ކ. މާލެ
|
18 ޖެނުއަރީ 2022 | އަންގާރަ 12:27
ޅ. މަޑިވަރު އެއަރޕޯޓް
ޅ. މަޑިވަރު އެއަރޕޯޓް
ރާއްޖެއެމްވީ
މަޑިވަރު އެއާޕޯޓް އޮޕަރޭޓްކުރުން
މަޑިވަރު އެއާޕޯޓް ހިންގުމަށް އައިލެންޑް އޭވިއޭޝަނާއި ހަވާލުކޮށްފި
ޝެޑިއުލް ދަތުރުތައް އަންނަ މަހު ފެށުމަށް އަންނަނީ ތައްޔާރުވަމުން
މި އެއާޕޯޓަށް ގާތްގަނޑަކަށް 170 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވޭ

ޅ. މަޑިވަރުގައި ތަރައްޤީކޮށްފައިވާ އެއާޕޯޓް ހިންގުމަށް އައިލެންޑް އޭވިއޭޝަނާ ހަވާލުކޮށްފިއެވެ.

އައިލެންޑް އޭވިއޭޝަނަކީ ގައުމީ އެއާލައިން މޯލްޑިވިއަން އޮޕަރޭޓްކުރަމުން އަންނަ ކުންފުންޏެވެ. އައިލެންޑް އޭވިއޭޝަނާއި މަޑިވަރު އެއާޕޯޓު ހިންގަން ހަވާލު ކުރުމުގެ މަޝްވަރާތައް މީގެ ކުރިންވެސް އައީ ކުރަމުންނެވެ. ނަމަވެސް އޭރު އެއްވެސް ކުންފުންޏަކާ އެމަސައްކަތް ހަވާލުކޮށްފައެއް ނުވެއެވެ. ނަމަވެސް މިހާރު މިވަނީ އައިލެންޑް އޭވިއޭޝަނާއި ރަސްމީކޮށް އެމަސައްކަތް ހަވާލުކޮށް ކުރެއްދޫ ހޯލްޑިންގއާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގައި ސޮއިކުރެވުމާއެކު، މަޑިވަރު އެއާޕޯޓް ރަސްމީކޮށް ހުޅުވުމަށް ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ކުރެއްދޫ ހޯލްޑިންގ ލިމިޓެޑާ މޯލްޑިވިއަން ގުޅިގެން މިހާރު އަންނަނީ ކުރަމުންނެވެ. އަދި އެއާޕޯޓް ހުޅުވުމަށް ކުރަންޖެހޭ މަސައްކަތްތައް ނިމުމާއެކު މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް އަންނަ މަހު ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

މި އެއާޕޯޓަށް ޓެސްޓު ފްލައިޓު ޖައްސާފައި ވަނީ 25 ޑިސެމްބަރ 2021 ވީ ހޮނިހިރު ދުވަހުގެ ހެނދުނުއެވެ. އެ އެއާޕޯޓަށް ޖައްސާފައިވަނީ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލައިޓެކެވެ. އެ ފްލައިޓުން ބައެއް ވަޒީރުންނާއި، ބައެއް ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ކުރެއްދޫ ހޯލްޑިންގސްއާއެކު ސަރުކާރުން ތަރައްގީކުރި މި އެއާޕޯޓަށް ގާތްގަނޑަކަށް 11 މިލިއަން ޑޮލަރު (170 މިލިއަން ރުފިޔާ) ޚަރަދުކޮށްފައިވެއެވެ. ދެއަހަރު ތެރޭގައި ނިންމާ ގޮތަށް ކުރެއްދޫ ހޯލްޑިންގސްއާއެކު ސަރުކާރުން އެއާޕޯޓު އެޅުމަށް އެއްބަސްވުމުގައި ސޮއިކުރީ 29 މޭ 2018 ގައެވެ. އަދި އެހަރު ތެރޭގައި އެއާޕޯޓު ހެދުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މި އެއާޕޯޓުގެ އަމަލީ މަސައްކަތް ކޮށްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޗައިނާގެ ބީޔޫސީޖީ ކުންފުނިންނެވެ.

މަޑިވަރު އެއާޕޯޓުގެ އެއާ ޓްރެފިކް ކޮންޓްރޯލު ޓަވަރުގެ އިތުރުން، ޓާމިނަލް އިމާރާތްތަކާއި އެކޮމޮޑޭޝަން ބްލޮކެއްވެސް ވަނީ ޤާއިމުކޮށްފައެވެ. އަދި އެއާޕޯޓަށް ބޭނުންވާ ފަޔާ ލޮރީތައް މިދިޔަ އަހަރުގެ މެދު ތެރޭގައި އެ އެއާޕޯޓަށް ވަނީ ގެންގޮސްފައެވެ. މަޑިވަރު އެއާޕޯޓުގައި އޮންނާނީ 1.2 ކިލޯމީޓަރުގެ ރަންވޭއެކެވެ.

- ކޮމެންޓް