އަންނަ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއަށް ހުށަހެޅުނު ބަދަލުތަކަށް ބަލައި އެކުލަވާލި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެކަމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަން(އީސީ)ން ބުނީ 21 ޑިސެމްބަރ ގައި ގެޒެޓްގައި ޝާއިއުކުރި ވޯޓަރސް ލިސްޓަށް ހުށަހެޅި ޝަކުވާތަކަށް ބަލައި ގެނެވުނު ބަދަލުތައް 5 ޖެނުއަރީގައި ޝާއިއުކޮށްފައިވާކަމަށެވެ. އެހެންކަމުން މިލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ޖަނަވަރީ 06 ވާ ބުރާސްފަތި ދުވަހު ހެނދުނު 08:00ން ފެށިގެން ޖަނަވަރީ 18 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 3:00 ނިޔަލަށް ހުޅުވާލާފައިވާކަމަށް އީސީން ބުނެއެވެ.
މިލިސްޓު ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ހުރިހާ ރަށެއް ކަމުގައިވާ ށ.ކޮމަންޑޫ، ށ.ފޯކައިދޫ، ށ.މަރޮށީގެ ކައުންސިލުގެ އިދާރާއިން ޢާންމުކޮށް ފެންނަން ހުންނާނެ ކަމަށް އީސީން ބުނެއެވެ. އީސީން ބުނީ ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޝަކުވާ ފޯމުންކަމަށެވެ. ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ އީމެއިލް މެދުވެރިކޮށް ކޮމިޝަނުގެ އީމެއިލް އެޑްރެސް އިންނެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓު ނެގުމަށް ހަމަޖައްސާފައިވަނީ، ފެބުރުވަރީ 05 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00ން ހަވީރު 4:00އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ތެރޭގައެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ ފެބުރުވަރީ 10ވާ ބުރާސްފަތި ދުވަހުއެވެ.