ކ. މާލެ
|
9 ޖެނުއަރީ 2022 | އާދީއްތަ 11:10
އެމްޑީޕީ އޮފީހުގައި ހިނގި މާރާމާރީ- މި މާރާމާރީގައި އެމްޑީޕީގެ ސެކެޓްރޭޓިއަޓްގައި މަސައްކަތްކުރާ މަރިޔަމް ޒުބައިރު(މަންދީ) ގެ ބޮލަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވޭ
އެމްޑީޕީ އޮފީހުގައި ހިނގި މާރާމާރީ- މި މާރާމާރީގައި އެމްޑީޕީގެ ސެކެޓްރޭޓިއަޓްގައި މަސައްކަތްކުރާ މަރިޔަމް ޒުބައިރު(މަންދީ) ގެ ބޮލަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވޭ
ރާއްޖެއެމްވީ
އެމްޑީޕީ އޮފީހުގައި މާރާމާރީ ހިންގުން
މަންދީއަށް ހަމަލާދިން ޖަޒީލަށް ވަކީލަކު އައްޔަނުކުރަން 10 ދުވަސް
ޖަޒީލްގެ މައްޗަށް މީހަކަށް އަނިޔާއެއް ދިނުމުގެ ކުށުގެ 2 ދައުވާއެއް އުފުލާފައިވޭ
ޖަޒީލް މަންދީއަށް ހަމަލާދީފައިވަނީ ޗޭނުގަނޑަކުން
އާދިއްތަ ދުވަހު ކުރިއަށް ގެންގޮސްފައިވަނީ މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމެއް

ސޯސަން މަގުގައި ހުންނަ އެމްޑީޕީ އޮފީހުގައި މާރާމާރީ ހިންގި އަޙުމަދު ޖަޒީލުގެ މައްޗަށް ދައުވާކުރާ މައްސަލައިގެ އަޑުއެހުމެއް އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މާރާމާރީގައި އެމްޑީޕީގެ ސެކެޓްރޭޓިއަޓްގައި މަސައްކަތްކުރާ މަރިޔަމް ޒުބައިރު(މަންދީ) ގެ ބޮލަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވެއެވެ. މަންދީ އަކީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ ގޮނޑި ތަމްސީލުކުރައްވާ އެމްޑީޕީގެ މެމްބަރ މީކާއީލް އަހުމަދު ނަސީމުގެ މަންމައެވެ. ޖަޒީލް މަންދީއަށް ހަމަލާދީފައިވަނީ ޗޭނުގަނޑަކުންނެވެ. މިހަމަލާގައި މަންދީގެ އިތުރުން އެހެން މުވައްޒަފަކަށްވެސް އަނިޔާވެފައިވެއެވެ.

މި މައްސަލައާއި ގުޅިގެން ޖަޒީލްގެ މައްޗަށް މީހަކަށް އަނިޔާއެއް ދިނުމުގެ ކުށުގެ 2 ދައުވާއެއް އުފުލާފައިވެއެވެ. އެގޮތުން އާދިއްތަ ދުވަހު ކުރިއަށް ގެންގޮސްފައިވަނީ މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމެކެވެ.

މި އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވަނީ ދައުވާއާއި ގުޅިގެން ލިއެކިއުންތައް ލިބިފައިވޭތޯ ކަށަވަރު ކުރެއްވުމުގެ ބައި ކުރިއަށް ގެންދަވާފައެވެ. އެގޮތުން ޖަޒީލް ވަނީ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު މި މައްސަލައާއި ގުޅޭ ލިއެކިއުންތައް ލިބިފައިވާކަމަށް ބުނެފައެވެ. ނަމަވެސް މައްސަލައިގައި ހިމެނޭ ސީޑީއެއް އޭނާ އަތުން ގެއްލިފައިވާތީ ގާޒީ ވަނީ ސީޑީ ހޯދުމަށް ކޯޓަށް ހުށައެޅުމަށް ދަންނަވާފައެވެ.

އެމްޑީޕީ އޮފީހުގައި މާރާމާރީ ހިންގި އަޙުމަދު ޖަޒީލު - ރާއްޖެއެމްވީ

އޭގެ އިތުރުން، މި އަޑުއެހުމުގައި ޖަޒީލް ވަނީ ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ބޭނުންވާކަމަށްވެސް ބުނެފައެވެ. އަދި މައްސަލަ ބައްލަވާ ގާޒީ ވަނީ އޭނާއަށް ވަކީލަކު އައްޔަނު ކުރުމަށް 10 ދުވަހުގެ މުއްދަތެއް ދެއްވާފައެވެ.

ޖަޒީލް މިހާރުވެސް ހުރީ އެހެން މައްސަލައެއްގައި ބަންދެއްގައެވެ. އެގޮތުން މިހާރު ހުރި ބަންދުގެ މުއްދަތު ހަމަވަނީ ހޯމަ ދުވަހަށްކަމަށް އޭނާ ބުނެއެވެ.

މި މައްސަލައިގެ އަވަސް އަދި ފުރިހަމަ ޖިނާއީ ތަހުގީގެއް ކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އެމްޑީޕީން ގޮވާލާފައިވެއެވެ. އަދި މިމައްސަލަ އެމްޑީޕީގެ ފަރާތުން ފުލުހުންނަށް އޭރު ހުށައެޅިއެވެ.

ހަމަލާއަކީ ރާވައިގެން ޓާގެޓްކޮށްގެން ދީފައިވާ ސިޔާސީ ހަމަލާއެއް ނޫންކަމަށް މަންދީގެ އިތުރުން މީކާއީލްވެސް ވިދާޅުވެއެވެ. އަދި މަންދީއަށް އަމާޒުވި ހަމަލާއަކީ މަސްތުގެ ހާލަތުގައި ހުރެގެން ދިން ހަމަލާއެއްކަމަށްވެސް ފާހަގަ ކުރައްވާފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
- ކޮމެންޓް