ކ. މާލެ
|
16 ޖެނުއަރީ 2022 | އާދީއްތަ 14:15
ސްކޫލްތައް ހުޅުވުން
ސްކޫލްތައް ހުޅުވުން
ރާއްޖެއެމްވީ
ސްކޫލްތަކުގެ ދެވަނަ ޓާމުގެ ކިޔެވުން ފެށުން
ސްކޫލްތައް ހުޅުވުނަސް ކޮވިޑާމެދު ސަމާލުކަން ދަމަހައްޓަންވާނެ
 
އޮންލައިންކޮށް ކިޔަވައިދިނުމަށްވުރެ ރަނގަޅީ ސްކޫލަށް ހާޒިރުކޮށްގެން ކިޔަވައިދިނުން
 
ސްކޫލްތައް ހުޅުވާފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުގައި
 
މިދުވަސްވަރު ރާއްޖެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު އުޅެނީ ދުވާލަކު ހާހަކާ ގާތްކުރާ ހިސާބެއްގައި

މިދުވަސްވަރަކީ މުޅި ދުނިޔޭގައިވެސް ކޮވިޑް-19ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ދުވަސްވަރެކެވެ. މުޅި ދުނިޔެއިން ރިޕޯޓްކުރާ ކޭހުގެ އަދަދު ލައްކައިން މަތީގައި އުޅޭއިރު، މިއީ ރާއްޖެއިން ފެންނަ ކޭހުގެ އަދަދުވެސް ވަރަށް ބޮޑަށް މަތިވަމުންދާ ދުވަސްވަރެކެވެ. މި ދުވަސްވަރު ދުވާލެއްގެ މައްޗަށް ރާއްޖެއިން ފެންނަ އަދަދު އުޅެނީ 900ން މަތީގައެވެ. މިވަގުތު މުޅި ދުނިޔޭގައި ފެތުރެމުންދާ އޮމިކްރޯން ވޭރިއަންޓުވެސް ރާއްޖޭގައި ދަނީ ފެތުރެމުންނެވެ.

މިފަދަ ނުރައްކާތެރި ދުވަސްވަރެއް އަނެއްކާވެސް މި ދިމާވީ ބަންދަކަށްފަހު ސްކޫލްތައް ހުޅުވުނު ދުވަސްވަރާއެވެ. މީގެ ކުރިންވެސް ކޮވިޑް-19ގެ ބިރުވެރި ހާލަތެއްގައި ގައިޑްލައިންތަކެއް ހަދައި. އެއާ އެއްގޮތަށް ދަރިވަރުން ސްކޫލަށް ހާޒިރުކޮށްގެން ކިޔަވައިދީފައިވެއެވެ. އަދި ސްކޫލަށް ނުފޮނުވޭ ވަރަށް ނުރައްކާތެރިކަން ބޮޑުވި ހާލަތެއްގައި އޮންލައިންކޮށްވެސް ކިޔަވައިދީފައިވެއެވެ. އެއީ ހަމަގައިމުވެސް މައިންބަފައިންނާއި ކުދިންނަށްވެސް އެތައް ދައްޗަކާ ކުރިމަތިލާންޖެހުނު ދުވަސްވަރެކެވެ.

އާދިއްތަ ދުވަހުން ފެށިގެން ސްކޫލްތަކުގައި ދެވަނަ ޓާމް ފަށާފައިވަނީ ދަރިވަރުން ސްކޫލަށް ހާޒިރުކޮށްގެން ކިޔަވައިދޭ ގޮތަށެވެ. އެހެންނަމަވެސް އެކި ސްކޫލްތަކުގައި އެކި ދުވަސްދުވަހު އޮންލައިންކޮށްވެސް ކިޔަވައިދެމުން ގެންދާނެއެވެ. މި ދުވަސްވަރު ދަރިވަރުން ސްކޫލަށް ހާޒިރުކޮށްގެން ކިޔެވުން ފެށުމަށް ސްކޫލްތަކުން ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. މިގޮތުން ދަރިވަރުން ސްކޫލަށް ވަންނަ ހިސާބުން، އެކުދިން ނިކުންނަންދެން ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އައިޝަތު އާތިޔާ ނަސީރު ވަނީ ވިދާޅުވެފައެވެ. މީގެ ތެރޭގައި ހުންހުރި މިންވަރު ބެލުމާއި، އަތް ސާފު ކުރުމާއި، އަބަދުވެސް މާސްކް އަޅައިގެން ތިބިތޯ ބެލުމާއި، ކުދިންގެ މެދުގައި ގައިދުރުކަން ބެހެއްޓުމާއި ގްރޫޕް ހަދައިގެން ހިންގާ ހަރަކާތްތައް މިދުވަސްވަރު ނުހިންގާނެ ކަމަށް އާތިޔާ ވިދާޅުވެފައިވެއެވެ.

މިއީ ދަރިވަރުން ސްކޫލަށް ހާޒިރުކުރުމަށް ސްކޫލްތަކުން ވެފައިވާ ތައްޔާރީތަކެވެ. މިފަދަ ހާލަތެއްގައި ދަރިވަރުން ސްކޫލަށް ފޮނުވާއިރު، ބެލެނިވެރިންނާއި ދަރިވަރުންވެސް ސަމާލުކަން ދޭންވީ ކަންކަން އެބަހުއްޓެވެ. މިގޮތުން ސްކޫލްތެރޭގައި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވިދާނެ ކަންކަން ދަރިވަރުންނަށް ކިޔައިދިނުން މުހިންމެވެ. އަދި ދަރިވަރުން އަމިއްލައަށް އެކުދިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވެންހުރި ކަންކަން ކުރުމަށް ބާރުއަޅަންޖެހެއެވެ.

މީގެކުރިން ކޮވިޑް-19ގެ އެންމެ ނުރައްކާތެރި ހާލަތުގައި ސްކޫލްތަކުގެ ކިޔެވުން ކުރިއަށްގެންދިޔައިރު، ކޮވިޑް-19 ވެކްސިން ޖަހައިގެންތިބީ ވަރަށް މަދު ސްޓާފުންތަކެކެވެ. އެހެންނަމަވެސް މިހާރު މިވަނީ ސްކޫލްތަކުގެ ހުރިހާ ސްޓާފުންހެން ވެކްސިން ފުރިހަމަކޮށްފައެވެ. އަދި ދަރިވަރުންނަށް ޚާއްސަކޮށްގެން ފަށާފައިވާ ވެކްސިނޭޝަން ޕްރޮގްރާމުގެ ތެރެއިން ގިނަ އަދަދެއްގެ ދަރިވަރުންވެސް ވަނީ ވެކްސިން ފުރިހަމަކޮށްފައެވެ. އެހެންކަމުން ވެކްސިންގެ ސަބަބުން ދަރިވަރުންނަށް ލިބޭ ރައްކާތެރިކަންވެސް އިތުރުވެގެންދާނެއެވެ.

މިފަދައިން ކޮވިޑްގެ ކޭސްތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި ސްކޫލަށް ފޮނުވައިގެން ކިޔެވުން ކުރިއަށްގެންދިއުމަށް ބައެއް ބެލެނިވެރިން ދެކޮޅު ހަދައެވެ. އެހެންނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ކިޔެވުން ކުރިއަށްގެންދާއިރު، ދަރިވަރުންނަށް ހުރި އެންމެ ރަނގަޅު ގޮތަކީ ސްކޫލަށް ހާޒިރުވެގެން ކިޔެވުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އާތިޔާ ވިދާޅުވިއެވެ. އޮންލައިންކޮށް ކިޔަވައިދިނުމަށްވުރެ ސްކޫލަށް ހާޒިރުކޮށްގެން ކިޔަވައިދިނުމުން ދަރިވަރުންނަށް އެ ކިޔަވައިދޭ އެއްޗެއް ނަގައިގަންނަންވެސް ފަސޭހަވެއެވެ. އަދި ސްކްރީނެއްގެ ކުރިމަތީގައި އިނުމުން ދިނާވާ އެހެނިހެން މައްސަލަތައް ދިމާވުންވެސް ކުޑަކޮށްދޭ ކަމަށް ދުނިޔޭގެ ފެންވަރުގައި ހަދާފައިވާ ދިރާސާތަކުންވެސް ވަނީ ދައްކާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި