ކ. މާލެ
|
6 ޖެނުއަރީ 2022 | ބުރާސްފަތި 11:49
ޗެލްސީ އާއި ޓޮޓެންހަމް ބައްދަލުކުރި މެޗުގެ ތެރެއިން
ޗެލްސީ އާއި ޓޮޓެންހަމް ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
އިނގިރޭސި ލީގު ކަޕް
ސެމީގެ ފުރަތަމަ ލެގުން ޗެލްސީއަށް މޮޅެއް
ދެވަނަ ލެގުގެ މެޗު އޮންނާނީ މި މަހުގެ 13 ވަނަ ދުވަހު
ޗެލްސީ މޮޅުވީ ޓޮޓެންހަމް އަތުން 2-0 ގެ ނަތީޖާއަކުން

އިނގިރޭސި ލީގު ކަޕުގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި ބުދަ ދުވަހުގެރޭ ޓޮޓެންހަމް ހޮޓްސްޕާ އަތުން ޗެލްސީ މޮޅުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޗެލްސީ މޮޅުވީ ޓޮޓެންހަމް އަތުން 2-0 ގެ ނަތީޖާއަކުންނެވެ.

ޗެލްސީގައި ހުރީ ހިތްހަަމަޖެހިގެން ނޫން ކަމަށް ބުނެ، ދާދި ފަހުން އިންޓަވިއު ދިން މައްސަލައިގައި، ލިވަޕޫލާ ދެކޮޅަށް އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުން ޗެލްސީން ކުޅުނު މެޗުގެ ސްކޮޑުން ލުކާކޫ ބޭރުކުރި ނަމަވެސް، ބުދަ ދުވަހުގެރޭ ކުޅުނު މެޗުގެ ފުރަތަމަ އެގާރައިގައި ލުކާކޫ ވަނީ ހިމަނާފައެވެ.

މި މެޗުގައި ޗެލްސީ އަތުން ޓޮޓެންހަމް ބަލިވިއިރު، މިއީ މި ސީޒަނަށް ޓޮޓެންހަމާ ހަވާލުވި އެންޓޯނިއޯ ކޮންޓޭ، 2018 ވަނަ އަހަރު ޗެލްސީ ދޫކޮށްލި ފަހުން ޗެލްސީ ދަނޑަށް ޓީމެއް ގޮވައިގެން އެނބުރި އައި ފުރަތަމަ މެޗެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީން މޮޅު ކުޅުމެއް ދެއްކިއިރު، އެ ޓީމުން ދެ ލަނޑުވެސް ޖަހާފައިވަނީ ފުރަތަމަ ހާފުގައެވެ. އެގޮތުން މެޗު ފަށައިގެން ފަސްވަނަ މިނެޓުގައި ޗެލްސީން ލީޑު ނެގިއިރު، މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކައި ހަވާޓްޒްއެވެ. އަދި މެޗުގެ 34 ވަނަ މިނެޓުގައި ޗެލްސީން ލީޑު ފުޅާކުރިއިރު، މި ލަނޑަކީ ޓޮޓެންހަމުގެ ބެން ޑޭވިސް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މި މެޗުން ޗެލްސީ މޮޅުވިއިރު، ލީގު ކަޕުގެ ސެމީ ފައިނަލް ދެވަނަ ލެގުގައި މި ދެ ޓީމު ބައްދަލުކުރާ މެޗު އޮންނާނީ މި މަހުގެ 13 ވަނަ ދުވަހު ޓޮޓެންހަމުގެ ދަނޑުގައެވެ. މިހާރު އޮތް ގޮތުން ދެވަނަ ލެގުގެ މެޗު އެއްވަރުކޮށްލައިގެންވެސް ޗެލްސީއަށް ފައިނަލުގެ ޖާގައެއް ހޯދޭނެއެވެ.

- ކޮމެންޓް