ކ. މާލެ
|
16 ޖެނުއަރީ 2022 | އާދީއްތަ 17:49
ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވާހަކަދައްކަވަނީ
ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވާހަކަދައްކަވަނީ
އެމްޓީސީސީ
ރާއްޖޭގެ ތަރައްގީ
ރަށްތަކަށް އުންމީދު ގެނެސްދެއްވީ ރައީސް ސޯލިހު: މެމްބަރު ސަލީމް
ދިރިއުޅެން ފެށި ވަޒަން ދޫކޮށް، ފުރުސަތު ބޮޑު އުންމީދު އޮތްތަންތަނަށް މީހުން ހިޖުރަކުރާ މިންވަރު އިތުރު
ރާއްޖޭގެ ކޮންމެ ހިސާބަކުން ވެސް ތަރައްގީގެ މަޝްރޫއުތައް ފެނޭ
ރައީސް ސޯލިހު ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދު ފުއްދަވާ

ރަށްތަކަށް އުންމީދު ގެނެސް ރަށްވެހި ފަތިހަކަށް އަލުން އަލިވިލޭނެ ކަމުގެ އުފާވެރި ޚަބަރު ދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

މެމްބަރު ސަލީމް މިހެން ވިދާޅުވީ ހޯރަފުށީގެ މަގު ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މެމްބަރު ސަލީމް ވިދާޅުވީ، އެތައް ޒަމާންތަކެއް ކުރިން އުންމީދާއެކު ދިރިއުޅެން ފެށި ވަޒަން ދޫކޮށް، ފުރުސަތު ބޮޑު އުންމީދު އޮތްތަންތަނަށް މީހުން ހިޖުރަކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި، އެ މަންޒަރު ރާއްޖޭގެ ހުރިހާ ހިސާބަކުން ފެންނަ ކަމަށެވެ. މިއަދު ރަށްރަށުގައި ތިބީ ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުން ކަމަށްވާއިރު، ގާބިލް ތައުލީމީ ބޭފުޅުން ރަށްރަށުގައި ދިރިއުޅޭލެއް މަދު ކަމަށް ސަލީމް ވިދާޅުވިއެވެ.

ދިރާސީ ރިޕޯޓުތަކުން ދައްކާ ގޮތުގައި، ރާއްޖޭގެ ބޮޑެތި ބައިބޯ އަތޮޅުތަކާއި ރަށްތަކުގެ 50 އިންސައްތައަށްވުރެ ގިނަ މީހުން ދިރިއުޅެނީ އެމީހުންގެ އަމިއްލަ ވަޒަނުގައި ނޫންކަން ފާހަގަކުރައްވައި މެމްބަރު ސަލީމް ވިދާޅުވީ، މިއަދުގެ ސަރުކާރުން މަސައްކަތް ކުރަނީ އެކަން ބަދަލު ކުރުމަށް ކަމަށެވެ. އެގޮތުން ރަށްރަށަށް އުންމީދު ގެނެސް ރަށްވެހި ފަތިހަކަށް ރަށްތައް އަލުން އަލިވިލޭނެ ކަމުގެ އުފާވެރި ޚަބަރު ދެއްވީ ރައީސް ސޯލިހު ކަމަށާއި، ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދު ފުއްދަވަމުން ގެންދަވާ ކަމަށް މެމްބަރު ސަލީމް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެކަމަށް ސުވާލު އުފައްދާނެ އެއްވެސް ޖާގައެއް ނެތް ކަމަށާއި، ރާއްޖޭގެ ކޮންމެ ހިސާބަކުން ވެސް ތަރައްގީގެ މަޝްރޫއުތައް ކުރިއަށްދާތަން ފެންނަ ކަމަށެވެ.

ވަކިވަކި ރަށްތަކެއްގައި އަޅުގަނޑުމެން ދިރިއުޅެން ފަށާފައިވާނެ މީގެ އެތައް ހާސް އަހަރެއް ކުރިން. އެވަޒަންވެރިންގެ ހިތުގައި އުންމީދެއް ނެތް ނަމަ މިގޮތަށް ވަކިވަކިން ވަޒަންވެރިވެ ދިރިއުޅޭކަށް ނުފެށީސް. ވަކިން ޚާއްސަކޮށް އެތަންތާގައި ދިރިއުޅުމެއް އަރާސްތުކޮށް އާއިލާއެއް ބިނާކުރަން ޚިޔާލަށް ވެސް ނުގެނައީސް އެތަންތަނުގައި އުންމީދީ ކުރިމަގެއް ނެތް ކަމަށް އަޅުގަނޑުމެން ކާބަފައިންނަށް ވިސްނިފައި އޮތްނަމަ. އެތައް ސަތޭކަ އަހަރެއް ފާއިތުވެގެންދިޔައީ. މިއަދު ހަގީގަތަކީ އެ އުންމީދާއެކު އަޅުގަނޑުމެން ދިރިއުޅެން ފެށި ވަޒަން ދޫކޮށް އެއަށްވުރެ ފުރުސަތު ބޮޑު، އެއަށްވުރެ އަޅުގަނޑުމެންގެ ނަޒަރުގައި އުންމީދު އޮތްތަންނަށް ހިޖުރަކުރަން ފެށި. އޭގެ ނަތީޖާތައް ކަންބޮޑުވާ މިންވަރަށް ދިރާސާތަކުން އެބަފެނޭ. އަޅުގަނޑުމެންގެ ރަށްތަކުގައި ބާކީ ތިބި ކުޑަކުދިން ކޮޅަކާއި އުމުރުން ދުވަސްވީ މަދު ބަޔަކު. ކިޔަވައިގެން ތިބި، ގައިގައި ވަރުހުރި ނޫކަށި ފުރާގެ އަޅުގަނޑުމެންގެ ޒުވާނުންގެ ތެރެއިން ގިނަ ބަޔަކު ވަޒަންދޫކޮށް ހިނގައްޖެ. މިއީ ހަމައެކަނި އެންމެ ރަށެއްގެ ވާހަކައެއް ނޫން. މިގޮތް މިގޮތަށް ކުރިއަށްދާ ކަމަށްވާނަމަ އަޅުގަނޑުމެންގެ ކާބަފައިން މިރަށްތަކާމެދު ކުރި އުންމީދު ވިއްސިވިހާލިވިގެން މިދަނީ.
ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް

ރާއްޖޭގެ ތަރައްގީއަށް އިޝާރާތް ކުރައްވައި މެމްބަރު ސަލީމް ވިދާޅުވީ، ތަރައްގީގެ ރޮނގުން ރާއްޖެ މިދާ ސްޕީޑުގައި މިއިން ޒަމާނެއްގައި ވެސް ދިވެހި ތާރީޚުން ފެނިފައިނުވާ ކަމަށެވެ. އަދި މަޝްރޫއުތައް ހިންގައި، ތަރައްގީ ގެނައުމަށް އެމްޓީސީސީ ކުރަމުންދާ މަސައްކަތްވެސް މެމްބަރު ސަލީމް ފާހަގަކުރެއްވިއެވެ.

- ކޮމެންޓް