ކ. މާލެ
|
14 ޖެނުއަރީ 2022 | ހުކުރު 23:57
މަޑަވެލި ޕޮލިސް ސްޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
މަޑަވެލި ޕޮލިސް ސްޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
ޕޮލިސް
މަޑަވެލީ ޕޮލިސް ސްޓޭޝަން
މަޑަވެލީގައި ގާއިމްކުރި ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުވައިފި
ފުލުހުންނާއި ރައްޔިތުންގެ އެއްބާރުލުމާއެކީ މުޅި ރާއްޖޭގައި 2023 ވަނަ އަހަރު ނިމުމުގެ ކުރިން ފުލުހުންގެ ޚިދުމަތް ގާއިމް ކުރެވިގެންދާނެ
ޒިންމާއާއި ވާޖިބުތައް އެންމެ ރަނގަޅަށް އަދާކުރުމަށްޓަކައި ހެޔޮ ބަދަލުތަކެއް ފާއިތުވި ދެ އަހަރުގެ ތެރޭގައި ގެންނަން ފެށިފައިވޭ

ފުލުހުންގެ ޚިދުމަތް ލާމަރުކަޒީކޮށް، ރައްޔިތުންނާ ގާތުން ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގދ. މަޑަވެލީގައި ގާއިމްކުރި ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭންފަށައިފިއެވެ.

ގދ. މަޑަވެލީގައި ބޭއްވި ރަސްމިއްޔާތެއްގައި މަޑަވެލި ޕޮލިސް ސްޓޭޝަން ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން އަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ. ޕޮލިސް ސްޓޭޝަން ހުޅުއްވައި ދެއްވުމަށްފަހު ސްޓޭޝަނުގައި ދިވެހިރާއްޖޭ ދިދަ ނަންގަވައި ދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން އަބްދުﷲ އެވެ. އަދި ފުލުހުންގެ ދިދަ ނަންގަވައި ދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން އަބްދުﷲ ދެއްކެވި ވާހަކަފުޅުގައި، މިއަދުގެ ހާލާތުގައި އަމަން އަމާންކަން ގާއިމްކޮށް ދާޚިލީ ސަލާމަތާއި ރައްކާތެރިކަން ކަށަަވަރުކުރުމަށް އެހެން ގޮތްތަކަކުން މަސައްކަތްކޮށްގެން މެނުވީ ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަމާއި އަމާންކަން ކަށަވަރު ވެގެން ނުދާނެކަމަށާއި ވަކިން ޚާއްސަކޮށް ރާއްޖޭގެ ތަރައްގީއާއި އިގްތިސާދީ އުސްމިންތަކަަށް ދަތުރުކުރުމަށްޓަކައި ކުރެވޭ މަސައްކަތުގެ އެންމެ މުހިންމު ބަހާއަކީ އަމާންކަމާއި ރައްކާތެރިކަމާއި ސަލާމާތްތެރިކަން ކަަމަށް ސަރުކާރަށް އެނގޭކަމަށް ވިދާޅުވިއެވެ. އެހެންކަމުން 2023 ވަނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުން ޚިދުމަތް ގާއިމްކުރުމަށް ރައީސުލް ޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމަށާއި އެމަސައްކަތް ވަރަށް ބާރަށް ކުރަމުންދާކަމަށް ވިދާޅުވިއެވެ. އަދި މާތްﷲ ރަހުމަތާއެކު ފުލުހުންނާއި ރައްޔިތުންގެ އެއްބާރުލުމާއެކީ އެމަސައްކަތް 2023 ވަނަ އަހަރު ނިމުމުގެ ކުރިން ނިމިގެންދާނެކަމަށްވެސް ވިދާޅުވިއެވެ.

ފުލުހުންގެ ޚިދުމަތް ގާއިމްކުރުމަކުން ނުވަތަ ފުލުހުންގެ މަރުކަޒެއް ހުޅުވުމަކުން މަސައްކަތް އަދި ނުނިމޭކަމަށާއި އެއީ ހަގީގަތުގައި މަސައްކަތް ފަށައިގަނެވުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެ މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރެވިގެންދާނީ ފުލުހުންގެ ޚިދުމަތަކާއެކުގައި ރަށުގެ ހިންގުންތެރި ފަރާތްތައް، ޚާއްސަކޮށް ކައުންސިލް އަދި ރަށުގައި ހުރި މުއައްސަސާތައް އެކުވެ ގުޅިލާމެހިގެން ރަށުގެ މުޅި މުޖުތަމައު އަމާންކޮށް ރައްކާތެރިކޮށް ސުލްވެރިކޮށް ބޭއްވުމަށް މަގުފަހިކުރުމުން ކަމަށް ވިދާޅުވިއެވެ.

މިއަދު ފުލުހުންގެ ފަލްސަފާ ބައްޓަން ކުރެވިގެން މިދަނީ ކުށަށް އަރައިގަތުމުން ހައްޔަރުކޮށް އަދަބު ދިނުމުގެ ނިޒާމު ދޫކޮށް، ކުށަށް އަރައިގަތުމުގެ ކުރިން ކުށަކަށް މަގުފަހިވެދާނެ ކަންކަން ދެނެގަނެ އެކަންކަމުން މުޖުމަތަމުގެ އަފުރާދުން ސަލާމަތްކުރުމަށް މަސައްކަތްކުރާ ފަލްސަފާގެ ތެރެއަށް ނުވަތަ އަވައްޓެރި ފުލުހުންގެ ފަލްސަފާގެ ތެރެއަށް
މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން އަބްދުﷲ

މިރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ފުލުހުންނަށް ގާނޫނުއަސާސީންނާއި ގާނޫނުތަކުން މަތިކޮށްފައިވާ ޒިންމާއާއި ވާޖިބުތައް އެންމެ ރަނގަޅަށް އަދާކުރުމަށްޓަކައި ހެޔޮ ބަދަލުތަކެއް ފާއިތުވި ދެ އަހަރުގެ ތެރޭގައި ގެންނަން ފެށިފައިވާކަމަށެވެ. އެގޮތުން އަތޮޅު ތެރޭގައި ފުލުހުން މަސައްކަތްކުރާނެ ރަނގަޅު އޮނިގަނޑެއް އެކުލާލައި ރަށުގެ މުޖުތަމައާއި ކައުންސިލް އަދި އެހެނިހެން ރަށު ފެންވަރުގެ އިދާރާތަކާ އެކުއެކީގައި ކުށް މަދުކުރުމާއި ކުށުގެ ބިރުވެރިކަން ކުޑަކުރުމުގެ މަސައްކަތް ހަރުދަނާކަމާއެކު ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށް އެއޮނިގަނޑު މަގުފަހިކޮށްދޭނެކަމަށް ވިދާޅުވިއެވެ.

ހަމައެއާއެކު މާލެއެކޭ އެއްގޮތަށް އަތޮޅުތެރޭގައިވެސް، ޚާއްސަކޮށް ދެކުނުގެ ސަރަހައްދުތަކުގައި މަސްތުވާތަކެތީގެ ބޮޑެތިި ކުށްތަކަށް އަރައިގަތުމާއި އޭގެ ބޭނުންކުރުމާއި އެއާގުޅިގެން ތަފާތު ކުށްތަކަށް އަރައިގަންނަގަތުން އަހަރަކަށްފަހު އަހަރެއް އިތުރުވަމުންދާކަމަށް ވިދާޅުވިއެވެ. އަދި ޖަމާއަތް ހަދައިގެން ރާވައިގެން ހިންގާ ކުށްކުރުމުގެ މައްސަލަތަކާއި ކުޑަކުދިންނާމެދު ހިންގާ ކުށްތަކާއި އަންހެނުންނަށް އަނިޔާވެރިވުމާއި ހަރުކަށި ފިކުރު ފެތުރުން ފަދަ މައްސަލަތަކަކީ ދިވެހި މުޖުތަމައަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކެއް ކަމަށާއި ފުލުހުން ކޮންމެ ދުވަހަކުވެސް އެކަންކަމަށް ސަމާލުވެ، އެ ނުރައްކާތަކުން ރައްޔިތުންނަށް ރައްކާތެރިކަން ދިނުމަށް އިސްކަންދީގެން މަސައްކަތްކުރަންޖެހޭކަމަށް ވިދާޅުވިއެވެ.

އަތޮޅުތެރޭގައި ފުލުހުންގެ ޚިދުމަތް ދިނުމުގައި އެންމެ އިސްކަމެއް ދެވިގެންދާނީ ލާމަރުކަޒީ އުސޫލުން ފުލުހުންގެ ޚިދުމަތްތައް އިންތިޒާމްކުރުމާއި މުޖުތަމައާ އޮންނަ ގުޅުން ދެމެހެއްޓުމާއި ކޮމިއުނިޓީ ޕޮލިސިންގެ ފަލްސަފާގެ މައްޗަށް ފުލުހުންގެ ޚިދުމަތް ބިނާކުރުމަށް. ދިވެހި ފުލުހުންގެ ޚިދުމަތް އަމާޒުކުރެވިފައިވަނީ ރައްޔިތުންނަށް ފުލުހުންދޭ ޚިދުމަތް އަލުން ތަރުތީބުކޮށް، ޑިމޮކްރެޓިކް ވެއްޓަކަށް އެކަށޭނެ އަދި ތަރައްގީވެފައިވާ ފުލުހުންގެ ޚިދުމަތްތަކެއް މުޅިރާއްޖެއަށް ފޯރުކޮށްދޭ މުއައްސާއަކަށް ފުލުހުންގެ ޚިދުމަތް ބަދަލުކުރުން
ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު

ހަމައެއާއެކު ރަށުގައި ހިނގާ ކުށްތަކާއި ރަށަށް ތައާރަފްވުމަށް ފުރުސަތު އޮތް ކުށްތަކާއި އެކުށްތަކާ ގުޅޭ ކަންބޮޑުވުމާއި ކުށުގެ ބިރުވެރިކަމުން ރަށުގެ މުޖުތަމައު ސަލާމަތްކޮށް، ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ފުލުހުން ގާއިމްވެ ތިބުން މުހިންމުކަން ފާހަގަކުރައްވައި ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ، މަޑަވެލީގައި ފުލުުހުންގެ މަރުކަޒެއް ގާއިމްވެފައި ހުރުމުން ރައްޔިތުންނާ ގާއިމްކުރެވޭ ގުޅުމުގެ ތެރެއިން ފުލުހުންގެ މަގުސަދުތައް ހާސިލްކުރުމަށް ކޮންމެ ދުވަހަކު ރަށުގައި ތިބެގެން މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށެވެ.

ޕޮލިސް ސްޓޭޝަން ހުޅުވުމަށް މަޑަވެލީގައި ބޭއްވި ރަސްމިއްޔާތުގައި ގދ. އަތޮޅު ކައުންސިލްގެ ރައީސް ހަސަން ފައިހަތު ގުދުރަތުﷲ އާއި މަޑަވެލި ކައުންސިލްގެ ރައީސް ފިޔާޒު ހަސަނާއި ކައުންސިލް މެމްބަރުންނާއި އެކްޓިން ސައުތު ރީޖަނަލް ކޮމާންޑަރު ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު އާތިފާއި ސައުތު ސަބް ރީޖަނަލް ކޮމާންޑަރު ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ފާތިމަތު ނަހީދާ ތާހިރާއި ފުލުހުންގެ އިސް އޮފިސަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

- ކޮމެންޓް