އާނަންދު އެލް ރާއީގެ ފިލްމުގެ ސޫޓިން މުމްބައީގެ ސްޓޫޑިއޯއެއްގައި ކުރިއަށް ދަނިކޮށް ފިލްމުގެ ސެޓުގެ ސީލިންގުގެ ބޮޑުބައެއް ވެއްޓިއްޖެއެވެ.
ސީލިން ވެއްޓުނީ ސުޓޫޑިއޯގައި އެ ފިލްމްގެ ތަރި ޝާހުރުކް ޚާން ވެސް އުޅެމުން ދަނިކޮށެވެ. ސީލިންގު ވެއްޓުމުގެ ސަބަބުން އެ ފިލްމުގައި މަސައްކަތް ކުރާ ދެ ކުރޫއަކަށް ވަނީ ގެއްލުން ލިބިފައެވެ.
އެހެން ނަމަވެސް މި ނުރައްކާތެރި ހާދިސާ އިން ޝާހް ވަނީ ސަލާމަތް ވެފައެވެ. ޒަހަމްވި ދެ މީހުންނަށް މުމްބާއީ ހޮސްޕިޓަލުން ފަރުވާ ހޯދުމަށް ފަހު ވަނީ ދޫކޮށްލާފައެވެ. އިންޑިއާގެ ބައެއް ނޫސްތަކުގައި ބުނެފައި ވަނީ ޝާހުރުކް ޚާނަށް އެއްވެސް އަނިޔާއެއް ނުލިބި ސަލާމަތްވީ އޭނާ ހުރީ ސީލިންގްގެ ބައެއް ވެއްޓުނުއިރު ތަންކޮޅެއް ދުރުގައި ކަމަށް ވުމުން ކަމަށެވެ. ޚަބަރުތައް ބުނާ ގޮތުގައި ސީލިން ވެއްޓުނީ ޝޫޓިންގައި ބޭނުން ކުރަމުން އައި ހަރުގަނޑަކާ އެކުއެވެ.
މިދިޔަ ހަފްތާގައި ޝޫޓްކުރަން ފެށި އާނަންދު އެލް ރާއީގެ މި ފިލްމުގެ މަސައްކަތް ދެ ދުވަހަށް ވަނީ މެދު ކަނޑާލާފައެވެ.
މި ފިލްމަށް ކިޔާ ނަން އޭނާ ވަނީ ސިއްރުކޮށްފައެވެ. މީގެ އިތުރުން މި ފިލްމުގެ އެއްވެސް ސީނެއް ލީކުވިޔަ ނުދިނުމަށް އޭނާ ވަނީ ފިލްމުގެ ޝޫޓިން ކުރިއަށްދާއިރު ސެކިއުރިޓީ ވަރުގަދަކޮށްފައެވެ. މައުލޫމާތު ލިބޭގޮތުގައި މި ފިލްމުގައި ޝާހް ފެނިގެންދާނީ "ޑްވާފެއްގެ" ރޯލުންނެވެ. މި ފިލްމުގައި ފެނިގެންދާ ކެޓްރީނާ ކައިފް އާއި އަނުޝްކާ ޝަރްމާގެ ސީންތައް ނެގުމަށް ހަމަޖެހިފައި ވަނީ ޝާހުގެ ގިނަ މަންޒަރުތައް ނެގުމަށް ފަހު ކަމަށް ރިޕޯޓްކޮށްފައި ވެއެވެ.