ކ. މާލެ
|
31 ޖެނުއަރީ 2022 | ހޯމަ 12:49
ޔުނައިޓެޑަށް ކުޅެމުން އަންނަ އިންގްލެންޑުގެ ފޯވާޑް މޭސަން ގްރީންވުޑް
ޔުނައިޓެޑަށް ކުޅެމުން އަންނަ އިންގްލެންޑުގެ ފޯވާޑް މޭސަން ގްރީންވުޑް
ގެޓީ އިމޭޖަސް
ގްރީންވުޑް ހައްޔަރުކުރުން
ގެވެށި އަނިޔާގެ މައްސަލައެއްގައި ގްރީންވުޑް ހައްޔަރުކޮށްފި
ގްރީންވުޑަށް ޔުނައިޓެޑުގެ ފަރިތަކުރުންތަކާއި މެޗުތަކުގައި ބައިވެރިނުވެވޭނެ
ގްރީންވުޑުގެ ލޯބިވެރިޔާއަށް އަނިޔާކޮށްފައިވާ ފޮޓޯތަކެއް ވަނީ ލީކުކޮށްފައި

ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ އިންގްލެންޑުގެ ޒުވާން ފޯވާޑް މޭސަން ގްރީންވުޑް ހައްޔަރުކޮށްފިއެވެ.

އާދީއްތަ ދުވަހުގެ ވަގުތެއްގައި އިންސްޓަގްރާމުގައި ގްރީންވުޑްގެ ލޯބިވެރިޔާ ވަނީ ގްރީންވުޑް ގެވެށި އަނިޔާކުރިކަން ދައްކުވައިދޭ ފޮޓޯތަކަކާއި އޯޑިއޯއެއް އާންމުކޮށްފައެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުން ގްރީންވުޑުގެ ލޯބިވެރިޔާ އަނގަމަތި ފަޅައިގެން ގޮސްފައިވާއިރު، ލީކުކޮށްފައިވާ އޯޑިއޯއިން ގްރީންވުޑް އޭނާގެ ލޯބިވެރިޔާގެ ނުރުހުމުގައި ކަންތައްތަކެއް ކުރަން އުޅޭ އަޑުތަކެއް އިވެއެވެ.

އެއާއެކު އާދީއްތަ ދުވަހުގެރޭގެ ވަގުތެއްގައި މެންޗެސްޓާގެ ފުލުހުން ވަނީ އުމުރުން 20 އަހަރުގެ ގްރީންވުޑް ހައްޔަރުކޮށްފައެވެ. މެންޗެސްޓާގެ ފުލުހުން ހާމަކޮށްފައިވާ ގޮތުން ގްރީންވުޑް ހައްޔަރުކުރީ ގެވެށި އަނިޔާގެ ތުހުމަތާއި ރޭޕް ކުރުމުގެ ތުހުމަތުގައެވެ. މި މައްސަލަ ފުލުހުން މިހާރު ތަހުގީގުކުރަމުން އަންނައިރު، މި ތުހުމަތުތަކާ ގުޅިގެން ގްރީންވުޑުގެ ފަރާތުން އަދި މިހާތަނަށް އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލައާ ގުޅިގެން ގްރީންވުޑް ހައްޔަރުކުރިއިރު، އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ޔުނައިޓެޑުން ވަނީ ވަކި ގޮތެއް އަންގަންދެން ގްރީންވުޑަށް ޔުނައިޓެޑުގެ ފަރިތަކުރުންތަކާއި މެޗުތަކުގައި ބައިވެރިނުވެވޭނެ ކަމަށް ބުނެފައެވެ. އަދި އެއްވެސް ބާވަތެއްގެ ހަމަނުޖެހުމަކީ ޔުނައިޓެޑުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން ގްރީންވުޑް ހައްޔަރުކުރިއިރު، މީގެ ކުރިންވެސް އަންހެން ކުއްޖަކާ ގުޅޭ މައްސަލައެއްގައި ގްރީންވުޑަށް ވަނީ އިންގްލެންޑުގެ ގައުމީ ފުޓްބޯޅަ ޓީމުން ފިޔަވަޅު އަޅާފައެވެ. އެގޮތުން އިންގްލެންޑް ގައުމީ ޓީމާއެކު 2020 ވަނަ އަހަރު ކުޅުނު ޔުއެފާ ނޭޝަންސް ލީގުގެ މެޗަކަށް އައިސްލެންޑަށް ގޮސް، ޓީމު ހޮޓަލަށް އަންހެން ކުދިން ގެނައި މައްސަލައެއްގައި ގްރީންވުޑާއި މެންޗެސްޓާ ސިޓީގެ ޒުވާން ތަރި ފިލް ފޯޑެން ވަނީ އެ ފަހަރު ސްކޮޑުން ބާކީކޮށްފައެވެ.

މި މައްސަލަތަކާ ގުޅިގެން ގްރީންވުޑަށް ޔުނައިޓެޑުގެ ސަޕޯޓަރުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު، އޭނާ ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެ ޓީމުގެ އެއްބަސްވުން އިތުރު ދެ އަހަރަށް އާކޮށްފައެވެ. އެއާއެކު ގްރީންވުޑް ޔުނައިޓެޑާއެކު މިހާރު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2025 ވަނަ އަހަރުގެ ޖޫން މަހުއެވެ.

- ކޮމެންޓް