ބޮމެއް އޮތްކަމަށް ބުނެ މެލޭޝިއަން އެއާލައިންސް ފްލައިޓެއްގެ ކޮކްޕިޓަށް ވަންނަން މީހަކު މަސައްކަތްކޮށްފި އެވެ.
މި ފްލައިޓް މެލޭޝިއާގެ މެލްބެން އިން ކުއަލަންޕޫރަށް ދަތުކުރަމުންދަނިކޮށް ބޯޓުން ދަތުރުކުރި ފަސިންޖަރު މީހާ ބޮމެއް އޮތް ކަމަށް ބުނެ ކޮކްޕިޓަށް ވަންނަން މަސައްކަތްކުރުމުން ފްލައިޓް ވަނީ އަނބުރާ މެލްބެންއަށް ޖައްސާފައެވެ.
ފްލައިޓް އެނބުރި މެލްބެންއަށް ޖެއްސުމާއެކު އެއާޕޯޓް ސެކިއުރިޓީ އޭނާ ހައްޔަރުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަގޮތުގައި މި މައްސަލައިގައި ހައްޔަރުކުރި މީހާ ގެންދިޔައީ ފްލައިޓް ތެރެއިން ބިޑިއަޅުވައިގެންނެވެ.
ސްކައި ނިއުސް އަށް ދިން އިންޓަވިއުއެއްގައި މިކަމާ ގުޅިގެން މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު އަބްދުލް އަޒީޒް ވިދާޅުވީ ސްރީލަންކާއަށް ނިސްބަތްވާ ފަސިންޖަރު އަތުގައި ބޮމެއް އޮތްކަމަށް ބުނެ ބިރު ދެއްކިނަމަވެސް އޭނާ އަތުގައި އޮތީ ފޯނު ޗާޖު ކުރުމަށް ގެންގުޅޭ ބެޓަރީ ޕެކެއް ކަމަށެވެ. މީގެއިތުރުން މިކަންތަކުގައި އެއްވެސް މީހަކަށް ޒަހަމްނުވާކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ފްލައިޓުން ދަތުރުކުރި މީހަކު ސްކައި ނިއުސްއަށް ދިން އިންޓަވިއުއެއްގައި ބުނީ ބޮން އޮތް ކަމަށް ބުނެ ބިރުދެއްކި މީހާ ބުނީ ފްލައިޓް ގޮއްވާލާނެ ކަމަށާއި، އެ މީހާ މަސައްކަތްކުރީ ހުރިހާ އެހެން ފަސިންޖަރުން އޭނާގެ ސަމާލުކަމަށް ގެނައުމަށް ކަމަށެވެ.
މި ހާދީސާއަށްފަހު މެލްބެންއަށް އެނބުރި އައި ފްލައިޓް 14 މިނެޓުފަހުން އެނބުރި ކުއަލަންޕޫރަށް ވަނީ ފުރާފައެވެ. މި މައްސަލަ މެލޭޝިއަން އެއާލައިންސް އިން އަންނަނީ ތަހުގީގު ކުރަމުންނެވެ.