މޫސުމަށް އަންނަ ބަދަލުތަކުން އަންނަ ބިރުވެރިކަމާ ދެކޮޅަށް ދުނިޔެ އެކަތިގަނޑަކަށްވުން "ކޮންމެހެންވެސް މުހިއްމު"ކަމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވިދާޅުވެއްޖެއެވެ.
ނިއުޔޯކްގައި ވާހަކަދައްކަވަމުން ގުޓަރެސް ވިދާޅުވީ 2015 ގައި ޕެރިހުގައި އެއްބަސްވެވުނު ތިމާވެށީގެ އެއްބަސްވުމާ މެދު އެއްވެސް ގައުމަކުން ޝައްކު އުފައްދާ ނަމަ އެހެން ގައުމުތަކުން އެގައުމުތައް ތިބި ގޮތުގައި ތިބެން ޖެހޭ ކަމަށެވެ.
އދ. ގެ ސެކްރެޓަރީ ޖެނެރަލް މިހެން ވިދާޅުވެފައި މިވަނީ ޖީ7ގެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ ގައުމަކުން ޕެރިސް އެގްރީމެންޓް ތަންފީޒު ކުރާނެކަން ކަށަވަރުކޮށްދިންއިރު އެމެރިކާގެ ރައީސް އެކަމަށް ދެކޮޅު ހައްދަވާފަައިވަނިކޮށެވެ.
އެމެރިކާގެ ނިންމުން ފަހުން ނިންމަވާނެ ކަމަށް ޓްރަމްޕް ވަނީ ސަމިޓްގައި ވިދާޅުވެފައެވެ. ރައީސް ޓްރަމްވަނީ މީގެ ކުރިންވެސް މޫސުމަށް އަންނަ ބަދަލުތަކަކީ ޗައިނާއިން އުފައްދައިގެން އުޅޭ ޚިޔާލީ ވާހަކައެއް ކަމަށް ވިދާޅުވެ ޕެރިސް އެއްބަސްވުމުން އެމެރިކާ ބޭރުވާނެކަމުގެ އިންޒާރުދެއްވާފައެވެ.
މިއީ މީގެ ފަސް މަސް ކުރިން އދ. ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމާ ހަވާލުވެ ވަޑައިގެންނެވި ފަހުން ތިމާވެށީގެ މައްސަލައިގައި ގުޓަރެސް ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެވެ.
"ދުނިޔޭގެ ގައުމުތަކުން މިކަން ކުރަން ބޭނުންވާ މިންވަރާމެދު އެއްވެސް ގައުމަކުން ޝައްކު އުފައްދާނަމަ އެއީ އެހެން ގައުމުތަކުން އިތުރަށް ބަދަހިވެ ވަރުގަދައަށް މި ކަމުގައި ތިބެންޖެހޭ ސަބަބެއް" ނިއުޔޯކް ޔުނިވާސިޓީގައި ވާހަަކަދައްކަވަމުން ގުޓަރެސް ވިދާޅުވިއެވެ.
ޕެރިސް އެގްރީމަންޓަކީ ދުނިޔޭގެ ހޫނުމިން މައްޗަށްދާ އެވްރެޖް މިންވަރު ދެ ޑިގްރީ ސެލްސިއަސްއަށްވުރެ ދަށުގައި ބެހެެއްޓުމަށް ދުނިޔޭގެ ގައުމުތަކުން 2015 ވަނަ އަހަރު ވީ އެއްބަސްވުމެކެވެ. މިއީ ދުނިޔޭގެ ހުރިހާ ގައުމަކުން މިފަދަ އެއްބަސްވުމަކަށް އެއްބަސްވި ފުރަތަމަ ފަހަރެވެ.
ދުނިޔޭގެ ހޫނުމިން މައްޗަށްދާ އެވްރެޖް މިންވަރު ކުޑަކުރުމަށް ދުނިޔޭގެ ގައުމުތަކުން ވަނީ ކާބަން ބޭރުކުރާ މިންވަރު މަދުކުރުމަށް އެއްބަސްވެފައެވެ.
ސެކްރެޓަރީ ޖެނެރަލްވަނީ ޕެރިސް އެކޯޑް ތަންފީޒު ކުރެވޭ މިންވަރު ބެލުމަށް 2019 ވަނަ އަހަރު ސަމިޓެއް ބޭއްވުމަށް ވިސްނަވާފައިވާކަމަށް ވިދާޅުވެފައެވެ.