ކ. މާލެ
|
1 ޖޫން 2017 | ބުރާސްފަތި 10:15
ޗެތުރީ ބޯޅަ ހިފައިގެން މާޒިޔާ ކުޅުންތެރިން ކައިރިން ނައްޓާލަނީ
ޗެތުރީ ބޯޅަ ހިފައިގެން މާޒިޔާ ކުޅުންތެރިން ކައިރިން ނައްޓާލަނީ
އިމޭޖަސް.އެމްވީ
އޭއެފްސީކަޕް
އޭއެފްސީ ކަޕް: މާޒިޔާ ދެކެމުން އައި ހުވަފެން ޗެތުރީ ނިމުމަކަށް ގެނެސްފި
މާޒިޔާ އާއި ބެންގަލޫރަށް ލިބިފައިވަނީ އެއް އަދަދަކަށް ޕޮއިންޓް
ބެންގަލޫރު ދެވަނަ ބުރަށް ދިޔައީ ހެޑްޓު ހެޑަށް ބަލައިގެން
މާޒިޔާ ވަނީ އޭއެފްސީ ކަޕްގައި ކުރިއެރުންތަކެއް ހޯދާފައި

އޭއެފްސީ ކަޕްގެ ގްރޫޕް ޗެމްޕިއަނުންގެ ގޮތުގައި ދެވަނަ ބުރަށްދިޔުމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ދެކެމުން އައި ހުވަފެންތަކަށް އިންޑިއާ ގައުމީ ޓީމުގެ ކެޕްޓަން ސުނިލް ޗެތުރީ ނިމުމަކަށް ގެނެސްފި އެވެ.

ބުދަ ދުވަހު އިރުއޮއްސުނު އިރު ކުޅުނު މި މެޗު މާޒިޔާއާ ވާދަކޮށް ބެންގަލޫރު އެފްސީން މެޗު ކާމިޔާބުކުރީ 0-1 ގެ ނަތީޖާއަކުންނެވެ. މިއީ މާޒިޔާ އަތުން ބެންގަލޫރު ޖައްސަ ޖައްސައިގެން މޮޅުވި ތިންވަނަ ފަހަރެވެ. އެހެންނަމަވެސް ކޮންމެ ފަހަރަކު ވެސް ބެންގަލޫރަށް މާޒިޔާ ބަލިކުރެވިފައި ވަނީ އެއް ލަނޑުގެ ތަފާތުންނެވެ.

ބެންގަލޫރު ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި މާޒިޔާގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފައެވެ. އެގޮތުން ބެންގަލޫރަށް ހަމަލާއުފައްދަން ފުރުސަތު ނުދީ އެޓީމުން ވަނީ ޕާސިން ގޭމެއް ކުޅެ ރަނގަޅު ހަމަލާތަކެއް ވެސް އުފައްދާފައެވެ.

އެގޮތުން ފުރަތަމަ ހާފްގައި ލަނޑު ޖަހަން އެންމެ ރަނގަޅު ފުރުސަތެއް ވެސް ލިބިފައިވަނީ މާޒިޔާއަށެވެ. މެޗުގެ 17 ވަނަ މިނެޓުގައި ސަމޫހު ނަގައިދިން ހުރަހަކުން ރަކިޗް ބޮލުން ކުރިޔަށް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

ފުރަތަމަ ހާފް ދެ ޓީމު އެއްވަރުވެގެން ނިމުނުއިރު، ދެވަނަ ހާފް ފެށިގެން ބެންގަލޫރުން އެޓީމުގެ ކުޅުމަށް ބަދަލުތަކެއް ގެނައެވެ. އެގޮތުން އެޓީމުން ވަނީ ރަނގަޅު ކުޅުމެއް ދައްކަން މަސައްކަތްކޮށްފައެވެ. އެޓީމަށް މެޗުގައި ކުރިޔަށްދާން ފަސޭހަވީ 57 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ހިލޭ ޖެހުން އެއްފަހަރުން ކެޕްޓަން ޗެތުރީ ކާމިޔާބުކޮށް ލީޑު ހޯދައިދިނުމުންނެވެ.

ދެވަނަ ހާފްގައި މާޒިޔާ އަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ލަނޑެއްގެ ތަފާތުން ފަހަތުގައި އޮއްވާ އެޓީމުގެ ކެޕްޓަން އަދި ފޯވާޑް ލައިންގައި އެންމެ މުހިންމު ދައުރެއް އަދާކުރަމުން އަންނަ އަސަދުﷲ އަބްދުﷲ ބަދަލުކުރަން ޖެހުމެވެ. އެގޮތުން އެޓީމަށް ލަނޑު ޖެހުމަށް މައްސަލަތަކާ ކުރިމަތިވިއެވެ.

ދެވަނަ ހާފްގައި މާޒިޔާ އަށް ނަތިޖާ ހަމަހަމަކުރުމަށްވެސް ހުސް ފުރުސަތެއް ލިބުނެވެ. ޕެންލްޓީ އޭރިޔާ ތެރެއިން އަސްހަދު އަލީ (އަޑުބަރޭ) އަށް މުޅިން ހުހަށް ބޯޅައެއް ލިބިފައިވާއިރު، އޭނާ އެ ބޯޅަ ފޮނުވާލީ ގޯލު ދަނޑި ކައިރިންނެވެ.

މިފަހަރު އޭއެފްސީ ކަޕްގައި މާޒިޔާއިން ވަނީ ކުރިއެރުންތައް ހޯދާފައެވެ. އެޓީމު ވަނީ ރާއްޖޭގައި އަދި އިންޑިއާގައި މޯހަން ބާގަންވެސް ބަލިކޮށްފައެވެ. އެގޮތުން މާޒިޔާގެ މި މޮޅުތަކާއެކު ގިނަ ދުވަސްތަކަކަށްފަހު ރާއްޖޭ ކްލަބަކުން ވަނީ އިންޑިއާ ކްލަބެއް ބަލިކޮށްފައެވެ.

ގްރޫޕް ސްޓޭޖަށް ބަލާއިރު، މާޒިޔާ ވަނީ ގްރޫޕްގައި ކުޅުނު ހަ މެޗުގެ ތެރެއިން ހަތަރު މެޗު ކާމިޔާބުކޮށްފައެވެ. ބާކީ ދެ މެޗުން އެޓީމު ވަނީ ބެންގަލޫރު އަތުން ބަލިވެފައެވެ. ގްރޫޕްގައި މާޒިޔާ އާއި ބެންގަލޫރަށް އެއް އަދަދަކަށް ޕޮއިންޓް ލިބިފައިވާއިރު، އޭއެފްސީކަޕްގެ އޮނިގަނޑަށް ބަލާފައި ހެޑްޓުހެޑްއަށް ބަލައިގެން ކުރި ލިބުނީ ބެންގަލޫރު ޓީމަށެވެ. އެހެންނަމަވެސް ފައިދާ ގޯލުގެ ކުރީގައި އޮތީ މާޒިޔާއެވެ.

- ކޮމެންޓް