ސޯލާ ޖެހުމުގެ ސަބަބުން ސީދާ ރައްޔިތުމީހާގެ ކަރަންޓު ބިލަށް އަރާ ފައިސާ މަދުވެގެންދާނެކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު ވިދާޅުވެއްޖެއެވެ.
ހޯމް ސޯލާ ޕްރޮގްރާމާ ގުޅޭގޮތުން ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަމުން ސައީދު ވިދާޅުވީ، ކަރަންޓުގެ ސީދާ އަގު ކުޑަކުރުމަކީ ރައްޔިތުންގެ ވަރަށް ގިނަ ދުވަހުގެ އުންމީދެއް ކަމަށެވެ. ނަމަވެސް ރައްޔިތުންގެ ޖީބުން ކަރަންޓު ބިލަށް ކުރާ ޚަރަދު ކުޑަކުރެވޭނެ އެއްވެސް ނިޒާމެއް މިހާތަނަށް ގާއިމުކުރެވިފައި ނެތްކަން ސައީދު ފާހަގަކުރެއްވިއެވެ. ސައީދު ވިދާޅުވީ ހޯމް ސޯލާ ޕްރޮގްރާމުގެ ސަބަބުން މިކަމަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ހިންގާ މިފަދަ މަޝްރޫއެއް ފެނަކައާ ސަރުކާރުން ހަވާލުކުރުމީ އެކުންފުންޏަށް އޮންނަ އިތުބާރެއްގެ ބޮޑުކަން ކަމުގައި ސައީދު ފާހަގަކުރެއްވިއެވެ. ފެނާއި ކަރަންޓުގެ އިތުރުން ނަރުދަމާގެ ޚިދުމަތް ރާއްޖޭގެ އެންމެ ގިނަ ހިސާބުތަކަށް ފޯރުކޮށްދޭ ކުންފުންޏަކީ ފެނަކައެވެ.
ސައީދު އިތުރަށް ވިދާޅުވީ އާންމުކޮށް މިފަދަ ނިޒާމުތަކުގެ މުއްދަތަކީ 25 އަހަރާއި 30 އަހަރާއި ދެމެދު ކަމަށެވެ. އަދި ރައްޔިތުންނަށް ފޯރުކޮށްދޭ މިފަދަ އަސާސީ ޚިދުމަތެއް ގާއިމުކުރާއިރު ދުރުރާސްތާއަށް ވިސްނައި، ގިނަ ދުވަސްތަކެއްވަންދެން މި ހިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރެވޭނެ ފަދަ ގޮތަކަށް މިފަދަ ނިޒާމުތައް ގާއިމުކުރުމުގެ މުހިންމު ކަމަށް ސައީދު އަލިއަޅުވާލެއްވިއެވެ.
ރާއްޖޭގައި ކަރަންޓު ބޭނުންކުރާ މިންވަރުގެ 70 އިންސައްތަ ކަރަންޓު ސޯލާ ޕެނަލް ހަރުކޮށްގެން އުފެއްދުމަށް ފެނަކައިން އަންނަނީ މިހާރު މަސައްކަތް ކުރަމުންނެވެ. މި މަސައްކަތަކީ ދިވެހި ސަރުކާރުން ޚަރަދުކޮށްގެން ފެނަކައިން ކުރާ މަސައްކަތެވެ. މި މަސައްކަތުގެ ސަބަބުން ތެޔޮ އަންދައިގެން ކަރަންޓު އުފެއްދުމަށްޓަކާ މިހާރު ކުރަމުން އަންނަ މަސައްކަތުން 10 މިލިއަން ރުފިޔާ ސަލާމަތްވާނެކަމަށް ސައީދު ވިދާޅުވިއެވެ.