ކ. މާލެ
|
5 ޖެނުއަރީ 2022 | ބުދަ 00:14
ސަސް އާއި ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗުގެ ތެރެއިން
ސަސް އާއި ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗުގެ ތެރެއިން
އެފްއޭއެމް
ޕްރެޒިޑެންޓްސް ކަޕް
ސަސް އަތުން ގްރީންއަށް މޮޅެއް
ސަސްގެ މައްޗަށް ގްރީން ސްޓްރީޓްސްއިން ކުރި ހޯދީ 2-1 ގެ ނަތީޖާއަކުން

ޕްރެޒިޑެންޓްސް ކަޕުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ މައްޗަށް ކްލަބް ގްރީން ސްޓްރީޓްސްއިން ކުރި ހޯދައިފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗު ގްރީން ސްޓްރީޓްސްއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން ސަސްއިން ގްރީން ސްޓްރީޓްސްގެ ހާފަށް ބާރު ބޮޑުކޮށްފައިވާއިރު އެ ޓީމުގެ ފޯވާޑް އިބްރާހީމް އަތީގް ހަސަން (އިއްބެ) އާއި ޔަސްފާދު ހަބީބް (މުލަކޭ) ފޮނުވާލި ހަމަލާތައް ދިޔައީ ބޭރަށެވެ. އޭގެ ފަހުން ގްރީން ސްޓްރީޓްސްއިން ސަސްގެ ހާފަށް ބާރުބޮޑުކުރިއިރު މެޗުގެ 22 ވަނަ މިނެޓުގައި ގްރީން ސްޓްރީޓްސްއިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އޭންޖަލް މުނޯޒްއެވެ. އޭގެ ފަހުން މެޗުގެ 28 ވަނަ މިނެޓުގައި ގްރީން ސްޓްރީޓްސްއިން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. މިއީ އަލީ ޝާމިއު (މައިތޯ)ގެ އެހީތެރިކަމާއެކު އަންސަރު އިބްރާހީމް (އަންކޮ) ކާމިޔާބުކުރި ލަނޑެކެވެ.

އޭގެ މިނެޓެއް ފަހުން ސަސްގެ އިއްބެއަށް ވަނީ ލަނޑު ޖަހަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އޭރިޔާ ތެރެއިން ހުހަށްހުރެ އިއްބެ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ސަސްގެ ޑިފެންޑަރު އިބްރާހީމް ހަސީބެވެ.

ދެވަނަ ހާފުގައި ސަސްއިން އެ ޓީމުގެ ކުޅުން ރަނގަޅުކޮށް ގްރީންގެ ގޯލަށް ނުރައްކާކުރިއިރު މެޗުގެ 50 ވަނަ މިނެޓުގައި ސަސްއިން ވަނީ ލަނޑު ޖަހާ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުލަކޭއެވެ.

އޭގެ ފަހުން މެޗުގެ 62 ވަނަ މިނެޓުގައި ގްރީން ސްޓްރީޓްސްގެ އަބްދުﷲ ޔާމީން (ޔާނު)އަށްވެސް ވަނީ ލަނޑު ޖަހަން ފުރުސަތެއް ލިބި ބޭކާރުވެފައެވެ.

ޕްރެޒިޑެންޓްސް ކަޕުގެ ލީގު ބުރުގައި ކޮންމެ ޓީމަކުންވެސް ހަތަރު މެޗު ކުޅެފައިވާއިރު އެއްވަނައިގައި އޮތް މާޒިޔާ އާއި ދެވަނައިގައި އޮތް ވެލެންސިއާއަށް 12 ޕޮއިންޓް ލިބިފައިވެއެވެ. މާޒިޔާއަށް ކުރި ލިބެނީ ފައިދާ ލަނޑުގެ ތަފާތުންނެވެ. ލީގު ބުރުގެ ތިންވަނައިގައި ގްރީން ސްޓްރީޓްސް އޮތީ ނުވަ ޕޮއިންޓާއެކުގައެވެ. އަދި މެޗުން ބަލިވި ސަސް އޮތީ ހަ ޕޮއިންޓާއެކު ލީގު ބުރުގެ ހަތަރުވަނައިގައެވެ.

- ކޮމެންޓް