މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް ދުނިޔޭގެ ގަައުމުތަކުން ޕެރިހުގައިވީ އެއްބަސްވުމުން އެމެރިކާ ބޭރުވުމަށް ނިންމައިފި ނަމަ ރައީސް ޑޮނަލްޑް ޓްރަމްޕް އާ ދެކޮޅަށް ތެދުވުމަކީ "ޔޫރަޕްގެ ޒިންމާއެއް"ކަމަށް ޔޫރަޕިއަން ކޮމިޝަނުގެ ރައީސް ވިދާޅުވެއްޖެއެވެ.
ޖީން ކްލައުޑީ ޖަންކަރ ބުދަދުވަހު ވިދާޅުވީ "އެމެރިކާއަށް ހަމަ އެހެން މި އެއްބަސްވުމުން ނުނިކުމެވޭނެ" ކަމަށައި "އެކަމުން ނުކުތުމަށް ތިނެއް ނޫނީ ހަތަރު އަަހަރު ނަގާނެ" ކަމަށެވެ.
ބާލިންގައި އޮތް ކޮންފެޑެރޭޝަން އޮފް ޖަރމަން އެމްޕްލޮޔަރސް ބައްދަލުވުމުގައި ވާހަކަދައްކަވަމުން، އެމެރިކާގެ ސަރުކާރަށް މަލާމާތުގެ ރާގެއްގައި ޖަންކަރ ވިދާޅުވީ"ލިޔެފައިވާ ބައިނަލްއަގްވާމީ ކޮންމެ އެއްބަސްވުމަކީ ފޭކް ނިއުސްއެއް ނޫން" ކަމަށެވެ.
އޭނާ ވިދާޅުވީ ޕެރިސް އެއްބަސްވުމުން ރައީސް ޓްރަމްޕް ބޭރުވެ ވަޑައިގެންފި ނަމަ އެއީ އެކަން މަސައްކަތްކުރާނެ ގޮތް ނޫން ކަމަށް ޖެހިގެން އަންނަ ދުވަހު ނުވަތަ ގަޑިއިރުތަކުގެ ތެރޭ ބުނެދިނުމަކީ ޔޫރަޕްގެ ޒިންމާއެއް ކަމަށެވެ.
ވައިޓްހައުސްގެ އޮފިޝަލް ބުދަދުވަހުގެ ހެނދުނުގެ ވަގުތެއްގައި ވިދާޅުވީ ޕެރިސް އެގްރީމެންޓުން އެމެރިކާ ބޭރުވުމަށް ރައީސް ޓްރަމްޕް ވިސްނަވަމުން ގެންދަވާ ކަމަށާއި ނަމަވެސް ފަަހުގެ ނިންމުން އަދި ނުނިންމަވާ ކަމަށެވެ.
ޓްރަމްޕްވަނީ ޕެރިސް އެއްބަސްވުން އެމެރިކާއިން ދޫކޮށްލުމަކީ އެ އެމެރިކާގެ އިގްތިސާދަށް ލިބިގެންދާނެ ބޮޑު ކާމިޔާބެއް ކަމަށް ވިދާޅުވެފައެވެ.
އެމެރިކާއިން މި އެއްްބަސްވުން ދޫކޮށްލި ނަމަވެސް ޔޫރަޕިއަން ޔޫނިއަންނާއި ޗައިނާއިން އެއްބަސްވުމަށް އަމަލުކުރާނެކަން މިހަފްތާގައި އިއުލާނެ ކުރާނެ ކަމަށް އީޔޫގެ ސީނިއަރ އޮފިޝަލްވިދާޅުވިއެވެ.
ޕެރިސް އެގްރީމަންޓަކީ ދުނިޔޭގެ ހޫނުމިން މައްޗަށްދާ އެވްރެޖް މިންވަރު ދެ ޑިގްރީ ސެލްސިއަސްއަށްވުރެ ދަށުގައި ބެހެެއްޓުމަށް ދުނިޔޭގެ ގައުމުތަކުން 2015 ވަނަ އަހަރު ވީ އެއްބަސްވުމެކެވެ. މިއީ ދުނިޔޭގެ ހުރިހާ ގައުމަކުން މިފަދަ އެއްބަސްވުމަކަށް އެއްބަސްވި ފުރަތަމަ ފަހަރެވެ.
ދުނިޔޭގެ ހޫނުމިން މައްޗަށްދާ އެވްރެޖް މިންވަރު ކުޑަކުރުމަށް ދުނިޔޭގެ ގައުމުތަކުން ވަނީ ކާބަން ބޭރުކުރާ މިންވަރު މަދުކުރުމަށް އެއްބަސްވެފައެވެ.