އިތުރު އެއް އަހަރު މެންޗެސްޓާ ސިޓީގައި މަޑުކުރަން އެ ކްލަބްގެ މިޑްފިލްޑަރު ޔާޔާ ޓޫރޭ ނިންމައިފި އެވެ.
ސިޓީގައި ޓޫރޭ މަޑުކުރަން ނިންމިކަން އިއުލާންކޮށް އެ ކްލަބުން ނެރުނު ބަޔާނެއްގައި އެ ކްލަބުގެ ޑިރެކްޓާ އޮފް ފުޓްބޯލް ސިކީ ބެގިރިސްޓައިން ވިދާޅުވީ ޓޫރޭއަކީ ސިޓީއަށް ވަރަށް މުހިންމު ކުޅުންތެރިއެއް ކަމަށާއި، އޭނާ މަޑުކުރަން ނިންމި ނިންމުމުން ކްލަބަށް ކުރިޔަށް އޮތް ސީޒަނުގައި ފައިދާތަކެއް ވާނެ ކަމަށެވެ.
ފާއިތުވެދިޔަ ހަތް އަހަރު ދުވަސްތެރޭގައި ޓޫރޭ ސިޓީގައި ދައްކާފައިވަނީ މޮޅު ކުޅުމެއް ކަމަށާއި، ރަނގަޅު ލީޑާޝިޕެއް ނަގައިގެން ކްލަބަށް ގިނަ ކާމިޔާބީ ހޯދައިދިނުމުގެ މުގުލުގައި ވެސް އޭނާ ހަރަކާތްތެރިވެފައިވާ ކަމަށް ސިކީ ވަނީ ވިދާޅުވެފައެވެ.
ސިޓީގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ޓޫރޭ ބުނީ އޭނާ ބޭނުންވަނީ އެ ކްލަބާއެކު އަދިވެސް އިތުރު ކާމިޔާބީތައް ހޯދަން ކަމަށާއި، އިތުރު އަހަރެއްގައި ކުޅެން ފުރުސަތު ލިބުމުން އެކަމާ ވަރަށް އުފާވާ ކަމަށެވެ.
މީގެ އިތުރުން އޭނާ ބުނީ ސިޓީގެ ސްކޮޑު މިހާރު ވަރުގަދަވަމުން އަންނަ ކަމަށާއި، މިހާރު ކްލަބު ދަނީ ރަނގަޅު މިސްރާބަކަށް ކަމަށެވެ. އެގޮތުން ކުރިޔަށް އޮތް ދުވަސްތަކުގައި ރަނގަޅުގޮތްތަކެއް މެދުވެރިވާނެ ކަމަށް އުންމީދުކުރާކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
ބާސާ އިން 2010 ވަނަ އަހަރު ސިޓީއާ ގުޅުނު ޓޫރޭ ވަނީ އެ ކްލަބަށް މިހާތަނަށް ކުޅުނު 298 މެޗުގައި 82 ލަނޑު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އޭނާ ވަނީ މި ސީޒަނުގައި އެ ކްލަބަށް ކުޅުނު 30 މެޗުގައި ހަތް ލަނޑު ކާމިޔާބުކޮށްފައެވެ.
ޓުރޭ ހޯދުމަށް ޗައިނާގެ ކްލަބްތަކުން މަސައްކަތްކުރަމުން އަންނައިރު، ވޭތުވެދިޔަ އެއް އަހަރު ތެރޭގައި ޗައިނާގެ ޓްރާންސްފާ ރެކޯޑް ވަނީ ފަސް ފަހަރު މަތިން މުގުރާލާފައެވެ. އެގޮތުން އެންމެ ފަހުން ބޮޑު އަގުގައި ގެންދިޔަ ކުޅުންތެރިޔަކީ ޗެކްސީގެ ބްރެޒިލް ތަރި އޮސްކާއެވެ. އޮސްކާ ހޯދުމަށް ޝަންހާއީން ވަނީ މިދިޔަ ޑިސެމްބަރު މަހު 60 މިލިއަން ޕައުންޑް ހޭދަކޮށްފައެވެ.