ކޮވިޑް-19ށް އިތުރު 384 މީހުން ޕޮޒިޓިވްވެފައި ވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.
އެޗްޕީއޭއިން ބުނީ ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:00ން އާދިއްތަ ދުވަހުގެ އިރުއޮއްސި 6:00ށް 3730 ސާމްޕަލް ނަގާފައިވާ ކަމަށާއި، އޭގެ ތެރެއިން 384 މީހުން ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއީ މާލެ ސަރަހައްދުން 153 މީހުންނާއި، އަތޮޅުތެރެއިން 102 މީހުންނާއި، ހިންގަމުންދާ ރިސޯޓުތަކުން 117 މީހުންނާއި، ސަފާރީތަކުން އެކަކެވެ. އަދި ބާކީ 10 މީހުން ޕޮޒިޓިވްވެފައިވަނީ ކޮން ސަރަހައްދަކުން ކަމެއް ދެނެގަނެވިފައި ނުވާކަމަށް އެޗްޕީއޭއިން ބުނެއެވެ. މިއާއެކު ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 98,052ށް އަރާފައިވާއިރު، 94،264 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.
އެޗްޕީއޭއިން ބުނީ 3511 އެކްޓިވް ކޭސް ހިމެނޭ ކަމަށާއި، އެޑްމިޓްކޮށްގެން ހޮސްޕިޓަލްގައި 18 މީހަކަށް ފަރުވާ ދެމުންދާ ކަމަށެވެ. އަދި މިބަލީގައި މިހާތަނަށް 264 މީހުން ވަނީ ނިޔާވެފައެވެ.
މާލެ ސަރަހައްދުގައި ކޮވިޑް-19ގެ ކޭސް އިތުރުވެ ހަފްތާއަކު ޓެސްޓުކުރެވޭ ސާމްޕަލްގެ ނިސްބަތުން ޕޮޒިޓިވިޓީ 5 އިންސައްތަ އަށްވުރެ ވަނީ މަތިވެފައެވެ. ކޮވިޑް-19ގެ ހާލަތު ގޯސްވަމުންދާތީ މިހާރު ދަނީ އިތުރު ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން ކުރިޔަށް އޮތް 2 ދުވަސް ތެރޭގައި މާލެއިން ރަށްރަށަށް ދަތުރު ކުރަން ޖެހޭ ފަރާތްތަކަށް މާލެއިން ސާމްޕަލްއެއް ނެގުމަށްފަހު ދަތުރުކޮށް ނަތީޖާ ލިބެންދެން ކަރަންޓީންގައި ހުންނަން ޖެހެއެވެ.
މީގެ އިތުރުން މާސްކް އެޅުމުގެ ގަވާއިދު ތަންފީޒު ކޮށްދިނުމަށް އެޗްޕީއޭއިން އެދިފައިވެއެވެ. އަތޮޅުތެރޭގެ ހުރިހާ ރަށެއްގައި މާސްކު އެޅުމަށް ވަނީ މަޖުބޫރު ކޮށްފައެވެ. މިހާރު ދުނިޔޭގެ އެކި ހިސާބުތަކުން ފެންނަމުންދާ އޮމިކްރޯން ވޭރިއެންޓާއެކު، ރާއްޖެ ވެސް އެކަމަށް ތައްޔާރުވެ، ބަލިން ރައްކާތެރިވުމަށް އިތުރަށް ސަމާލުވުމަށް ސިއްހީ މާހިރުން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި އިޖްތިމާއީ ގައިދުރުކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ވެސް އެދިފައިވެއެވެ.