އިނގިރޭސި ޕްރިމިއާ ލީގުގެ ޓޮޓެންހަމް ހޮޓްސްޕާސްއަށް އޭނާ ބޭނުންވާ ކުޅުންތެރިން ނުގަނެވޭތީ އެ ޓީމުގެ ކޯޗުކަމާއި ދާދި ފަހުން ހަވާލުވި އެންޓޯނިއޯ ކޮންޓޭ އެ ޓީމު ދޫކޮށްލަން އުޅޭކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ފިނި މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ޓޮޓެންހަމުން އަންނަނީ ކޮންޓޭ ބޭނުންވާ ކުޅުންތެރިންތަކެއް ހޯދަން މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ފޯޓޯގެ ލުއިސް ޑިއާޒް އާއި އޭސީ މިލާންގެ ފްރޭންކް ކެސިއޭ އާއި ފިއޮރެންޓީނާގެ ސޮފިއަން އަމްރަބާތު އާއި ފިއޮރެންޓީނާގެ ޑުސަން ވްލަހޮވިޗް އާއި މެންޗެސްޓާ ޔުނައިޓެޑްގެ ޖެސީ ލިންގާޑުގެ އިތުރުން ބްރައިޓަންގެ ތާރިގް ލަމްޕްޓޭ ހިމެނެއެވެ.
މީގެ ތެރެއިން ވްލަހޮވިޗް ޔުވެންޓަސްއަށް ސޮއިކޮށްފައިވާއިރު ޑިއާޒް ވަނީ ޓޮޓެންހަމްގެ ހުށަހެޅުމަށް ނޫނެކޭ ބުނެ ލިވަޕޫލާއި ގުޅެން ނިންމައިފައެވެ.
ކޮންޓޭ ބޭނުންވާ ކުޅުންތެރިންގެ ލިސްޓު އެ ޓީމާ ހަވާލުކޮށްފައިވީ ނަމަވެސް އެއްވެސް ކުޅުންތެރިއެއްގެ ސޮއި ހޯދުމާއި ގާތަށްވެސް ޓޮޓެންހަމަށް ދެވިފައެއް ނުވެއެވެ.
ކޮންޓޭ ފާހަގަވެފައިވަނީ އޭނާ ހަވާލުވާ ކޮންމެ ޓީމަކަށްވެސް ގިނަ ޝަރުތުތަކެއް ކުރާ ކޯޗެއްގެ ގޮތުގައެވެ. ޓޮޓެންހަމާ އޭނާ ހަވާލުވީވެސް އޭނާ ބޭނުންވާ ކުޅުންތެރިން ގަތުމަށް އެ ކްލަބުން ފަންޑް ދޭނެކަމުގެ ޔަގީންކަން ދިނުމާ ގުޅިގެންނެވެ. އެހެންނަމަވެސް އެ ޝަރުތާ ގާތަށްވެސް ޓޮޓެންހަމަށް ކުޅުންތެރިން ހޯދިފައިނުވާއިރު ދާދި ފަހުން އެ ކްލަބުގެ ސްޕޯޓިން ޑިރެކްޓަރު ފަބިއޯ ޕަރަޓިވީ ވެސް ވަނީ އެ ޓީމަށް ކުޅުންތެރިން ހޯދުމުގައި ދަތިތަކެއް ހުރި ކަމަށް ބުނެފައެވެ.
ރިޕޯޓްތައް ބުނާ ގޮތުން ކޮންޓޭ ބޭނުންވާ ކުޅުންތެރިން ނުގަނެވޭނަމަ އޭނާ މި ސީޒަނަށްފަހު އެ ކްލަބް ދޫކޮށްލުން ގާތެވެ. އަދި ހާލަތުގެ ގޮތުން ފިނި މޫސުމުގެ ޓްރާންސްފާ ބާޒާރު ނިމުމާއެކު ކޮންޓޭ ކްލަބް ދޫކޮށްލުންވެސް ގާތެވެ.
މި ސީޒަން ފެށިއިރު ޓޮޓެންހަމުން ޓީމު ހަވާލުކުރީ ޕޯޗުގީސްގެ ކޯޗު ނޫނޯ އެސްޕިރީޓޯ ސަންޓޯއާ އެވެ. އޭނާގެ ވަޒީފާ ގެއްލި ޓޮޓެންހަމުން ކޮންޓޭއާ ޓީމު ހަވާލުކުރީ މިދިޔަ ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހުގައެވެ. ޓޮޓެންހަމާއެކު ކޮންޓޭ ހަދާފައިވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެކެވެ.