ކ. މާލެ
|
13 ޖެނުއަރީ 2022 | ބުރާސްފަތި 18:39
މާޒިޔާ އާއި ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗުގެ ތެރެއިން
މާޒިޔާ އާއި ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗުގެ ތެރެއިން
އަދަދު
ޕްރެޒިޑެންޓްސް ކަޕް
ވަރުގަދަ މާޒިޔާ ބަލިކޮށް ގްރީން ފައިނަލާ ގާތަށް
މާޒިޔާގެ މައްޗަށް ގްރީން ސްޓްރީޓްސްއިން ކުރި ހޯދީ 2-0 ގެ ނަތީޖާއަކުން

ޕްރެޒިޑެންޓްސް ކަޕުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކޮށް ގްރީން ސްޓްރީޓްސްއިން ފައިނަލާ ގާތަށް ޖެހިލައިފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި ބުރާސްފަތި ދުވަހު ހަވީރު ކުޅުނު މެޗު ގްރީން އިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން މާޒިޔާއިން ގްރީންގެ ހާފަށް ބާރު ބޮޑުކޮށް ގިނަ ހަމަލާތަކެއް އުފެއްދިއިރު، މެޗުގެ 13 ވަނަ މިނެޓުގައި މާޒިޔާގެ އިބްރާހީމް ވަހީދު ހަސަން (އިއްބެ)އަށް ވަނީ ލަނޑު ޖަހަން ހުސް ފުރުސަތެއްލިބި ބޭކާރުވެފައެވެ. އޭރިޔާތެރެއިން އިއްބެ ހުހަށްހުރެ ފޮނުވާލި ބޯޅަ އަމާޒުވީ ގްރީންގެ ކީޕަރު ހަނަފީ ސާގިބް އަތަށެވެ. އަދި އޭގެ މިނެޓެއް ފަހުން މާޒިޔާގެ އިތުބާރު ފޯވާޑް ހަމްޒާ މުޙައްމަދު (ހަމްޕު) ފޮނުވާލި ބޯޅަ ސާގިބް ވަނީ ފަސޭހަކަމާއެކު ދިފާއުކޮށްފައެވެ.

މެޗުގެ 24 ވަނަ މިނެޓުގައި ގްރީންގެ އެންހެލް ކަރަސްކޯސާ މުނޯޒް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

މެޗުގައި ގްރީންއިން ލީޑު ނެގީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައެވެ. ގްރީންގެ ކެޕްޓަން ރިލްވާން ވަހީދު (ރިލޭ)ގެ އެހީތެރިކަމާއެކު މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ހަސަން ނަޒީމް ގާސިމް (ޗޯޓު) އެވެ.

މެޗުގެ ދެވަނަ ހާފުގައިވެސް މާޒިޔާއިން ގްރީންގެ ހާފަށް ބާރުބޮޑުކޮށް ހަމަލާ އުފައްދަން މަސައްކަތްކުރިއެވެ. އެކަމަކު މެޗުގެ 50 ވަނަ މިނެޓުގައި ގްރީން ސްޓްރީޓްސްއިން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަލީ ޝާމިއު (މައިތޯ)އެވެ.

މި މޮޅާއެކު ގްރީން ސްޓްރީޓްސްއިން ވަނީ ޕްރެޒިޑެންޓްސް ކަޕުގެ ލީގު ބުރުގެ އެއްވަނައަށް ޖެހިލައިފައެވެ. އެއްވަނައިގައި އޮތް ގްރީން ސްޓްރީޓްސް އާއި ދެވަނައިގައި އޮތް ވެލެންސިއާ އަދި ތިންވަނައިގައި އޮތް މާޒިޔާއަށް ވަނީ 15 ޕޮއިންޓް ލިބިފައެވެ. ގްރީން ސްޓްރީޓްސްއަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. އެކަމަކު ވެލެންސިއާއިން ދެވަނައިގައި އޮތީ އެއް މެޗު މަދުންކުޅެއެވެ. އެހެންކަމުން ބުރާސްފަތި ދުވަހުގެރޭ އީގަލްސް އާއި ދެކޮޅަށް ކުޅޭ މެޗު ކާމިޔާބުކޮށް ވެލެންސިއާއަށް ލީގު ތާވަލުގެ އެއްވަނައަށް އެރުމުގެ ފުރުސަތު އެބައޮތެވެ.

- ކޮމެންޓް