ޖަރުމަން ލީގުގައި ހުކުރު ދުވަހުގެރޭ ކުޅުނު މެޗުން ފްރެއިބާގް ބަލިކޮށް ތާވަލުގެ އެއްވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކާ ދެމެދު އޮތް ޕޮއިންޓުގެ ފަރަގު ބޮރޫޝިއާ ޑޯޓްމުންޑުން ކުޑަކޮށްފިއެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޑޯޓްމުންޑް މޮޅުވީ ފަސޭހަކަމާއެކު 5-1 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ޑޯޓްމުންޑުން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ތިން ލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން މެޗުގެ ފުރަތަމަ 30 މިނެޓު ތެރޭ ޑޯޓްމުންޑުގެ ތޯމަސް މޮނިއޭ ވަނީ ދެ ލަނޑު ޖަހާފައެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ޒުވާން ތަރި އާލިން ބްރައުޓް ހާލަންޑް ވަނީ ޑޯޓްމަންޑުގެ ތިންވަނަ ލަނޑު ޖަހައިދީފައެވެ.
މި މެޗުގެ ދެވަނަ ހާފުގައި ފްރެއިބާގުން ކުޅުން ރަނގަޅުކުރިއިރު، މެޗުގެ 61 ވަނަ މިނެޓުގައި އެ ޓީމުގެ އެރްމެޑިން ޑެމިރޯވިޗް ވަނީ ލަނޑެއް ޖަހައިދީފައެވެ. އެކަމަކު އޭގެ ފަހުން މެޗުގެ 75 ވަނަ މިނެޓުގައި ހާލަންޑް ވަނީ ޑޯޓްމުންޑުގެ ހަތަރުވަނަ ލަނޑު ޖަހައިދީފައެވެ. އަދި އޭގެ 11 މިނެޓު ފަހުން ޑޯޓްމުންޑުގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްދިނީ މަހްމޫދު ދާއޫދެވެ.
މި މޮޅާއެކު ތާވަލުގެ ދެވަނައިގައި އޮތް ޑޯޓްމުންޑުން ވަނީ ބަޔާނުގެ ލީޑު ތިން ޕޮއިންޓަށް ކުޑަކޮށްފައެވެ. އެގޮތުން ކުޅުނު 18 މެޗުން 43 ޕޮއިންޓާ ތާވަލުގެ އެއްވަނައިގައި ބަޔާން އޮތްއިރު، ތާވަލުގެ ދެވަނައިގައި ޑޯޓްމުންޑް އޮތީ އެއް މެޗު އިތުރަށް ކުޅެ 40 ޕޮއިންޓާއެކުއެވެ.