ކ. މާލެ
|
1 ފެބްރުއަރީ 2022 | އަންގާރަ 19:28
އެވަޓަނާ ގުޅުނު ނެދަލެންޑްސްގެ މިޑްފީލްޑަރު ޑޮނީ ވެން ޑަ ބީކް
އެވަޓަނާ ގުޅުނު ނެދަލެންޑްސްގެ މިޑްފީލްޑަރު ޑޮނީ ވެން ޑަ ބީކް
ގެޓީ އިމޭޖަސް
ވެން ޑަ ބީކް އެވަޓަނަށް ބަދަލުވުން
ލޯނު އުސޫލުން ވެން ޑަ ބީކް އެވަޓަނަށް
އެވަޓަނުން ވަނީ ޓޮޓެންހަމުގެ ޑެލެ އަލީގެ ސޮއިވެސް ހޯދާފައި
ވެން ޑަ ބީކް ގެނައީ އައު ކޯޗު ލަމްޕާޑުގެ އެދުމުގެ މަތިން

ލޯނު އެއްބަސްވުމެއްގެ ދަށުން މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އައި ނެދަލެންޑްސްގެ މިޑްފީލްޑަރު ޑޮނީ ވެން ޑަ ބީކް އެވަޓަނަށް ބަދަލުވެއްޖެއެވެ.

އުމުރުން 24 އަހަރުގެ ވެން ޑަ ބީކް އެވަޓަނާ ގުޅުނީ މި ސީޒަނުގެ ނިޔަލަށެވެ. އެވަޓަނުން ވެން ޑަ ބީކުގެ ސޮއި ހޯދާފައިވަނީ އެ ޓީމުގެ އައު ކޯޗުގެ މަގާމަށް ހަމަޖެއްސި ފްރޭންކް ލަމްޕާޑުގެ އެދުމުގެ މަތިންނެވެ. ޗެލްސީގެ ކޯޗުގެ މަގާމުން މިދިޔަ އަހަރުގެ ޖެނުއަރީ މަހު ވަކިކުރި ލަމްޕާޑް، އެވަޓަނުގެ ކޯޗަކަށް ގެނައީ ދެ އަހަރާ ބައިގެ އެއްބަސްވުމެއްގައި، 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

ވެން ޑަ ބީކުގެ އިތުރުން މި ފަހަރުގެ ޓްރާންސްފާ ބާޒާރުގެ ފަހު ދުވަހު އެވަޓަނުން ވަނީ ލަމްޕާޑުގެ އެދުމުގެ މަތިން ޓޮޓެންހަމް ހޮޓްސްޕާއަށް ކުޅެމުން އައި އިންގްލެންޑުގެ މިޑްފީލްޑަރު ޑެލެ އަލީގެ ސޮއިވެސް ހޯދާފައެވެ. އެގޮތުން 40 މިލިޔަން ޕައުންޑުގެ ފީއަކަށް އުމުރުން 25 އަހަރުގެ އަލީ އެވަޓަނަށް ބަދަލުވިއިރު، އޭނާ އެ ޓީމާ ގުޅުނީ ދެ އަހަރާ ބައިގެ އެއްބަސްވުމެއްގައި، 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

މި ސީޒަނަށް ވެން ޑަ ބީކް އެވަޓަނަށް ބަދަލުވިއިރު، އޭނާ މީގެ ކުރިން ޔުނައިޓެޑާ ގުޅުނީ 2020 ވަނަ އަހަރުގެ އޮގަސްޓް މަހު 35 މިލިޔަން ޕައުންޑުގެ އަގަކަށެވެ. އަދި އޭނާ ވަނީ ޔުނައިޓެޑާއެކު ފަސް އަހަރުގެ އެއްބަސްވުމެއް ހަދާފައެވެ. އަދި އެ އެއްބަސްވުމުގެ ދަށުން އިތުރު އެއް އަހަރަށް ވެން ޑަ ބީކް ޔުނައިޓެޑުގައި ބެހެއްޓުމުގެ ފުރުސަތު ލިބިގެންދެއެވެ.

މީގެ ކުރިން އަޔަކްސްގައި މޮޅު ކުޅުމެއް ދެއްކި ވެން ޑަ ބީކް ޔުނައިޓެޑަށް ބަދަލުވި ނަމަވެސް، ޔުނައިޓެޑުގެ ފުރަތަމަ އެގާރައިން އޭނާއަށް މާ ގިނަ ފުރުސަތުތަކެއް ލިބިފައެއް ނުވެއެވެ. އެގޮތުން މިހާތަނަށް ޔުނައިޓެޑަށް ކުޅެދިން 50 މެޗުގައި ވެން ޑަ ބީކަށް ކާމިޔާބުކުރެވިފައިވަނީ އެންމެ ދެ ލަނޑެކެވެ.

ޔުނައިޓެޑުގައި ވެން ޑަ ބީކަށް މިހާތަނަށް އެންމެ އެދެވޭ ކުޅުމެއް ނުދެއްކުނު ނަމަވެސް، މީގެ ކުރިން އޭނާ ވަނީ އަޔަކްސްގައި ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ވެން ޑަ ބީކަކީ އަޔަކްސްއިން 2018-2019 ވަނަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ފުރުޞަތު ހޯދި ޓީމުގައި މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ. އަދި އަޔަކްސްއަށް ކުޅެދިން 175 މެޗު 41 ލަނޑު ކާމިޔާބުކޮށްފައިވާ ވެން ޑަ ބީކް ވަނީ އެ ޓީމާއެކު 2018-2019 ވަނަ އަހަރުގެ ނެދަލެންޑްސް ލީގުވެސް ކާމިޔާބުކޮށްފައެވެ.

- ކޮމެންޓް