ފްރެންޗް ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން ރެއިމްސް ބަލިކޮށް ތާވަލުގެ އެއްވަނައިގައި ޕީއެސްޖީން ލީޑު ދަމަހައްޓައިފިއެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޕީއެސްޖީ މޮޅުވީ ރެއިމްސް އަތުން ފަސޭހަކަމާއެކު 4-0 ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ޕީއެސްޖީން ވަނީ ލީޑު ނަގާފައެވެ. މި ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މާކޯ ވެރާޓީއެވެ. އޭގެ ފަހުން މެޗުގެ 62 ވަނަ މިނެޓުގައި ސާޖިއޯ ރާމޯސް ވަނީ ލަނޑެއް ޖަހައި، ޕީއެސްޖީގެ ލީޑު ފުޅާކޮށްދީފައެވެ. މިއީ މިދިޔަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ރެއާލް މެޑްރިޑް ދޫކޮށް ޕީއެސްޖީއަށް ބަދަލުވި ފަހުން ރާމޯސް ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.
މި މެޗުގެ 63 ވަނަ މިނެޓުގައި ޕީއެސްޖީން ވަނީ ފިނި މޫސުމުގެ ބްރޭކުގައި ހުއްޓައި ކޮވިޑް-19 އަށް ޕޮޒިޓިވްވި އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ ކުޅެން އަރުވާފައެވެ. އެއާއެކު މެސީ ތަނަވަސްކޮށްދިން ފުރުސަތަކުން، މެޗުގެ 67 ވަނަ މިނެޓުގައި ވެރާޓީ ވަނީ ޕީއެސްޖީގެ ތިންވަނަ ލަނޑު ޖަހައިދީފައެވެ. ދެން މި މެޗުގައި ޕީއެސްޖީން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު މެޗުގެ 75 ވަނަ މިނެޓުގައި ޖަހައިދިނީ ޑަނީލޯ ޕެރޭރާއެވެ.
މި މޮޅާއެކު ތާވަލުގެ އެއްވަނައިގައި ޕީއެސްޖީ އޮތީ 11 ޕޮއިންޓުގެ ލީޑަކާއެކުއެވެ. އެގޮތުން ކުޅުނު 22 މެޗުން ޕީއެސްޖީއަށް 53 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ނީސްއަށް 22 މެޗުން ލިބިފައިވަނީ 42 ޕޮއިންޓެވެ. އަދި ޕީއެސްޖީ އަތުން ބަލިވި ރެއިމްސް އޮތީ ތާވަލުގެ 14 ވަނައިގައި 22 މެޗުން 24 ޕޮއިންޓާއެކުއެވެ.