ކ. މާލެ
|
13 ޖެނުއަރީ 2022 | ބުރާސްފަތި 11:14
ޓޮޓެންހަމާއި ޗެލްސީ ބައްދަލުކުރި މެޗުގެ ތެރެއިން
ޓޮޓެންހަމާއި ޗެލްސީ ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
އިނގިރޭސި ލީގު ކަޕް
ދެ ލެގުންވެސް ޓޮޓެންހަމް ބަލިކޮށް ޗެލްސީ ފައިނަލަށް
ދެވަނަ ސެމީގައި ބައްދަލުކުރާނީ ލިވަޕޫލާއި އާސެނަލް
ދެވަނަ ލެގުން ޗެލްސީ މޮޅުވީ 1-0 ގެ ނަތީޖާއަކުން

އިނގިރޭސި ލީގު ކަޕުގެ ސެމީ ފައިނަލް ދެ ލެގުންވެސް ޓޮޓެންހަމް ހޮޓްސްޕާ ބަލިކޮށް މުބާރާތުގެ ފައިނަލަށް ޗެލްސީ ދަތުރުކޮށްފިއެވެ.

މިދިޔަ ހަފުތާގައި ކުޅުނު ސެމީގެ ފުރަތަމަ ލެގުން ޗެލްސީ ވަނީ އަމިއްލަ ދަނޑުގައި ކުޅެ 2-0 ގެ ނަތީޖާއަކުން ޓޮޓެންހަމް ބަލިކޮށްފައެވެ. އަދި ބުދަ ދުވަހުގެރޭ ޓޮޓެންހަމުގެ ދަނޑުގައި ކުޅުނު ދެވަނަ ލެގުން ޗެލްސީ މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. އެއާއެކު މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ޗެލްސީން ކަށަވަރުކުރީ 3-0 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެގެންނެވެ.

ބުދަ ދުވަހުގެރޭ ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޗެލްސީން ކާމިޔާބުކޮށްފައިވަނީ މެޗުގެ ފުރަތަމަ ހާފުގައެވެ. އެގޮތުން މެޗުގެ 18 ވަނަ މިނެޓުގައި މޭސަން މައުންޓް ނަގައިދިން ކޯނަރަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެންޓޯނިއޯ ރުޑިގާއެވެ.

އޭގެ ފަހުން މި މެޗުގެ ފުރަތަމަ ހާފުގައި ޓޮޓެންހަމުގެ ޕިއޭ-އެމީލް ހޮއިބިއާއަށް ޗެލްސީގެ ރުޑިގާ ކުރި ފައުލަކަށް ރެފުރީ ޓޮޓެންހަމަށް ޕެނަލްޓީއެއް ދިން ނަމަވެސް، ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ބެލުމަށްފަހު ވަނީ އެ ނިންމުން ބަދަލުކޮށްފައެވެ. އަދި ދެވަނަ ހާފުގައި އޭރިއާ ތެރެއިން ޗެލްސީގެ ގޯލްކީޕަރު ކެޕާ އަރިއްޒަބަލާގާ ޓޮޓެންހަމުގެ ލޫކަސް މޯރާއަށް ފައުލުކުރި ކަމަށް ނިންމައި އިތުރު ޕެނަލްޓީއެއް ދިން ނަމަވެސް، ވީއޭއާރް ބެލުމަށްފަހު އެ ނިންމުންވެސް ވަނީ ބަދަލުކޮށްފައެވެ. އަދި އޭގެ ފަހުން ޓޮޓެންހަމުގެ ފޯވާޑް ހެރީ ކޭން ލަނޑެއް ޖެހި ނަމަވެސް، އޭނާ އޮފްސައިޑުގައި ހުރުމުން ވީއޭއާރުން އެ ލަނޑުވެސް ބަލައިގެންފައެއް ނުވެއެވެ.

މި ނަތީޖާއާއެކު ޗެލްސީ ލީގު ކަޕުގެ ފައިނަލަށް ދަތުރުކުރިއިރު، އެ ޓީމުން މިހާތަނަށް ވަނީ ފަސް ފަހަރު ލީގު ކަޕް ކާމިޔާބުކޮށްފައެވެ. އަދި އެންމެ ފަހުން ޗެލްސީން މި މުބާރާތް ކާމިޔާބުކޮށްފައިވަނީ 2015 ވަނަ އަހަރެވެ.

މި މުބާރާތުގެ ފައިނަލުގެ ޖާގައެއް ޗެލްސީން ހޯދިއިރު، ދެވަނަ ސެމީގައި ބައްދަލުކުރާނީ ލިވަޕޫލާއި އާސެނަލެވެ. އެ ދެ ޓީމު ބައްދަލުކުރާ ސެމީގެ ފުރަތަމަ ލެގު ބުރާސްފަތި ދުވަހުގެރޭ ކުޅޭއިރު، ދެވަނަ ލެގުގެ މެޗު ކުޅޭނީ އަންނަ ހަފުތާގައެވެ. މީގެ ކުރިން މި ދެ ޓީމު ކުޅެން އޮތް މެޗު ފަސްކުރަން ޖެހުނީ ލިވަޕޫލުން ކޮވިޑް-19 ގެ ކޭސްތަކެއް ފެނުމާ ގުޅިގެންނެވެ.

- ކޮމެންޓް