ކ. މާލެ
|
15 ޖެނުއަރީ 2022 | ހޮނިހިރު 05:20
ދިވެހިރާއްޖޭގައި ބޭނުންކުރާ ޕާސްޕޯޓް
ދިވެހިރާއްޖޭގައި ބޭނުންކުރާ ޕާސްޕޯޓް
ރާއްޖެއެމްވީ
ދުނިޔޭގެ ޕާސްޕޯޓު ރޭންކިން
ދުނިޔޭގެ ޕާސްޕޯޓް ރޭންކިންގައި ރާއްޖެއަށް 58 ވަނަ
މިދިޔަ އަހަރު ރާއްޖެއަށް ލިބިފައިވަނީ ރޭންކިންގެ 66 ވަނަ
2020 ވަނަ އަހަރު ރާއްޖެއަށް ލިބިފައިވަނީ ރޭންކިންގެ 59 ވަނަ

އެކި ގައުމުތަކުން ބޭނުންކުރާ ޕާސްޕޯޓްތައް ރޭންކުކުރާ "ދަ ހެންލީ ޕާސްޕޯޓް އިންޑެކްސް"ގައި މިއަހަރު ރާއްޖެއަށް 58 ވަނަ ލިބިއްޖެއެވެ.

ގައުމުތަކުން ބޭނުންކުރާ ޕާސްޕޯޓްތައް ރޭންކު ކުރުމުގައި ބަލަނީ ދާން ބޭނުންވާ ތަނަކަށް ދިޔުމުގެ ކުރިން ވިސާ ހައްދަން ނުޖެހޭގޮތަށް ހުރޭތޯއެވެ. އެގޮތުން އެ ޕާސްޕޯޓެއް ބޭނުންކޮށްގެން ދެވެނީ ކިތައް ގައުމަށްތޯ ބަލައެވެ. އަދި ގައުމުތައް ރޭންކު ކުރަނީ އެގޮތަށް ދެވޭ ތަންތަނުގެ އަދަދުގެ ނިސްބަތުންނެވެ. މިއަހަރުގެ ލިސްޓަށް ބަލާއިރު ރާއްޖޭގެ ޕާސްޕޯޓުގައި 88 ގައުމަކަށް ނުވަތަ ތަނަކަށް (ކުރިން ވިސާ ހެއްދުމަކާ ނުލައި) ދެވެއެވެ. މިދިޔަ އަހަރު ރާއްޖެއަށް ލިބިފައިވަނީ ރޭންކިންގެ 66 ވަނައެވެ. އެއީ 87 ތަނަކަށް ދެވޭގޮތަށް އޮތުމުންނެވެ. އޭގެކުރިން 2020 ވަނަ އަހަރު ރާއްޖެއަށް ލިބިފައިވަނީ ރޭންކިންގެ 59 ވަނައެވެ. އެއީ 85 ތަނަކަށް ދެވޭގޮތަށް އޮތުމުންނެވެ.

މިއަހަރު ދުނިޔޭގެ ރޭންކިންއަށް ބަލާއިރު އެއްވަނައިގައި އޮތީ ޖަޕާނާއި ސިންގަޕޫރެވެ. އެއީ 192 ތަނަކަށް ދެވޭތީއެވެ. ދެ ވަނަގައި ޖަރުމަނާއި ދެކުނު ކޮރެއާ އޮތީ 190 ތާކަށް ވިސާއާ ނުލައި ދެވޭގޮތަށެވެ. ތިންވަނައިގައި ފިންލެންޑް, އިޓަލީ، ލަގްޒެމްބާގް އަދި ސްޕެއިން އޮތީ 189 ތާކަށް ދެވޭތީއެވެ. މިއީ މިދިޔަ އަހަރުވެސް ރޭންކިންގެ ގަދަ ތިނެއްގައި ތިބި ގައުމުތަކެވެ.

ރޭންކިންގެ އެންމެ ފުލުގައި މިއަހަރުވެސް އޮތީ އަފްޣާނިސްތާނެވެ. އެއީ 26 ތަނަކަށް ދެވޭތީއެވެ. ރާއްޖެ ހިމެނޭ ސާރކްގެ ގައުމުތަކަށް ބަލާއިރު ރާއްޖެ އުޅެނީ އެހެން ގައުމުތަކަށްވުރެ ކުރީގައެވެ. ރާއްޖެއާ އެންމެ ކައިރިން ވާދަކުރާ އިންޑިޔާއަށް ލިބިފައިވަނީ ރޭންކިންގެ 84 ވަނައެވެ. ބޫޓާނަށް 90 ވަނަ، ސްރީލަންކާއަށް 102 ވަނަ، ބަންގްލަދޭޝްއަށް 103 ވަނަ، ނޭޕާލަށް 105 ވަނަ އަދި ޕާކިސްތާނަށް 108 ވަނައެވެ.

ރޭންކުގެ އެންމެ ދަށުގައި އުޅޭ ގައުމުތަކުގެ ތެރޭގައި އިރާގާއި ސީރިއާ އަދި ޔަމަން ހިމެނެއެވެ.

މި އިންޑެކްސްގައި 199 ޕާސްޕޯޓެއްގައި 227 ގައުމަކަށް ނުވަތަ ސަރަަހައްދަކަށް ދެވޭ ގޮތްތައް ވަނީ ބަލާފައެވެ.

ދިވެހިރާއްޖޭގައި މިހާރު ބޭނުންކުރަމުން މިދާ ޕާސްޕޯޓް ބޭނުންކުރަން ފަށާފައިވަނީ 2016 ވަނަ އަހަރުއެވެ.

- ކޮމެންޓް