ކ. މާލެ
|
8 ޖެނުއަރީ 2022 | ހޮނިހިރު 19:41
ޕްރެޒިޑެންޓްސް ކަޕުގައި ވެލެންސިއާއިން މީގެ ކުރިން ކުޅުނު މެޗެއްގެ ތެރެއިން
ޕްރެޒިޑެންޓްސް ކަޕުގައި ވެލެންސިއާއިން މީގެ ކުރިން ކުޅުނު މެޗެއްގެ ތެރެއިން
އެފްއޭއެމް
ޕްރެޒިޑެންޓްސް ކަޕް
ސަސް އަތުން ވެލެންސިއާއަށް މުހިންމު މޮޅެއް
ތާވަލުގެ އެއްވަނައަށް ވެލެންސިއާ ޖެހިލީ 15 ޕޮއިންޓާއެކު
ސަސް އަތުން ވެލެންސިއާ މޮޅުވީ 4-1 ގެ ނަތީޖާއަކުން

ޕްރެޒިޑެންޓްސް ކަޕުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަތުން ވެލެންސިއާއިން މުހިންމު މޮޅެއް ހޯދައިފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި ހޮނިހިރު ދުވަހު ހަވީރު ކުޅުން މެޗުން ވެލެންސިއާ މޮޅުވީ 4-1 ގެ ނަތީޖާއަކުންނެވެ. މި ނަތީޖާއާއެކު ވެލެންސިއާއަށް ފައިނަލަށް ދިޔުމަށް ބޭނުންވަނީ ކުރިޔަށް އޮތް ދެ މެޗުން އެއް ޕޮއިންޓެވެ.

މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ފުރަތަމަ 10 މިނެޓުގެ ތެރޭގައި ވެލެންސިއާގެ ކެޕްޓަން އަލީ ފާސިރު (ސެންޓޭ)އަށް ވަނީ ލަނޑު ޖަހަން ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އޭގެ ފަހުން މެޗުގެ 19 ވަނަ މިނެޓުގައި ސަސްއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. ސަސްގެ އައިހަމް އަޙްމަދު ފޮނުވާލި ޕެނަލްޓީ ވެލެންސިއާގެ ކީޕަރު މުޙައްމަދު ފައިސަލް ވަނީ މަތަކޮށްފައެވެ. މިއީ ސަސްގެ ރިހާމް އަބްދުލް ޣަނީ (ބޮބީ)އަށް ވެލެންސިއާގެ ހަލީލް ޖަމާލް ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީއެކެވެ.

އޭގެ ފަހުން ސަސްގެ އިބްރާހީމް އަތީގް (އިއްބެ) އަށް ލަނޑު ޖަހަން ރަނުގެ ފުރުސަތެއް ލިބި ވަނީ ބޭކާރުވެފައެވެ. އޭރިޔާ ތެރެއިން މުޅިން ހުހަށްހުރެ އިއްބެ ފޮނުވާލި ހަމަލާ ވެލެންސިއާގެ ކީޕަރު މުޙައްމަދު ފައިސަލް ވަނީ މަތަކޮށްފައެވެ.

ވެލެންސިއާއިން ވަނީ ދެވަނަ ހާފު ފަށައިގެން ހަވަނަ މިނެޓުގައި ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބޯހަސް މާޓިންއެވެ. އެކަމަކު އޭގެ އަށް މިނެޓު ފަހުން ސަސްއިން ވަނީ ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިއީ ލިބުނު ޕެނަލްޓީ އަކުން ސަސްގެ ކެޕްޓަން އަބްދުﷲ ހަނީފް (ބެންޖޯ) ކާމިޔާބު ކޮށްދިން ލަނޑެކެވެ. މިއީ ވެލެންސިއާގެ ހުސެއިން ފައިސަލް (ފައިޓޯ) ސަސްގެ ބޮބީއަށް ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީއެކެވެ.

އެކަމަކު މެޗުގެ 65 ވަނަ މިނެޓުގައި ތަޖުރިބާކާރު މިޑްފިލްޑަރު އަސްހަދު އަލީ (އަޑޭ) ވަނީ ވެލެންސިއާއަށް އަލުން ލީޑު ނަގައިދީފައެވެ. އަދި މެޗުގެ 90 ވަނަ މިނެޓުގައި ވެލެންސިއާގެ ތިންވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި އިސްމާއިލް އީސަ (މެސީ)އެވެ. އަދި އިތުރު ވަގުތުގެ ފަހު މިނެޓުގައި ސެންޓޭ ވަނީ ވެލެންސިއާގެ ފަހު ލަނޑު ކާމިޔާބުކޮށްދީފައެވެ.

މި މޮޅާއެކު ވެލެންސިއާ ލީގު ތާވަލުގެ އެއްވަނައަށް ޖެހިލީ ކުޅުނު ފަސް މެޗުން ލިބުނު 15 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި މާޒިޔާ އޮތީ ވެލެންސިއާއަށްވުރެ އެއް މެޗު މަދުން ކުޅެ ލިބުނު 12 ޕޮއިންޓާއެކުގައެވެ.

- ކޮމެންޓް