ޖިނާއީ އަދުލުގެ ނިޒާމާ ގުޅުން ހުރި ފަސް މުއައްސަސާއެއް ޖުޑިޝަރީ ކޮމިޓީއަށް ހާޒިރު ކުރަން ނިންމައިފިއެވެ.
މިގޮތަށް ނިންމީ ބުދަ ދުވަހު އޮތް ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައެވެ. ކޮމިޓީގެ ބައްދަލުވުން ބާއްވާފައި މިވަނީ، ޖިނާއީ މައްސަލަތަކުގެ އަޑުއެހުންތައް ތާވަލްކުރެވޭ ގޮތާއި އެއްގޮތަށް ކުރިއަށް ނުދާ މައްސަލައާއި މެދު މަޝްވަރާ ކުރެއްވުމަށެވެ.
މި ބައްދަލުވުމުގައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށަހެޅުއްވީ، ޖިނާއި މައްސަލަތައް އޭގެ ފުރިހަމަ ގޮތުގައި އިންސާފު ހޯދައިދިނުމަށް ހުރި ދަތިތައް ދެނެގަތުމަށް ފަސް މުއައްސަސާއެއް ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ކުރުމަށެވެ. އެ ފަސް މުއައްސަސާއަކީ، މޯލްޑިވްސް ޕޮލިސް ސަރވިސް، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް، ޕޮލިސް ބޯޑުގެ މެމްބަރުން، ޖުޑީޝަލް ސަރވިސް ކޮމިޝަަން އަދި ޑިޕާރޓްމެންްޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނެވެ.
ހަސަން ލަތީފް ވިދާޅުވީ، މި މުއައްސަސާތަކުން ޖިނާއީ އިޖުރާއަތުގެ ގާނޫނާ އެއްގޮތަށް އަމަލު ކުރަމުންދޭތޯ ބަލައި ކޮމިޓީން އެކަން އޮޅުން ފިލުވަން ޖެހޭ ކަމަށެވެ. އަދި ހުރި މައްސަލަތައް ހައްލު ކުރުމަށް ކޮމިޓީއަށް ކޮށްދެވެނީ ކޮންކަމެއްތޯ ބަލައި އޮޅުން ފިލުވަން ޖެހޭ ކަމަށެވެ.
ޝަރީއަތުގައި ހިނގާ މައްސަލަތައް ލަސްކަމުގެ ޝަކުވާ ކޮމިޓީއަށް ލިބޭ ކަމަށާއި މައްސަލަތައް ދަށު ކޯޓުން ނިންމުމަށް އަހަރުތަކެއް ނަގާކަމަށާއި އެކަމަށް ހައްލު ހޯދަން ޖެހޭކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވިއެވެ. މަދަނީ މައްސަލަތައް ލަސްވަމުންދާތީ، މަދަނީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނެވިފައިވާ ކަމަށް ސިރާޖު ވިދާޅުވިއެވެ.
މައްސަލަތައް ލަސްކަން ފާހަގަކުރައްވައި، ޔާމީން ރަޝީދުގެ މަރުގެ މައްސަލަ މިސާލެއްގެ ގޮތުގައި މެމްބަރުން ނެންގެވިއެވެ. މެމްބަރުން ވިދާޅުވީ، 2017 ގައި ހިނގާދިޔަ ހާދިސާގެ މައްސަލަ ނިމިގެން ދިޔައީ ދާދި ފަހުން ކަމަށާއި، އެކަމަށްވެސް އެތަކެއް އަހަރުތަކެއް ނަގާފައިވާ ކަމަށެވެ. އަދި މައްސަލަ ނިމިގެން ދިޔައިރުވެސް ތަހުގީގު މަރުހަލާއާއި ޝަރީއަތުގެ މަރުހަލާގައިވެސް ބޮޑެތި މައްސަލަތަކެއް އެބަހުރި ކަމަށެވެ.
މުއައްސަސާތަކުގައި ތިބި މީހުން ޖަވާބުދާރީ ކުރުވުމަށް ކޮމިޓީއަށް ލިބިފައިވާ ބާރު ބޭނުންކޮށް ޖަވާބުދާރީ ކުރުވަން ޖެހޭ ކަމަށާއި، މައްސަލަތައް ހުރި ހިސާބު ދެނެގަތުމަށް މަސައްކަތް ކުރަންވެއްޖެކަމަށް މެމްބަރުން ވިދާޅުވިއެވެ. އިހުމާލުވާ މީހުން ދެނެގަނެ، އެމީހުން ބަދަލު ކޮށްގެންވެސް ސިސްޓަމް ރަނގަޅު ކުރުުމަށް މަސައްކަތް ކުރަން ޖެހޭ ކަމުގައި މެމްބަރުން ވިދާޅުވިއެވެ.
މުއައްސަސާތައް ހާޒިރުކޮށް ސުވާލު ކުރުމަށް ހަސަން ލަތީފްގެ ހުށަހެޅުމަށް ތާއީދު ކުރެއްވީ، ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒުއެވެ. މި ހުޅަހެޅުން ފާސްވީ ހާޒިރުވި މެމްބަރުންގެ އިއްތިފާގުންނެވެ.