އިނގިރޭސި ޕްރިމިއާ ލީގުގެ ރެލިގޭޝަން ޒޯނުގައި އޮތް ވަޓްފޯޑުގެ ކޯޗަކަށް ތަޖުރިބާކާރު ކޯޗު ރޯއީ ހޮޖްސަން ހަމަޖައްސައިފިއެވެ.
އުމުރުން މިހާރު 74 އަހަރުގެ ހޮޖްސަން އަކީ މި ސީޒަނުގައި ވަޓްފޯޑަށް ކޯޗުކޮށްދޭނެ ތިންވަނަ ކޯޗެވެ. އެގޮތުން މިދިޔަ ސީޒަނުގެ ދެވަނަ ޑިވިޝަނުން ޕްރޮމޯޓްވެ، ވަޓްފޯޑަށް މި ސީޒަނުގެ ފުރަތަމަ މެޗުތަކުގައި ކޯޗުކޮށްދިނީ ސްޕެއިނުގެ ޒިސްކޯ މުނޯޒެވެ. އެކަމަކު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ޒިސްކޯ ވަކިކޮށް ވަޓްފޯޑުން ދެން ގެނައީ ކުރިން ލެސްޓާ ސިޓީ އާއި ޗެލްސީއަށް ކޯޗުކޮށްދިން ތަޖުރިބާކާރު ކޯޗު ކްލައުޑިއޯ ރަނިއޭރީއެވެ.
އެކަމަކު ރަނިއޭރީގެ ކޯޗުކަމުގައި ވަޓްފޯޑުން ކުޅުނު 14 މެޗުގެ ތެރެއިން އެ ޓީމު މޮޅުވެފައިވަނީ އެންމެ ދެ މެޗުންނެވެ. އެއާއެކު ލީގުގައި އަމިއްލަ ދަނޑުގައި ނޮރިޗް ސިޓީ އަތުން 3-0 ގެ ނަތީޖާއަކުން ބަލިވި މެޗަށްފަހު ރަނިއޭރީ ވަނީ މަގާމުން ވަކިކޮށްފައެވެ. އަދި ރަނިއޭރީ މަގާމުން ވަކިކުރިތާ 24 ގަޑިއިރު ތެރޭގައި އެ ޓީމުގެ ކޯޗަކަށް ހޮޖްސަން މިހާރު ވަނީ ހަމަޖައްސާފައެވެ.
ހޮޖްސަން އަކީ އިޓަލީގެ ޕޯޒޯ ފެމިލީން 2012 ވަނަ އަހަރު ވަޓްފޯޑް ގަތް ފަހުން އެ ޓީމަށް ގެނައި 15 ވަނަ ކޯޗެވެ. ވަޓްފޯޑުގެ ކޯޗަކަށް ހޮޖްސަން ހަމަޖެއްސިއިރު، އޭނާ އެންމެ ފަހުން ޕްރިމިއާ ލީގުގައި އިރުޝާދުދީފައި ކްރިސްޓަލް ޕެލަސްއަށެވެ. އެގޮތުން 2017 ވަނަ އަހަރު ހޮޖްސަން ޕެލަސްއާ ހަވާލުވިއިރު، އޭނާ އެ ޓީމުގެ ކޯޗުކަން ދޫކޮށްލާފައިވަނީ މިދިޔަ ސީޒަން ނިމުމުންނެވެ. އަދި ހޮޖްސަން މީގެ ކުރިން ވަނީ ލިވަޕޫލާއި، އިންޓަ މިލާނާއި، ވެސްޓް ބްރޮމްވިޗް އެލްބިއަންގެ އިތުރުން އިނގިރޭސިވިލާތުގެ ގައުމީ ޓީމުގެ ކޯޗުކަންވެސް ކޮށްފައެވެ.
މި ވަގުތު ޕްރިމިއާ ލީގުގެ ތާވަލުގެ ފުލުން ދެވަނައިގައި ވަޓްފޯޑް އޮތްއިރު، އެ ޓީމަށް ކުޅުނު 20 މެޗުން ލިބިފައިވަނީ 14 ޕޮއިންޓެވެ. ހިޖްސަންގެ އިރުޝާދުގެ ދަށުން ވަޓްފޯޑުން އެންމެ އަވަހަށް މެޗެއް ކުޅޭނީ އަންނަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހެވެ. އެ ދުވަހު ރަށުން ބޭރުގައި ވަޓްފޯޑް ނުކުންނާނީ ބާންލީއާ ދެކޮޅަށެވެ.