ދާއިރާގެ ތަރައްޤީ އާއި ކުރިއެރުމަށްޓަކައި މަންމަ އާއި ބައްޕަ ވާދަކުރިކަމުގައި ވީނަމަވެސް އެމްޑީޕީން ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ ކެންޑިޑޭޓަށް ވޯޓުލުމަށް ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް ގޮވާލައްވައިފިއެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕެއިނަށް ޤާސިމް ކޮމަންޑޫ ދާއިރާއަށް ވަޑައިގެންފައިވަނީ އަންގާރަ ދުވަހުއެވެ. ކޮވިޑާއި ގުޅިގެން ގާތްގަނޑަށް ދެ އަހަރު ދުވަހު ވަންދެން އެކަހެރިވެވަޑައިގެން އުޅުއްވުމަށްފަހު ޖޭޕީގެ ވަފުދަކާއެކު ކޮމަންޑޫ ދާއިރާގައި ހިމެނޭ މަރޮއްޓަށް ވަޑައިގެން ޤާސިމް ވަނީ ކުރިޔަށް އޮތް ބައި އިލެކްޝަންގައި އެދާއިރާގެ ރައްޔިތުން އެމްޑީޕީ ކެންޑިޑޭޓަށް ވޯޓުދޭން ޖެހޭ ސަބަބުތައް ކިޔާދެއްވާފައެވެ. އެގޮތުން އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދު (ރާޑޯ) ހޮވަންޖެހޭ މައިގަނޑު ސަބަބެއްކަމެއް ޤާސިމް ވިދާޅުވީ ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީގެ ގޮތުގައި އެމްޑީޕީ އޮތުމެވެ.
ޤާސިމް ވިދާޅުވީ ރާޝިދު އަށް ވޯޓުދޭންވީ އެއީ އެމްޑީޕީ ކެންޑިޑޭޓަށް ވުމުން ނޫންކަމަށެވެ. އަދި އަނެއް ދެ ކެންޑިޑޭޓުންނަށް ވޯޓު ނުދޭންވީ އެއީ ވަކި ޕާޓީއަކަށް އެ ދެކެންޑިޑޭޓުން ނިސްވާތީ ނޫންކަމަށެވެ. އަދި އެމްޑީޕީއަށް ވޯޓުދޭންޖެހެނީ މިހާރު ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީއަށް ގޮނޑި ނެތިގެންވެސް ނޫންކަމަށެވެ. މިހާރުވެސް އެމްޑީޕީގެ 64 ގޮނޑި މަޖިލީހުގައި އޮތްކަން ފާހަގަކުރައްވާ ޤާސިމް ވިދާޅުވީ އެމްޑީޕީއަކީ މަޖިލީހުގައި މެޖޯރިޓީ ޕާޓީކަމަށެވެ.
ޤާސިމް ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ރައްޔިތުން ރާޝިދުއަށް ވޯޓުދޭންޖެހެނީ ކުރިޔަށް އޮތް ދެ އަހަރުވެސް ދާއިރާގެ ރައްޔިތުންނަށް އަޅާލުމެއް، އިހުސާންތެރިކަމެއް ނުވަތަ ޕްރޮޖެކްޓެއް ހިނގާނީ ދިވެހި ސަރުކާރުގެ ރުހުމާއި ރައީސްގެ ލޯތްބާއި އިހުސާންތެރިކަން ރައްޔިތުންނަށް އޮވެގެން ކަމަށްވާތީކަމަށެވެ.
ޤާސިމް ވަނީ އެހެން ވިދާޅުވާ ސަބަބު އަމިއްލަފުޅު ތަޖުރިބާއިންވެސް ހިއްސާކޮށްދެއްވާފައެވެ. އެގޮތުން 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި އަމިއްލަ ޚަރަދުގައި ދެ ކޮމަންޑޫ ގުޅުވާލައިދެއްވާނެކަމަށް ރައްޔިތުން އަރިހު ވިދާޅުވިކަމަށާއި އޭރުގެ ސަރުކާރުން ހުއްދަދީފިނަމަ އެކަން އަމިއްލަ ޚަރަދުގައި ކުރައްވާނެކަމަށް ރައްޔިތުން އަރިހު ވިދާޅުވިކަމަށް ޤާސިމް ވިދާޅުވިއެވެ. ނަމަވެސް އެމަޝްރޫޢަށް އޭރުގެ ސަރުކާރުގެ އާނ ބަސް ނުލިބުމުން އެކަން ނުވީކަމަށް ޤާސިމް ވިދާޅުވިއެވެ. ޤާސިމް ވިދާޅުވީ ދާއިރާއެއް ތަރައްޤީކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރަށް ނޯންނަކަމަށާއި މެމްބަރަށް އެންމެ ބޮޑުވަރަކަށްވެސް ކުރެވޭނެ ކަމަކީ ކަމުގެ ޕްލޭން ސަރުކާރަށް ހުށަހެޅުންކަމަށެވެ.
އެހެންވީމާ ތިޔަ ބޭފުޅުންނަށް އޮޅިވަޑައިގަންނަވައިގެން އަދި އެހެން ޕާޓީތަކުން އައިސް ދައްކާ ވާހަކަތަކެއްގެ ސަބަބުން މީހަކު ދިއްކޮށްލާ ހަދިޔާއެއްގެ ސަބަބުން، ދިއްކުރީކީ ނޫން މިދެންނެވީ، އޭގެ ސަބަބުން ހިތް ބަދަލުނުކުރައްވާށޭ. ރައްޔިތުންނަށް މިދާއިރާގެ ލޮބުވެތި ރައްޔިތުންގެ ކުރިއެރުމަށް ތަނަވަސްކަން ހޯދުމަށް ބޭނުންވާ ކަމަށްވާނަ ކޮންމެ އިރެއްގައިވެސް އެއިރެއްގެ ސަރުކާރުގައި ހުންނަ ވެރިއެއްގެ ވިސްނުމާ އެއްގޮތަށް ތިބޭފުޅުން ކަންތައްކުރައްވާށޭ.ޤާސިމް އިބްރާޙިމް/ ޖޭޕީ ލީޑަރ
ޤާސިމް ވިދާޅުވީ ފާއިތުވި 15 އަހަރު ކޮމަންޑޫ ދާއިރާގެ ގޮނޑީގައި އެމްޑީޕީ މެމްބަރަކު އިންނެވިނަމަވެސް ވެރިކަމުގައި އޮތީ އެމްޑީޕީ ނޫންކަމަށެވެ. އެހެންކަމުން ތަރައްޤީ ގެނައުމުގައި ކަންތައްތައް ވެފައި އޮތީ އެއިރެއްގެ ސަރުކާރުގެ ސިޔާސަތާއި އެއްގޮތަށްކަމަށް ޤާސިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެމްޑީޕީ ސަރުކާރުން މިހާރުވެސް ކޮމަންޑޫ ދާއިރާގެ ތަރައްޤީއަށް ގިނަ މަޝްރޫޢުތަކެއް ހިންގަމުންދާކަމަށެވެ.
އެހެންކަމުން ރައީސްކަމުގައި ހުންނަ ބޭފުޅަކު ނުވަތަ ވެރިކަމުގައި އޮތް މައި ޕާޓީ އާއި ކޯލިޝަނާއި ގުޅިފައިވާ ޕާޓީތައް ހިތުގައި ޖައްސާފައި އެހެން ޕާޓީއެއްގެ ކެންޑިޑޭޓަކު ހޮވައިގެން ވާނެ މޮޅެއް، ރަނގަޅެއް އޮތްތޯ ޤާސިމް ސުވާލު ކުރެއްވިއެވެ. ޤާސިމް ވިދާޅުވީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ތަފާތު ކަމަށެވެ. މިހާރު ހުރިހާ ބާރެއް އޮތީ ރައީސްގެ އަތްޕުޅުގައި ކަމަށާއި އެހެންކަމުން ދާއިރާގެ ތަރައްޤީ ބޭނުންނަމަ އެމްޑީޕީ ކެންޑިޑޭޓަށް ވޯޓު ދިނުމަށް ޤާސިމް ތަކުރާރުކޮށް އެދިވަޑައިގެންނެވިއެވެ.
ނަމަނަމަ ގޯހެއް ނުހައްދަވާށޭ. ގޯހަކަށް ވާނީ އެމްޑީޕީ ގެ ކެންޑިޑޭޓް ނޫން ކެންޑިޑޭޓަކު ހޮވުނީމާ. ސުޕަރ މެޖޯރޓީން ތިބޭފުޅުން ހޮއްވަވާށޭ އެމްޑީޕީގެ ކެންޑިޑޭޓް. އެއީ މިދާއިރާގެ ހުރިހާ ރައްޔިތުންނަށް އެންމެ ފައިދާ ބޮޑުގޮތް. ވަރިހަމަ އެއްބަނޑު އެއްބަފާ މީހާ ކުރިމަތިލައިގެން ހުއްޓަސް އެހެން ޕާޓީއަކުން ކުރިމަތިލައިގެން ހުރީއާ ނުހޮވާށޭ. ނުހޮވާށޭ މިދަންނަވަނީ އޭގެން ވާނެ މަންފާއެއް މިތާންގައިނެތީމާ. ކޮށްދެވޭނެ ކަމެއް ނެތީމާ.ޤާސިމް އިބްރާޙިމް/ ޖޭޕީ ލީޑަރ
ޤާސިމް އިތުރަށް ވިދާޅުވީ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އަކީ އިހުލާސްތެރި، އިހުސާންތެރި ވެރިއެއްކަން އެންމެންނަށްވެސް އެނގޭ ކަމަށެވެ. އޭގެ ސަބަބެއްގެ ގޮތުގައި ޤާސިމް ދެއްކެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ސްޕްރީމް ކޯޓުން ހުކުމް ކުރެއްވުމުންވެސް ސިފައިން ފޮނުވައިގެން ކަމެއް ނުކުރައްވާކަމަށެވެ. އަދި ރައީސް ޔާމީން މިނިވަންކަމާއެކު ސަރުކާރުން ފޯރުކޮށްދެމުންދާ ސެކިޔުރިޓީގައި އުޅުއްވާއިރު ރައީސް ޔާމީންގެ ވެރިކަމުގައި ކަންކަން ދިޔައީ އެހެން ނޫންކަމަށް ޤާސިމް ވިދާޅުވިއެވެ.
އެހެންކަމުން އިހުލާސްތެރި، އިހުސާންތެރި ވެރިއަކު ދެއްކި ކެންޑިޑޭޓަކު ހޮވުމަކީ މުހިންމު ކަމެއްކަމަށް ޤާސިމް ވިދާޅުވިއެވެ.