ކ. މާލެ
|
13 ޖެނުއަރީ 2022 | ބުރާސްފަތި 00:03
ރާޝިދުގެ ކެމްޕެއިނަށް ނަޝާ ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވަނީ
ރާޝިދުގެ ކެމްޕެއިނަށް ނަޝާ ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވަނީ
ޓްވީޓަރ
ރާޝިދުގެ ކެމްޕެއިނަށް ނަޝާ ވަޑައިގެންނެވުން
ރާޝިދުގެ ކެމްޕެއިނަށް ވަޑައިގެންނެވުމުން، ހުސައިންގެ ދަރިކަނބަލުން ނަޝާއަށް ހޫނު ތަރުހީބެއް!
ކެމްޕެއިނަށް ފޯކައިދޫއަށް ވަޑައިގެންނެވުމުން ފޯކައިދޫ ރައްޔިތުން ވަނީ، ހުސައިން ވަހީދުގެ ހަނދާން އައުކޮށް ނަޝާއާ ބައްދަލުކޮށްފައި

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓް ކަމުގައިވާ މުހައްމަދު ރާޝިދުގެ ކެމްޕެއިނަށް, އެދާއިރާގައި ކުރީގެ މެމްބަރ މަރުހޫމް ހުސައިން ވަހީދުގެ ދަރިކަނބަލުން ނަޝާ ހުސައިން ފޯކައިދޫއަށް ވަޑައިގެންނެވުމުން ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

އޭނާ ފޯކައިދޫއަށް ވަޑައިގެންނެވުމުން ފޯކައިދޫ ރައްޔިތުން ވަނީ، ހުސައިން ވަހީދުގެ ހަނދާން އައުކޮށް ނަޝާއާ ބައްދަލުކޮށްފައެވެ. އެގޮތުން ފެންނަން ހުރި ވީޑިއޯތަކާއި ފޮޓޯތަކަށް ބަލާއިރު ބައެއް މީހުން ނަޝާ ގައިގައި ބައްދާލީ ރޮމުންނެވެ. އެފަދަ މީހުން ހަމައަކަށް އެޅުވުމަށް ނަޝާ މަސައްކަތްކުރައްވާތަންވެސް ފެނެއެވެ.

ކެންޑިޑޭޓް ރާޝިދުގެ ކެމްޕެއިނަށް ނަޝާއާއެކު ބައެއް ވަޒީރުންވެސް ވަނީ ވަޑައިގަންނަވާފައެވެ. ނަޝާއާ ބައްދަލުކުރުމަށް ރަށުގެ ބޮޑެތި މީހުންގެ އިތުރުން ކުޑަކުދިންވެސް ނިކުމެ ތިއްބެވެ.

ހުސައިން ވަހީދު އަވަހާރަވެފައިވަނީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އޭނާ އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް، ޑިސެމްބަރަ މަހުގެ 13ވީ ހޯމަ ދުވަހުގެ މެންދަމު 1:25ހާއިރުއެވެ. މެންބަރު ހުސައިން ވަހީދު ވަނީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް ކޮމަންޑޫ ދާއިރާގެ މެމްބަރުކަން ކުރައްވާފައެވެ. 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހުސައިން ވަނީ މާލިއްޔަތު ކޮމިޓީ، އިމްތިޔާޒު އަދި ސުލޫކު ކޮމިޓީ، ބަޖެޓް ދިރާސާކުރާ ކޮމިޓީ، މުޅި މަޖިލީހުގެ ކޮމިޓީ، މާލިއްޔަތު ކޮމިޓީ އަދި ލާމަރުކަޒީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީގައި މަސައްކަތްކުރައްވާފައެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ށ. އަތޮޅަށާއި ރ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ށ. ފޯކައިދޫން މަރުހަބާ ވިދާޅުވެ، އަދި ރަށުގައި ބޭއްވި ބައްދަލުވުންތަކުގައި އެ މަނިކުފާނުގެ އަރިހުގައި ވެސް ހުސައިން ވަހީދު ބައިވެރިވެ ވަޑައިގެންނެވިއެވެ. އެންމެފަހުން ރާޝިދުގެ ކެމްޕެއިން ލޯންޗުކުރުމަށް ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ވާހަކަދެއްކެވި ހުރިހާ ބޭފުޅުންވެސް ވަނީ ހުސައިން ވަހީދުގެ ހަނދާން އައު ކުރައްވާ ވާހަކަދައްކަވާފައެވެ. ހުސައިންގެ ވަކިވުމާއެކު ރައީސް ސޯލިހު ވިދާޅުވެފައިވަނީ، ވަކިވެގެންދިޔައީ ވަރަށް ގާތް ރަހުމަތްތެރިއެއް ކަމަށެވެ.

މެންބަރު ހުސައިން ވަހީދު ވަނީ ދުބާއީގައި ގިނަ ދުވަސްތަކެއް ވަންދެން ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވާފައެވެ. އެއަށްފަހު މާލެ ވަޑައިގެންނެވީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައެވެ. އެއަށްފަހު ވެސް ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދެވިއެވެ. މާޗް މަހުން ފެށިގެން ހުސައިން ވަހީދު ގެންދެވީ މަޖިލީހުގެ ޖަލްސާތަކަށް ނިކުންނަވަމުންނެވެ.

ހުސައިން ވަހީދަކީ ވިޔަފާރީގެ ރޮނގުން ވެސް ފާހަގަ ކޮށްލެވޭ ބޭފުޅެކެވެ. އޭނާ ވަނީ ފުޅާ ދާއިރާއެއްގައި ލަކުޑީގެ ވިޔަފާރި ވެސް ކުރައްވާފައެވެ.

- ކޮމެންޓް