އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕް ކޮލިފިކޭޝަނުގައި ވާދަކުރަން ރާއްޖެއިން ނިންމައިފިއެވެ.
އޭއެފްސީން ބުރާސްފަތި ދުވަހު ނެރުނު ފުޓްސަލް މުބާރާތުގެ ގުރުއަތުލުމުގައި ރާއްޖެ ހިމަނާފައިވަނީ ސެންޓްރަލް އެންޑް ސައުތު ޒޯންގެ ކޮލިފައިންގައެވެ. އެ ޒޯނުގައި އަށް ގައުމު ވަނީ ދެ ގްރޫޕަކަށް ބަހައިފައެވެ.
ރާއްޖެ ހިމެނޭ ގްރޫޕް އޭގައި ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން އިރާންގެ އިތުރުން ތުރުކުމެނިސްތާން އަދި ކިރްގިސްތާނެވެ. މި ޒޯނުގެ ގްރޫޕް ބީގައި ހިމެނެނީ އުޒްބެކިސްތާން، ތަޖިކިސްތާން، އަފްޣާނިސްތާން އަދި ނޭޕާލްއެވެ.
ކޮލިފައިންގައި ރާއްޖެ ހިމެނޭ ޒޯނުގެ ކޮންމެ ގްރޫޕަކުންވެސް ދެ ޓީމު މުބާރާތައް ހޮވޭނެއެވެ.
މިހާރު އޮތް ގޮތުންނަމަ ކޮލިފައިންގ ކުޅޭނެ ތާރީޚަކީ އޭޕްރީލް 1-15 އަށެވެ. އަދި މިހާރު އޮތް ގޮތުންނަމަ ރާއްޖެ ހިމެނޭ ގްރޫޕުގެ މެޗުތައް ހޮސްޓު ކުރަނީ ކިރްގިސްތާނުގައެވެ.
އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕް އޮންނާނީ 25 ސެޕްޓެމްބަރުން 20 އޮކްޓޫބަރުގެ ނިޔަލަށް ކުވޭތުގައެވެ. މުބާރާތައް ހޮވެނީ 15 ޓީމެވެ.
ރާއްޖޭން އެންމެ ފަހުން ފުޓްްސަލްގައި ވާދަކުރީ 2017 ވަނަ އަހަރު ތުރުކުމެނިސްތާންގައި ބޭއްވި އޭޝިއަން އިންޑޯ ޗެމްޕިއަންޝިޕްގައެވެ. އަފްގާނިސްތާނާއި އުޒްބެކިސްތާނާއި ޔޫއޭއީ އަދި ޗައިނާއާ ވާދަކޮށް ރާއްޖޭން މުބާރާތް ނިންމާލީ އެންމެ ފުލުގައި ޕޮއިންޓެއް ވެސް ނުލިބިއެވެ.
ފުޓްސެލްއަކީ މިވަގުތު ރާއްޖޭގައި އެންމެ މަގުބޫލު ކުޅިވަރެވެ. އަހަރެއްގެ މައްޗަށް ރާއްޖޭގެ އެކި ހިސާބުތަކުގައި ގިނަ އަދަދެއްގެ ފުޓްސަލް މުބާރާތްތަކެއް ބާއްވާއިރު މި ކުޅިވަރު ކުޅޭ ކުޅުންތެރިންގެ އަދަދު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ.