ކ. މާލެ
|
4 ޖެނުއަރީ 2022 | އަންގާރަ 13:24
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)
ރާއްޖެއެމްވީ
ދައުލަތުގެ ރިޒާރވް
ދައުލަތުގެ ރަސްމީ ރިޒާރވް ބޮޑުތަނުން އިތުރުވެއްޖެ
2021 ނޮވެމްބަރު މަސް ނިމުނުއިރު ރަސްމީ ރިޒާރވްގައި ހުރީ 943.8 މިލިއަން ޑޮލަރު
2020 ވަނަ އަހަރުގެ ނޮވެމްބަރު މަހު ރިޒާރވްގައި ހުރީ 629.9 މިލިއަން ޑޮލަރު
މި ސަރުކާރު ހަވާލުވީއިރު ރާއްޖޭގެ ރަސްމީ ރިޒާރވްގައި ހުރީ 712 މިލިއަން ޑޮލަރު

2021 ވަނަ އަހަރުގެ ނޮވެމްބަރު މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒަރވްގައި ހުރީ 943.8 މިލިއަން ޑޮލަރު ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފިއެވެ.

ޑިސެމްބަރު މަސް ނިމުމުން އެމްއެމްއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާގޮތުން 2021 ވަނަ އަހަރުގެ ނޮވެމްބަރު މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒަރވްގައި ހުރި އަދަދު އޭގެ ކުރީ އަހަރުގެ ނޮވެމްބަރު މަހާ އަޅާ ބަލާއިރު ވަނީ ވަރަށް ބޮޑުތަނުން އިތުރުވެފައެވެ. 2021 ވަނަ އަހަރުގެ ނޮވެމްބަރު މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒަރވްގައި 943.8 މިލިއަން ޑޮލަރު ހުރިއިރު 2020 ވަނަ އަހަރުގެ ނޮވެމްބަރު މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒަރވްގައި ހުރީ 629.9 މިލިއަން ޑޮލަރެވެ. މިއީ 33.2 އިންސައްތައިގެ ކުރިއެރުމެކެވެ.

2021 ވަނަ އަހަރުގެ އޮކްޓޯބަރު މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒަރވްގައި ހުރީ 947.6 މިލިއަން ޑޮލަރެވެ. ސެޕްޓެމްބަރު މަސް ނިމުނުރިއު 1،016.7 މިލިއަން ޑޮލަރު ރިޒަރވްގައި ހުރިއިރު، އޮގަސްޓު މަސް ނިމުނުއިރު 874.3 މިލިއަން ޑޮލަރު އަދި ޖުލައި މަސް ނިމުނުއިރު 857.1 މިލިއަން ޑޮލަރު ރާއްޖޭގެ ރަސްމީ ރިޒަރވްގައި ހުރިކަމަށް އެމްއެމްއޭއިން ހާމަކޮށްފައިވެއެވެ. ޖޫން މަހު 912.4 މިލިއަން ޑޮލަރު، މެއި މަހު 926.1 މިލިއަން ޑޮލަރު، އޭޕްރިލް މަހު 878 މިލިއަން ޑޮލަރު، މާޗް މަހު 844.7 މިލިއަން ޑޮލަރު، ފެބްރުއަރީ މަހު 855.7 މިލިއަން ޑޮލަރު އަދި ޖެނުއަރީ މަސް ނިމުނުއިރު ޜާއްޖޭގެ ރަސްމީ ރިޒަރވްގައި ހުރީ 830.7 މިލިއަން ޑޮލަރެވެ. 2020 ވަނަ އަހަރު ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒަރވްގައި ހުރީ 984.9 މިލިއަން ޑޮލަރެވެ.

މި ސަރުކާރުން ރާއްޖޭގެ ވެރިކަމާއި ހަވާލުވެ، 2018 ވަނަ އަހަރު ނިމުނުއިރު ދައުލަތުގެ ރިޒާވްގައި 712 މިލިއަން ޑޮލަރު ހުރި ނަމަވެސް ބޭނުން ކުރެވެން ހުރީ އެންމެ 281 މިލިއަން ޑޮލަރުކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. 2019 ވަނަ އަހަރު ރާއްޖޭގެ ރިޒާވް 753.3 މިލިއަން ޑޮލަރަށް އިތުރުވިއިރު، ޔޫޒަބަލް ރިޒާވް ވަނީ 315.8 މިލިއަން ޑޮލަރަށް އިތުރުވެފައެވެ. މިއީ 2012 ވަނަ އަހަރުގެ ފަހުން، ރާއްޖޭގެ ޔޫޒަބަލް ރިޒަރވް މިހާ މައްޗަށް ޖެއްސުނު ފުރަތަމަ ފަހަރެވެ.

- ކޮމެންޓް