ބޫސްޓަރ ޑޯޒް ފުރިހަމަ ކުރި މީހުންގެ އަދަދު 49،142ށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާލާއިރު މިމަހުގެ 22 ވަނަ ދުވަހު 2601 މީހަކު ވަނީ ބޫސްޓަރ ޑޯޒް ޖަހާފައެވެ. އޭގެތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ބޫސްޓަރ ޑޯޒް ޖެހި 2007 މީހުންނާއި އަތޮޅުތަކުން ބޫސްޓަރ ޑޯޒް ޖެހި 594 މީހެކެވެ.
ވެކްސިންގެ ފުރަތަމަ ޑޯޒް ހޮނިހިރު ދުވަހު 17 މީހުން ވަނީ ޖަހާފައެވެ. އެއީ މާލެ ސަރަހައްދުން 14 މީހުންނާއި އަތޮޅުތަކުން 3 މީހުންނެވެ. މިއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 397،382ށް އަރާފައެވެ.
ދެވަނަ ޑޯޒް ޖަހާފައިވަނީ 28 މީހުންނެވެ. އެއީ މާލެ ސަރަހައްދުން 24 މީހުންނާއި އަތޮޅުތަކުން 4 މީހުންނެވެ. މިއާއެކު ވެކްސިންގެ ދެ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 369،151ށް އަރާފައެވެ.
ރާއްޖޭގައި މިހާރު އާންމުކޮށް ހުޅުވާލައިގެން ކޮވިޑް-19 ވެކްސިންގެ ބޫސްޓަރ ޑޯޒް ދޭން ވަނީ ފަށާފައެވެ. ކޮވިޑް-19 ވެކްސިންގެ ކަނޑައެޅިފައިވާ ޑޯޒްތައް ފުރިހަމަކޮށް 6 މަސް ފުރިހަމަ ވެފައިވާ 18 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ބޫސްޓަރ ޑޯޒެއްގެ ގޮތުގައި ފައިޒަރ ވެކްސިން އަންނަނީ ޖަހަމުންނެވެ.
އެޗްޕީއޭއިން ބުނީ، ބޫސްޓަރ ޑޯޒް ޖެހުމަށް އެޗްޕީއޭގެ ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމެންޓް ހެއްދޭނެ ކަމަށެވެ. އަދި ވެކްސިން ޖަހަން ދާއިރު އައިޑީކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންދިއުމަށާއި، ބަލީގެ އެއްވެސް އަލާމާތެއް ނެތުމާއި، ކަރަންޓީންގައި ހުރި މީހަކަށް ނުވުމާއި، ގަޔަށް ދޫ، ފަސޭހައިން ވެކްސިންޖަހާތަން ދެއްކޭނެ ހެދުމެއް ލުމަށާއި، ވެކްސިން ޖަހަން ދާއިރު ރަނގަޅަށް ކައިގެން ހުރުމަށާއި، އަމިއްލަ ފެންފުޅިއެއް ގެންދިއުމަށް އެދިފައެވެ. އަދި ވެކްސިން ޖަހަންދާއިރު އެކުގައި އެކަކަށްވުރެ ގިނައިން ނުދިއުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ.
ރާއްޖޭގައި ކުރިއަށްދާ ވެކްސިނޭޝަން ކެމްޕެއިނުގެ ތެރެއިން ޖުމްލަ 194 ވެކްސިނޭޝަން ސެންޓަރެއް މިހާރުވަނީ ގާއިމުކޮށްފައެވެ. އެއީ މާލެ ސަރަހައްދުގައި ގާއިމުކޮށްފައިވާ ނުވަ ސެންޓަރާއި، އަތޮޅުތެރޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ 185 ސެންޓަރެވެ.