ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ރައްޔިތުންނަށް ފިއްލަވައިގެން އެއްވެސް އިރެއްގައި ނޫޅުއްވާ ކަމަށް ޖުމްހޫރީ ޕާޓީން ބުނެފިއެވެ.
ޖޭޕީން މިހެން ބުނެފައި މިވަނީ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓުގެ ކެމްޕޭނަށް ގާސިމް ކޮމަންޑޫއަށް ވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅަށް ފާޑު ކިޔުން އަމާޒުވުމާގުޅިގެންނެވެ.
ރާއްޖެއެމްވީއަށް އެޕާޓީގެ ތަރުޖަމާނު އަލީ ސޯލިހް ވިދާޅުވީ ގާސިމް އެއްވެސް އިރެއްގައި ރައްޔިތުންނަށް ފިއްލަވައިގެން ނޫޅުއްވާ ކަމަށާއި، އަބަދުވެސް ގައުމުގެ ހާލަތު ވަރަށް ގާތުން ބައްލަވާ ކަމަށެވެ. މީގެ ކުރިން ރައްޔިތުން މަޖިލީހުގެ ޖަލްސާތަކަށް ވަޑައިނުގަންވާ އެކަހެރިވެ ހުންނެވީ ކޮވިޑް-19ގެ ހާލަތާއި ގުޅިގެން ކަމަށެވެ. އެދުވަސްވަރަކީ އަތޮޅުތެރޭގެ ރަށްރަށަށް ދަތުރުކުރެވޭ ގޮތަށް އޮތް ދުވަސްވަރެއް ނޫން ކަމަށާއި، އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ވެސް ނުޖެހޭ ކަމަށެވެ. ނަމަވެސް މިއަދު ވެސް ހާލަތު ބަދަލުވެ، ނެގެޓިވް ޕީސީއާރްއާއެކު ދަތުރުކުރެވޭ ކަމަށާއި، އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ޖެހިފައިވާ ކަމަށް އަލީ ސޯލިހު ވިދާޅުވިއެވެ.
ކޮމަންޑޫ ދާއިރާއަށް ކުރައްވާ ދަތުރުފުޅަށް އިޝާރާތް ކުރައްވައި އަލީ ސޯލިހު ވިދާޅުވީ ވަފުދުގައި ތިއްބެވި ގިނަ ބޭފުޅުންނަކީ ބޫސްޓަރ ޑޯޒު ޖައްސަވައިގެން ތިއްބެވި ބޭފުޅުން ކަމަށާއި، ހުރިހާ ބޭފުޅުން ވެސް ދަތުރުކުރައްވަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އިރުޝާދާގެ އުސޫލާ އެއްގޮތަށް ކަމަށެެވެ. އަދި ވިދާޅުވީ ގައުމު އަމާން އައްސޭރިއަކަށް ގެންދިއުމަށް ކުރާ ހުރިހާ މަސައްކަތެއްގެ ކުރީ ސަފުން ގާސިމް ފެނިވަޑައިގަންނަވާނެ ކަމަށާއި، ސިޔާސީ މައިދާނުން ދުރަށްވަޑައިނުގަންނަވާ ކަމަށެވެ.
އަލީ ސޯލިހު ވިދާޅުވީ ޖޭޕީ އޮތީ މިސަރުކާރާއެކު ކަމަށާއި، ގައުމު އާއްމު ހާލަތަށް ގެނައުމަށް ކުރަމުންދާ ހުރިހާ މަސައްކަތެއްގައި ޖޭޕީގެ އެއްބާރުލުން ލިބޭނެ ކަމަށެވެ. ފާޑު ކިޔާ ފަރާތްތަކަށް ރައްދު ދެއްވައި އަލީ ސޯލިހު ވިދާޅުވީ ގިނަ ބޭފުޅުން ސިޔާސީ މައިދާނަށް ނުކުމެ ކާމިޔާބީ ވެސް ހާސިލް ކުރެއްވީ ޖޭޕީގެ ތެރެއިން ކަމަށާއި، ލީޑަރު ގާސިމްގެ އިތުރުން ޕާޓީއަށް ވެސް ފާޑު ކިޔޭވަރުގެ ބޭފުޅެއް ސިޔާސީ މައިދާނުގައި ނުހުންނާނެކަމަށެވެ.
މީގެ އިތުރުން އަލީ ސޯލިހު ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީގެ މުހައްމަދު ރާޝިދު ކާމިޔާބު ކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. ކުރިއަށް އޮތްތަނުގައި ކެމްޕޭން ވަރަށް ބޮޑަށް ފުޅާ ކުރެވިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަންނަ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑު ދާއިރާގެ ބައި- އިލެކްޝަންގައި އެމްޑީޕީ، އެމްއެންޕީ އަދި ޕީޕީއެމްއިން ކެންޑިޑޭޓެއް ވާދަކުރެއެވެ. އެގޮތުން ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ފަރާތުން މުހައްމަދު ރާޝިދުގެ އިތުރުން އިދިކޮޅު ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އާދަމާއި، ދާދި ފަހުން އުފެއްދި ސިޔާސީ ޕާޓީ އެމްއެންޕީގެ ފަރާތުން އަބްދުލްހަންނާން އިދުރީސް ވާދަކުރެއެވެ.