އިންޑިއާ އައުޓް ހަރަކާތުގެ ތެރެއިން ސްކޫލްތަކުގެ ފާރުގައި ލިޔެ، އިންޑިއާ ޓީޗަރުންނަށް ބޭރުތެރެއިން ފުރައްސާރަކުރުން އިތުރުވެފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އާދިއްތަ ދުވަހު އެޑިޔުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މި ފަހަކަށް އައިސް، ރާއްޖޭގެ އެކި ހިސާބުތަކުގައި ސިޔާސީ ވާދަވެރިން އިސްވެތިބެ ހިންގަމުން ގެންދާ "އިންޑިއާއައުޓް" ހަރަކާތުގެ ތެރެއިން ސްކޫލްތަކާއި ދަރިވަރުން އެއްވެ އުޅޭ ތަންތަނުގައި ބެނާތައް ހަރުކުރުމާއި ސްކޫލް ފާރުތަކުގައި އެ އިބާރާތް ބޭނުންކޮށް ގްރެފިޓީގެ ގޮތުގައި ލިޔެ، ކުރަހަމުން ގެންދިއުމާއި، އިންޑިއާ ޓީޗަރުންނަށް ބޭރުތެރެއިން ފުރައްސާރަކުރުން އިތުރުވެފައިވާކަމަށެވެ.
އެގޮތުން، ވޭތުވެދިޔަ ހަފުތާތެރޭގައި އިދިކޮޅު ސިޔާސީ ވާދަވެރިންގެ ފަރާތުން ށ. އަތޮޅުގައި ކުރިއަށްގެންދިޔަ ބައެއް ރޯލުތަކުގައި އެފަދަ ބެނާތައް ސްކޫލް ސަރަހައްދުގައި ހަރުކޮށްފައިވާ ކަމަށެވެ. އަދި ފުނަދޫގައި ކުރިއަށްގެންދިޔަ ރެލީއެއްގައި އިދިކޮޅު ސިޔާސީ ލީޑަރެއްގެ ފަރާތުން، ގޭގޭގެ ފާރުތަކުގައި އެ އިބާރާތުން ލިޔަންވެއްޖެކަމަށް ބުނެ ވާހަކަދެއްކިތާ މާ ގިނައިރުތަކެއްނުވެ، ފުނަދޫ ސްކޫލް ފާރުގެ ބޭރުގައި "އިންޑިއަން-އައުޓް" މި މޭރުމުން ލިޔެފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ބުނީ، އެ އިބާރާތްތަކަށް ބަލާއިރު ސީދާ ޓާގެޓް ކުރެވެނީ މިތަންތަނުގައި މަސައްކަތްކުރާ އިންޑިއާގެ ރައްޔިތުންނަށްކަން ފާހަގަކުރެވޭ ކަމަށާއި، ސްކޫލް މަދުރަސާ ތަކަކީ ގިނަ އަދަދަކަށް ބިދޭސީ (އިންޑިއާ) ޓީޗަރުން ވަޒީފާ އަދާކުރަމުންދާ ތަންތަނަށްވެފައި ސްކޫލް ސަރަހައްދު ތަކުގައި އެގޮތަށް ގޮވުމާއި، ބެނާތައް ހަރުކުރުމާއި، ފާރުތަކުގައި ލިޔެ ހެދުމުގެ ސަބަބުން އެތަންތަނުގައި މަސައްކަތްކުރާ ޓީޗަރުންގެ ހިތްތަކުގައި ވަނީ ބިރުވެރިކަން އުފެދިފައިވާ ކަމަށެވެ. އަދި އެމީހުންނަށް އެތަންތަނުގައި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ސްކޫލްތަކުގައި އެދެމުންދާ ކަމަށް މިނިސްޓްރީން ބުނެއެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ރާއްޖޭގައި މަސައްކަތްކުރާ އިންޑިއާ ޓީޗަރުންނަކީ އެމީހުންގެ އަމިއްލަ ވަޒަނާއި އާއިލާތައް ދޫކޮށް، ދިވެހި ޅަދަރީންނަށް އުނގަންނައިދިނުމުގެ ޚިދުމަތުގައި ޒަމާނުއްސުރެން ޚިދުމަތް ކުރަމުންދާ ބައެއް ކަމަށެވެ. ބިދޭސީ ޓީޗަރުން ހޯދުން ދަތިވެފައިވުމާއި، އަދި ރާއްޖެ ގެނެވޭ ބިދޭސީ ޓީޗަރުންނަކީ ލިބުން ދަތި މާއްދާތައް ކިޔަވައިދިނުމަށް ގެނެވޭ ބަޔަކަށްވާއިރު، މިފަދަ އަމަލުތަކުގެ ސަބަބުން އެމީހުން ވަޒީފާ ދޫކޮށްދާން ޖެހޭ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށެވެ. އަދި ސްކޫލްތަކުގެ ކިޔަވައިދިނުމަށް ބޮޑެތި ގެއްލުންތައް ކުރިމަތިވެ، މިކަމުގެ ސަބަބުން ދަރިވަރުންނަށް އިއާދަނުކުރެވޭފަދަ ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
ސިޔާސީ މަންފާއަށް ހިންގާ މިބާވަތުގެ ދަށުދަރަޖައިގެ އަމަލުތަކުގެ ސަބަބުން ދަރިވަރުންގެ އުނގެނުމާއި އުނގަންނައިދިނުމަށް އޭގެ ނުރަނގަޅު އަސަރު ފޯރަމުންދާކަން ފާހަގަކޮށް އެޑިޔުކޭޝަން މިނިސްޓްރީން ބުނީ، އެފަދަ އަމަލުތައް ކުރާ މީހުންނާއި އެފަދަ ކަންކަމުގައި ބައިވެރިވެ ހިތްވަރުދޭ މީހުންގެ އަމަލުތައް ކުށްވެރިކުރާ ކަމަށެވެ. ރާއްޖޭގެ ސްކޫލްތަކުގައި މަސައްކަތް ކުރާ ބިދޭސީ ޓީޗަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ޚާއްސަ އިސްކަމެއް ދޭނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.