ކ. މާލެ
|
19 ޖެނުއަރީ 2022 | ބުދަ 18:42
ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓްތައް
ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓްތައް
ރާއްޖެއެމްވީ
ހިޔާ ފްލެޓްތަކުގެ ފިނިޝިންގ މަސައްކަތް
އެންމެ ފަހުން ހިޔާ ފްލެޓްގެ ފިނިޝިންގ މަސައްކަތުންވެސް ނެގީ ނާޖާއިޒް ފައިދާ
ފިނިޝިންގ މަސައްކަތް މާޗް މަހުގެ ނިޔަލަށް ނިންމަންޖެހޭ
އަދިވެސް ގިނަ ފްލެޓްތަކުގެ ފިނިޝިންގ ނުނިމޭ
ފިނިޝިންގ ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން ކުލި ނަގަން ފަށާނެ

ކޮންމެވެސް ކަމެއް ކުރުމަށް ބަޔަކުމީހުންގެ ނާޖާއިޒް ފައިދާ ނަގައި، ކަންކަމުގައި މީހުންނަށް ޚިޔާނާތްތެރިވާ ވާހަކަތަކަކީ މިފަހަކަށް އައިސް އަބަދުވެސް މީހުންގެ ތެރޭގައި ދެކެވޭ ވަހަކަތަކެވެ. އޭގެ ތެރޭގައި ވެރިއަކު ކަމެއްގެ ނާޖާއިޒް ފައިދާ ނަގައި، ބަޔަކަށް ޚިޔާނާތްތެރިވެގެން ނުވަތަ އެހެން ބަޔަކުވެސް މިފަދަ ކަމެއްގައި ޝާމިލްވެގެން, އެވާހަކަތައް ދައްކައެވެ.

މިގޮތުން ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވި ވާހަކައާއި، ފްލެޓް އަޅަން އެސްއޯއެފުން ގިނަ ބައެއްގެ އަތުން ފައިސާ ނަގައި އެއަށް ޚިޔާނާތްތެރިވި ވާހަކަ ފަދަ ވާހަކަތައް ދެކެވެއެވެ. މި ހުރިހާ ކަމެއްވެސް ކުރަނީ ރައްޔިތުން ކަމަކަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ވަގުތުގެ ނާޖާއިޒް ފައިދާ ނަގައިގެންނެވެ.

މިފަހަރުވެސް ދައްކަން މި އުޅެނީ ރައްޔިތު މީހާގެ ބަލިފައިގެ ނާޖާއިޒް ފައިދާ ނެގި ބައެއްގެ ވާހަކައެވެ. މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން، ހުޅުމާލެ ފޭސް 2ގައި ގާއިމްކޮށްފައިވާ ހިޔާ ފްލެޓްތައް ލިބުނު މީހުން ވަނީ އެތަންތަނަށް ވަންނަން ފަށާފައެވެ. އެހެންނަމަވެސް ފްލެޓްތަކުގެ ފިނިޝިންގ މަސައްކަތްތައް އެއްކޮށް ނިމިފައި ނެތުމުން ބައެއް އާއިލާތަކަށް އެތަނުގައި ދިރިއުޅުން ފެށުމަށް ދަތިވިއެވެ.

މާލީ ތަނަވަސްކަން ހުރި އާއިލާތަކުން ހިޔާ ފްލެޓްތަކުގެ ފިނިޝިންގ މަސައްކަތްތައް ބޮޑު އަގު ދީގެން ވަރަށް އަވަހަށް ވަނީ ނިންމާފައެވެ. އަދި ފްލެޓްތަކުގައި ދިރިއުޅެން ވަނީ ފަށާފައެވެ. އެހެންނަމަވެސް ބައެއް އާއިލާތަކުން ވަނީ އަމިއްލައަށް ބޭނުންވާ ތަކެތިވެސް ނުހޯދޭނެތީ މި މަސައްކަތް އެކި ކުންފުނިތަކާ ހަވާލުކޮށްފައެވެ. ފިނިޝިންގ މަސައްކަތް ނިންމަން ހަވާލުކުރިތާ އެތައް މަހެއް ފާއިތުވެގެން ދިޔައީއެވެ. ރާއްޖެއިން ބޭރުން ގެންނަންޖެހޭ އެއްޗެއް ގެނެސްގެން މަސައްކަތް ނިންމޭހާ ދުވަސްވެސް މިހާރު ވެއްޖެއެވެ. އެހެންނަމަވެސް އަދިވެސް ފިނިޝިންގ މަސައްކަތް ނިމޭ ހިސާބަކަށް ނުދެއެވެ. ގިނަ ތަންތަނުގައި މަސައްކަތް ފަށައިގަނެފައިވެސް ނުވަނީއެވެ.

ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތް ނިންމަން ދީފައި އޮތް މުއްދަތު އިތުރު 3 މަހަށް އިތުރުކޮށްދެއްވުމަށް، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވަނީ ނިންމަވާފައެވެ. އެހެންނަމަވެސް މި މުއްދަތު އަންނަ މާޗް މަހަށް ހަމަވާނެއެވެ. ފިނިޝިން މަސައްކަތް ނިންމަން ދީފައި މި އޮތް މުއްދަތުގައި ފްލެޓްތަކުން ކުލި ނުނަގާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. މި މުއްދަތު ހަމަވުމުން ފްލެޓް ލިބުނު މީހުންގެ އަތުން ކުލި ނަގަން ފަށާނެއެވެ.

ފެލްޓްތަކުން ކުލި ނަގަން ފަށާ މުއްދަތު ކައިރިވަމުން އަންނައިރު އަދިވެސް ގިނަ ބަޔަކަށް ވަނީ ފްލެޓްތަކަށް ވަދެވޭނެ ވަރުވެސް ނުވެފައެވެ. ފިނިޝިންގ މަސައްކަތް ނިންމުމަށް ހަވާލުކޮށްފައިވާ ކުންފުނިތައް ވީ ތަނެއްގައި ވީއެވެ. ރައްޔިތު މީހާ ކަމަކަށް އެންމެ ބޭނުންވި ދުވަހު އެކަމެއް ކޮށްދޭނެ ކަމަށްބުނެ ގިނަ އަދަދެއްގެ ފައިސާ ނެގުމަށްފަހު މަސައްކަތް ފަށާފައެއް ނުވެއެވެ. މިއަށް ކިޔާނީ ރައްޔިތު މީހާގެ ބަލި ފައިގެ ބޭނުން ނާޖައިޒް ގޮތުގައި ހިފުމެވެ.

- ކޮމެންޓް