ކ. މާލެ
|
7 ޖެނުއަރީ 2022 | ހުކުރު 19:31
ރާޝިދުގެ ކެމްޕެއިން ލޯންޗު ކުރުމުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ށ. ކޮމަންޑޫއަށް ވަޑައިގެންނެވުން
ރާޝިދުގެ ކެމްޕެއިން ލޯންޗު ކުރުމުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ށ. ކޮމަންޑޫއަށް ވަޑައިގެންނެވުން
ރާއްޖެއެމްވީ
ރައީސް ކޮމަންޑޫ ދަތުރުފުޅު
ރާޝިދުގެ ކެމްޕޭން ލޯންޗު ކުރުން މިރޭ، ރައީސުލްޖުމްހޫރިއްޔާ ކޮމަންޑޫގައި
ސާބިތުކަމާއެކު މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ދާއިރާގެ ރައްޔިތުންނަށް ދެއްވި
ރައީސް ކޮމަންޑޫއަށް ވަޑައިގަތީ ހުކުރު ދުވަހުގެ ހަވީރު
ރާޝިދަކީ 10 އަހަރުވަންދެން ފޯކައިދޫ ކައުންސިލްގެ މެމްބަރުކަމާއި ރައީސް ކަން ކުރެއްވި ބޭފުޅެއް

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕެއިން ލޯންޗު ކުރުމުގެ ޖަލްސާގައި ބައިވެރިވެވަޑައި ގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ށ. ކޮމަންޑޫއަށް ވަޑައިގެންފިއެވެ.

އެމަނިކުފާނު ކޮމަންޑޫއަށް ވަޑައިގަތީ ހުކުރު ދުވަހުގެ ހަވީރުއެވެ. ރާޝިދުގެ ކެމްޕެއިން ލޯންޗު ކުރުމުގެ ޖަލްސާ ޖެނުއަރީ 7 ވާ ހުކުރު ދުވަހުގެ ރޭ، ކޮމަންޑޫ އެމްޑީޕީ ހަރުގެ ކުރިމަތީގައި އޮންނާނެ ކަމަށް އެމްޑީޕީން ބުނެއެވެ.

އަންނަ ފެބްރުއަރީ މަހުގެ ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ކެންޑިޑޭޓު ނަންބަރު 1 ލިބިވަޑައިގަތީ އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު ރާޝިދަށެވެ. ކެންޑިޑޭޓު ނަންބަރު ދޭއް ލިބިވަޑައިގަތީ ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ އާދަމަށެވެ. އަދި ކެންޑިޑޭޓް ނަންބަރު ތިނެއް ލިބިވަޑައި ގެންފައިވަނީ އެމްއެންޕީގެ ކެންޑިޑޭޓު އަބްދުލް ހަންނާނު އިދުރީސަށެވެ.

އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ރާޝިދަކީ 10 އަހަރު ވަންދެން ފޯކައިދޫ ކައުންސިލްގެ މެމްބަރުކަމާއި ރައީސް ކަން ކުރެއްވި ބޭފުޅެކެވެ. އޭނާއަކީ މިހާރު އެ އިދާރާގެ ސެކްރެޓަރީ ޖެނެރަލެވެ.

ކެންޑިޑޭޓް ނަންބަރު ތަރުތީބު ކޮށްފައި ވާއިރު ހުރިހާ ކެންޑިޑޭޓުން ވެސް ވަނީ ކެމްޕެއިން ފަށާފައެވެ. ވޯޓުލުން ކުރިޔަށް ދިޔުމަށް ހަމަޖެހިފައިވަނީ ކޮމަންޑޫ ދާއިރާގައި ހިމެނޭ ތިން ރަށުގެ އިތުރުން މާލޭގައެވެ.

ކޮމަންޑޫ ދާއިރާގެ އިންތިޚާބުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ އަންނަ  ފެބުރުވަރީ 5 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00ން ހަވީރު 4:00އަށެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ ފެބުރުވަރީ 10ވާ ބުރާސްފަތި ދުވަހުއެވެ.

އިންތިޚާބުގައި ބައިވެރިވުމަށް ފޯމު ހުށަ ހެޅުއްވުމަށްފަހު މީޑިއާތަކާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން ރާޝިދު ވިދާޅުވީ، އެމްޑީޕީގެ ފަރާތުން ޓިކެޓު ލިބިވަޑައިގެން ކަމަށްޓަކައި އެޕާޓީގެ ލީޑަރޝިޕަށް ޝުކުރު އަދާ ކުރައްވާކަމަށެވެ. ރާޝިދު ވިދާޅުވީ، ދާއިރާ އިތުރަށް ހަރުދަނާކޮށް ދާއިރާގެ އެމްޑީޕީ ޓީމު އިތުރަށް ވަރުގަދަ ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. ކޮމަންޑޫ ދާއިރާއަކީ އެމްޑީޕީގެ ފުރިހަމަ މެޖޯރިޓީ އޮންނަ ދާއިރާ އެއްކަން ފާހަގަ ކުރައްވައި ރާޝިދު އިތުރަށް ވިދާޅުވީ، މަސައްކަތް ކުރައްވާނީ ކޮމަންޑޫ ދާއިރާގެ ކުރީގެ މެމްބަރު އަލްމަރުހޫމް ހުސައިން ވަޙީދުގެ މަސައްކަތްޕުޅާ އެއްގޮތަށް، ދާއިރާ އިތުރަށް ކުރިއެރުވުމަށެވެ.

ރާޝިދު ވަނީ ސާބިތުކަމާއެކު މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ދާއިރާގެ ރައްޔިތުންނަށް އަރުވައިފައެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން މިބާއްވަނީ އެ ދާއިރާގައި ކުރިން ހުންނެވި މެމްބަރު ހުސައިން ވަހީދު އަވަހާރަވުމާ ގުޅިގެންނެވެ. ހުސައިން ވަހީދު އަވަހާރަ ވެފައިވަނީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވާތާ ގިނަ ދުވަސްތަކެއް ވެފައިވަނިކޮށެވެ. އޭނާ އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް، ޑިސެންބަރު މަހުގެ 13 ވީ ހޯމަ ދުވަހުގެ މެންދަމު 1:25ހާއިރުއެވެ.

- ކޮމެންޓް