ވަޓްފޯޑްގެ ކޯޗަކަށް އިޓަލީގެ ތަޖުރިބާކާރު ކޯޗު ކްލައުޑިއޯ ރަނިއޭރީ ހަމަޖައްސައިފިއެވެ.
ވަޓްފޯޑްގެ ކޯޗަކަށް ކުރިން ހުރި ޒިސްކޯ މުނޯޒް އެ މަގާމުން ވަކިކުރީ އާދީއްތަ ދުވަހެވެ. އަދި މިއީ 2012 ވަނަ އަހަރުގެ ފަހުން ވަޓްފޯޑުން ކޯޗު ބަދަލުކުރި 14 ވަނަ ފަހަރެވެ. އެޓީމުން ޒިސްކޯ މުނޯޒް ވަކިކުރީ މި ސީޒަންގައި އެ ޓީމުން ނެރެމުން އަންނަ ދަށް ނަތީޖާތަކުގެ ސަބަބުންނެވެ. އެގޮތުން މި ސީޒަނުގައި އެ ޓީމުން ކުޅުނު ހަތް މެޗުން ލިބުނީ ހަތް ޕޮއިންޓެވެ. އަދި އެ ޓީމު އޮތީ އިނގިރޭސި ޕްރިމިއާ ލީގުގެ ތާވަލުގެ 15 ވަނައިގައެވެ.
އައު ކޯޗު ރަނިއޭރީ މަގާމާއި ހަވާލުވީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
ރަނިއޭރީ ވަނީ މީގެ ކުރިން 2015 – 2016 ގެ އިނގިރޭސި ޕްރިމިއާ ލީގު ލެސްޓަ ސިޓީއާއެކު ކާމިޔާބުކޮށްފައެވެ. އަދި އެންމެ ފަހުން ރަނިއޭރީ މަސައްކަތްކުރީ އިޓާލިއަން ލީގުގެ ސަމްޕްޑޯރިއާގައެވެ.
ވަޓްފޯޑަކީ ރަނިއޭރީގެ ކޯޗިންގ ކެރިޔަރުގައި އޭނާ ހަވާލުވާ 21 ވަނަ ކްލަބެވެ. މީގެ ކުރިން ޗެލްސީ، ވެލެންސިއާ، އިންޓަ މިލާން، އެތުލެޓިކޯ މެޑްރިޑް، ފިއޮރެންޓީނާ އަދި ރޯމާއަށްވެސް ރަނިއޭރީ ވަނީ އިރުޝާދު ދީފައެވެ.
ރަނިއޭރީގެ އިރުޝާދުގެ ދަށުން ވަޓްފޯޑުން ކުޅޭ ފުރަތަމަ މެޗަކަށް ވާނީ މި މަހުގެ 16 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ލިވަޕޫލާއި ދެކޮޅަށް ކުޅޭ މެޗެވެ.