ކ. މާލެ
|
2 ފެބްރުއަރީ 2022 | ބުދަ 06:45
ލަންޑަންގެ އޮކްސްފޯރޑް ސްޓްރީޓްގައި މާސްކު އަޅައިގެން މީހުން ހަރަކާތްތެރިވަނީ
ލަންޑަންގެ އޮކްސްފޯރޑް ސްޓްރީޓްގައި މާސްކު އަޅައިގެން މީހުން ހަރަކާތްތެރިވަނީ
ރޮއިޓަރސް
ކޮވިޑް-19 އިނގިރޭސިވިލާތުގެ ހާލަތު
އޮމިކްރޯނާއެކު އިނގިރޭސިވިލާތުގައި ތަކުރާރުކޮށް ކޮވިޑް ޖެހޭ މީހުންގެ އަދަދުތައް މައްޗަށް
އޮމިކްރޯން ވޭރިއަންޓާއެކު ތަކުރާރުކޮށް ކޮވިޑް ޖެހޭ މީހުންގެ އަދަދު 2021 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން ވަނީ މައްޗަށް ދާން ފަށާފައި
ޑިސެމްބަރ މަހުގެ 6 ވަނަ ދުވަހާއި ހަމައަށް ތަކުރާރުކޮށް ކޮވިޑް ޖެހޭ މީހުންގެ އަދަދު އިނގިރޭސިވިލާތުގައި ހުރީ 2 އިންސައްތައަށްވުރެ ދަށުގައި
އިނގިރޭސިވިލާތުގައި މިހާތަނަށް ތަކުރާރުކޮށް ކޮވިޑް ޖެހިފައިވާ ކޭސްތަކުގެ އަދަދު ހުރީ 588,000ގައި

އިނގިރޭސިވިލާތުގައި މިހާރު ފެންނަމުންދާ ކޮވިޑް ކޭސްތަކުގެ ތެރެއިން ތަކުރާރުކޮށް ކޮވިޑް ޖެހޭ މީހުންގެ ކޭސްތަކުގެ އަދަދު މިހާރު ހުރީ 10 އިންސައްތައިގައި ކަމަށް ރޮއިޓަރސްއިން ބުނެފިއެވެ.

އިނގިރޭސިވިލާތުގެ ހެލްތު ސެކިޔުރިޓީ އެޖެންސީން ކޮވިޑްގެ ޑާޓާތައް ގުނާގޮތަށް ގެނައި ބަދަލާއެކު ރޮއިޓަރސްއިން ވަނީ އެޑާޓާތައް އެނަލައިސްކޮށްފައެވެ. އިނގިރޭސިވިލާތުން މިހާރު ކޮވިޑްގެ ކޭސްތައް ކޮންމެ ދުވަހަކުވެސް ހާމަކުރަމުން އަންނަނީ ތަކުރާރުކޮށް ކޮވިޑް ޖެހިފައިވާ މީހުންގެ އަދަދުތައް ހިމަނައިގެންނެވެ.

އެގޮތުން ހާމަކުރަމުންދާ އަދަދުތަކަށް ބަލާއިރު އޮމިކްރޯން ވޭރިއަންޓާއެކު ތަކުރާރުކޮށް ކޮވިޑް ޖެހޭ މީހުންގެ އަދަދު 2021 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން ވަނީ މައްޗަށް ދާން ފަށާފައެވެ.

އިނގިރޭސިވިލާތުގެ ހެލްތު ސެކިޔުރިޓީ އެޖެންސީން ބުނާގޮތުގައި އޮމިކްރޯން ވޭރިއަންޓާއެކު ކުރިމަތިވި ރާޅު އައުމާ ހަމައަށް ކޮވިޑް-19 ތަކުރާރުކޮށް ޖެހޭ މިންވަރު ހުރީ ވަރަށް ދަށުގައެވެ. ނަމަވެސް އޮމިކްރޯން އާއެކު މަންޒަރު ވަނީ ބަދަލުވާން ފަށާފައެވެ.

ޑިސެމްބަރު މަހުގެ 6 ވަނަ ދުވަހާއި ހަމައަށް ތަކުރާރުކޮށް ކޮވިޑް ޖެހޭ މީހުންގެ އަދަދު އިނގިރޭސިވިލާތުގައި ހުރީ 2 އިންސައްތައަށްވުރެ ދަށުގައެވެ. އެގޮތުގައި 6 މަސް ވަންދެން އިނގިރޭސިވިލާތުގައި ކޭސްތައް ހުއްޓެވެ.

ނަމަވެސް 2022 ވަނަ އަހަރުގެ މިހިސާބަށް އައިއިރު ތަކުރާރުކޮށް ކޮވިޑް ޖެހޭ މީހުންގެ އިންސައްތަ މިހާރު ހުރީ 9.9 އިންސައްތައިގައި ކަމަށް ރޮއިޓަރސް އިން ބުނެއެވެ.

އިޓަލީގެ ނޭޝަނަލް ހެލްތު އިންސްޓިޓިއުޓް އޮފް ހެލްތުގެ ސްޕޯކްސްމަން ވިދާޅުވީ އެގައުމުގައި މިވަގުތު ތަކުރާރުކޮށް ކޮވިޑް ޖެހޭ މީހުންގެ އިންސައްތަ ހުރީ 3 އިންސައްތައިގަކަމަށެވެ. އޮމިކްރޯންގެ ކުރިން އެއަދަދު ހުރީ 1.5 އިންސައްތައިގައެވެ.

އިނގިރޭސިވިލާތުގެ ހެލްތު ސެކިޔުރިޓީ އެޖެންސީން ބުނާގޮތުގައި މިހާތަނަށް ތަކުރާރުކޮށް ކޮވިޑް ޖެހިފައިވާ ކޭސްތަކުގެ އަދަދު ހުރީ 588,000 ގައެވެ. އިނގިރޭސިވިލާތުގައި ކޮވިޑް ޖެހިފައިވާ މީހުންގެ އަދަދު 17.3 މިލިއަނަށް އަރައެވެ.

އެންމެ ފުރަތަމަ ތަކުރާރުކޮށް ކޮވިޑް ޖެހިގެން އިނގިރޭސިވިލާތުގައި ކޭހެއް ރިކޯޑް ކޮށްފައިވަނީ 2020 ވަނަ އަހަރުގެ ޖޫން މަހުގެ 19 ވަނަ ދުވަހުއެވެ.

އިނގިރޭސިވިލާތުން ކުރިން ކޮންމެ ދުވަހަކު ބަލަނީ އަލަށް ކޮވިޑް ޖެހޭ މީހުންގެ އަދަދު އެކަންޏެވެ.

- ކޮމެންޓް