ކ. މާލެ
|
19 ޖެނުއަރީ 2022 | ބުދަ 19:58
ފެހެންދޫ ދަރިވަރުން ކިޔެވުމަށް ކުރި ދަތުރު
ފެހެންދޫ ދަރިވަރުން ކިޔެވުމަށް ކުރި ދަތުރު
ރާއްޖެއެމްވީ
ފެހެންދޫ ދަރިވަރުންގެ ކިޔެވުން
އެއިރު ކިޔެވީ ބޮއްކުރައެއްގެ އެހީގައި، މިއަދު ކިޔަވަނީ ލެޕްޓޮޕްގެ އެހީގައި
 
މޫސުން ގޯސްވުމުގެ ސަބަބުން އެތައް ދުވަހެއްގެ ކިޔެވުން ގެއްލުނު
 
14 އަހަރު ވަންދެން، ދަރިވަރުން 104 ކިލޯ މީޓަރުގެ ފަޅެއް ހުރަސްކޮށް ކޮންމެ ދުވަހަކު 2 ދަތުރު ކުރަންޖެހޭ

މީގެ 10 ވަރަކަށް އަހަރު ކުރިން ބ. ފެހެންދޫގެ ސްކޫލް ދަރިވަރުން ކިޔަވަން ސްކޫލަށް ފޮނުވުމަށް، ހާ ނުގޮވަނީސް ކޮނޑުގައި މުނާޖާއަޅުވައިގެން ބެލެނިވެރިން ނުކުމެއެވެ. ދަރިވަރުންގެ ކިޔެވުން ފުރިހަމަކޮށް ތައުލީމީ މި ޒަމާނުގައި ފައިތިލި ހަމަކުރުމަށް ބެލެނިވެރިން ދިޔައީ އެތަކެއް ގުރުބާނީތަކެއް ވަމުންނެވެ. ކިޔަވަން ބޮޑު ފަޅެއް ހުރަސްކޮށް ބޮއްކުރައެއްގައި ދަތުރުކުރި ހިތި ދުވަސްތައް މާޒީވެ ހިނގައްޖެއެވެ.

ފެހެންދޫ ދަރިވަރުން ސްކޫލަށް ހާޒިރުވުމާއި ނުވުން އެއިރު އޮންނަނީ ކަނޑުގެ އޮޔާއި ވަޔާއި މޫސުމަށެވެ. ބޮޑު ފަތިހާ ބެލެނިވެރިން ނިދިން މަހުރޫމުވެ އެންމެ ފުރަތަމަވެސް ކުރާ ކަމަކީ ދުނިޔޭގެ އުދަރެހަށް ބަލާލުމެވެ. ކިރިޔާވެސް ވައިބާރުވެއްޖެނަމަ ނުވަތަ އުދަރެހުން ނަގާ ކަޅުވިލާގަނޑާއެކު ބެލެނިވެރިންގެ ހިތަށް މާޔޫސްކަން ގެނުވައެވެ. ނަމަވެސް ބެލެނިވެރިންގެ ހިތްވަރަށް ކުޑަވެސް ބަދަލެއް ނާދެއެވެ. ކިތަންމެ ކަނޑު ގަދަޔަސް، ކިތަންމެ ވިއްސާރަސް ބެލެނިވެރިން ދަރިވަރުން ގޮވައިގެން ބޮކުރައެއްގައި ގޮއިދޫއަށް ދަރިވަރުން ގޮވައިގެން ދެއެވެ.

104 ކިލޯމީޓަރު ހުރަސްކޮށް ގޮއިދޫއަށް ދަރިވަރުން ގެންދެވުމުން ބެލެނިވެރިންނަށް އެ ކުރެވެނީ ލަފްޒުތަކުން ބުނެލަން ދަތި އިހުސާސެކެވެ. މިހިސާބުން ނިމުނީއެއް ނޫނެވެ. ސްކޫލް ނިންމާފައި އަނބުރާ ފެހެންދޫއަށް އަނެއްކާ ދަރިވަރުން ގެނައުމަށް ކުރަން ޖެހޭ ދަތުރު ވެސް ހަމަ މިހައި ދިގެވެ. މޫސުން ގޯސްވެއްޖެއްޔާ ބެލެނިވެރިންނާއި ދަރިވަރުން ގޮއިދޫގައި ރޭކުރާ ދުވަސްތައް ވެސް މަދެއް ނޫނެވެ.

އެތަކެއް ޒަމާންވީ މި މައްސަލައަށް ހައްލު ހޯދައި ދެއްވުމަށް ފެހެންދޫގެ ބެލެނިވެރިންނާއި ދަރިވަރުން ކުރި އާދޭހާއެކު ފުރަތަމަ ސަރުކާރަކުން ހަމަޖެއްސި ލޯންޗް، ފަޅުތެރެ ތިލަވުމުން އެންމެ އެކަށޭނެ ގޮތަކަށް ބޭނުމެއް ނުކުރެވުނެވެ. އެކަމަށް ވެސް ހައްލެއް ނުލިބުނެވެ. ދެން މި މައްސަލަ ހައްލު ކުރީ ފޮރިން މިނިސްޓްރީއާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ކުރި މަސައްކަތުން އިންޑިއާ ސަރުކާރުގެ އެހީތެރިކަމާއެކީގައެވެ.

ފެހެންދޫއާއި ގޮއިދޫއާއި ދޭތެރޭގައި ދަތުރުކުރުމަށް އެކަށޭނެ ޖާގަ ތަނަވަސް އަދި ރައްކާތެރި ލޯންޗެއް ގެނެވުނެވެ. ދަރިވަރުންނާއި ބެލެނިވެރިން މި ސަރުކާރުން ކޮށްދިން އެ ކަންތައް ބަލައިގަތީ އުފަލާއެކުގައެވެ. އަދި އެ އުފާވެރިކަމަށް ބޮޅެއް އިތުރުވެގެން ދިޔައީ ރަށުގައި ތިބެގެން ކިޔެވޭނެ އިންތިޒާމް ހަމަޖެހޭނެކަމުގެ ޔަގީންކަން މި ސަރުކާރުން ދިނުމުންނެވެ.

އެ ވައުދާއެކު މިހާރު ފެހެންދޫ ދަރިވަރުން ކިޔަވަމުންދަނީ އަމިއްލަ ސްކޫލުގައެވެ. ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ރާއްޖޭގެ އެންމެ އުހުގައި ވިދަމުންދާ ސްކޫލެއްގެ އެހީގައެވެ.

މީގެ 10 އަހަރު ކުރިން އެންމެ ފުރަތަމަ ބޮއްކުރައެއްގައި ގޮއިދޫއަށް ދަރިވަރުގެ ކިޔެވުން ފުރިހަމަ ކުރުމަށް ދަތުރުކުރަން ފެށި ބެލެނިވެރިޔާގެ އިހްސާސް ވަކިން ތަފާތެކެވެ. އެ ބެލެނިވެރިޔާ ބުނީ 2010 ވަނަ އަހަރުން ފެށިގެން އެންމެ ފުރަތަމަ މި ދަތުރުތައް ފެށި މީހާ ކަމުގައެވެ. ދަތުރު ފެށިއިރު ގެންދިޔަ ދަރިފުޅު އޯލެވެލް ނިންމާފައިވާ ކަމަށާއި، މިއަދު އުފާވެރިކަން އިތުރުވަނީ އަމިއްލަ ރަށުގައި ސްކޫލަށް ދިއުމުގެ ފުރުސަތު ލިބޭތީ ކަމަށެވެ.

އެހެން ބެލެނިވެރިޔަކު ބުނީ މީހުން ދިރިއުޅޭ ރަށެއްގައި ސްކޫލެއް ނެތުމުގެ އުނދަގޫ އިހްސާސް ކުރަން ޖެހުނު ކަމަށާއި، ވޭތުވެދިޔަ 14 އަހަރު ދުވަހު ހޭދަކުރަން ޖެހުނު ހިތްދަތި ދުވަސްތައް ނިމުމަކަށް އައުމަކީ ލިބިގެންދާ އުފާވެރިކަމެއް ކަމަށެވެ.

ދަރިވަރުންގެ ޝުއޫރުތައް އަދި މާ ތަފާތެވެ. އަވަހަށް ހޭލައި، ކުރަން ޖެހޭ ދަތުރުގެ ތަކްލީފާއި ގަޑިޖެހިގެން ސްކޫލަށް ދިއުމުގެ ޝަކުވާގެ ނިމުން އައިކަމުގެ އިހްސާސް ދަރިވަރުން މިއަދު ކުރެއެވެ.

ހަގީގަތުގައި ވެސް އަމިއްލަ ރަށުގައި 14 އަހަރު ވަންދެން ސްކޫލެއް ނެތި އުފުލަމުން އައި ތަކްލީފްތައް ނިމި، އަމިއްލަ ރަށުގެ ސްކޫލުން ކިޔެވޭނެ އިންތިޒާމް ހަމަޖެހިގެން ދިއުމަކީ ކޮންމެ ބެލެނިވެރިއަކަށް ވެސް ލިބިގެންދާނެ އަގުނުކުރެވޭ ފަދަ އުފަލެކެވެ. ޒަމާންތަކެއް ވަންދެން ހައްލު ނުހޯދައި ތިބި މި މައްސަލައަށް ހައްލެއް ލިބިގެން ދިޔައިރު، އެ ދަރިވަރުން މިއަދު ކިޔަވަނީ ޒަމާނީ އެންމެ ފަހުގެ ޓެކްނޮލޮޖީގެ އެހީގައެވެ. ރާއްޖޭގައި ނަންވިދާ ސްކޫލެއްގެ ޓީޗަރުންގެ އިރުޝާދުގެ ދަށުންނެވެ.

ސެޓެލައިޓް ސްކޫލްތަކަކީ ހައި ސްޕީޑް އިންޓަނެޓް ކަނެކްޝަނެއް މެދުވެރިކޮށް ދަރިވަރުންނަށް ވައިފައިގެ ޚިދުމަތް، ކިޔަވާ ހުރިހާ ގަޑިތަކުގައިވެސް ލިބެން ހުންނާނެ ސްކޫލްތަކެކެވެ. ސެޓެލައިޓް ސްކޫލްގެ ނިޒާމުގައި ދަރިވަރުން އެކުދިން އަމިއްލަ ރަށުގެ ސުކޫލަށް ކިޔެވުމަށް ހާޒިރުވާއިރު އެކުދިންނަށް ކިޔަވައިދެއްވާ ޓީޗަރުން ތިއްބަވާނީ މާލޭގެ ހުރަވީ ސުކޫލުގައި ގާއިމުކުރެވިފައިވާ ސެޓެލައިޓް ހަބް ސެންޓަރުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
13%
63%
0%
25%
0%
0%
ކޮމެންޓް