިވީ ނަމަވެސް ވިޓަމިން ޑީއާ އެއްކޮށް މިފަދަ ބަލިތައް ޖެހުމުން ދުރުކޮށްދޭ މިންވަރު އިތުރުވާކަމަށް މި ދިރާސާއިން ވަނީ ހާމަވެފައެވެ.

މި ދިރާސާއާއެކު މިވަނީ އުމުރުން ދުވަސްވުމުން ޖެހޭ ނުރައްކާތެރި އެކި ބަލިތަކުން ރައްކާތެރިވެވޭނެ މަގެއް ފަހިވެފައެވެ. ދުޅަހެޔޮ ސިއްހަތެއްގައި ގިނަ ދުވަސް ވަންދެން ދިރިއުޅުމުގެ ފުރުސަތު ލިބޭނެ މަގެއް ފަހިވެފައެވެ. އެހެން ނަމަވެސް މި ސަޕްލިމެންޓްތައް ބޭނުންކުރަން ފެށުމުގެ ކުރިން މިކަމުގައި ޑޮކްޓަރެއްގެ ލަފާ ހޯދުން ބުއްދިވެރިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
45%
27%
0%
18%
9%
0%
ކޮމެންޓް