ކ. މާލެ
|
4 ޖެނުއަރީ 2022 | އަންގާރަ 00:09
މާޒިޔާ އާއި ދަ ގްރާންޑޭ ބައްދަލުކުރި މެޗުގެ ތެރެއިން
މާޒިޔާ އާއި ދަ ގްރާންޑޭ ބައްދަލުކުރި މެޗުގެ ތެރެއިން
އެފްއޭއެމް
ޕްރެޒިޑެންޓްސް ކަޕް
ދަ ގްރާންޑޭ އަތުން މާޒިޔާއަށް ފަސޭހަ މޮޅެއް
ދަ ގްރާންޑޭގެ މައްޗަށް މާޒިޔާއިން ކުރިހޯދީ 6-1 ގެ ނަތީޖާއަކުން

ޕްރެޒިޑެންޓްސް ކަޕުގައި ހޯމަ ދުވަހުގެރޭ ކުޅުނު މެޗުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ދަ ގްރާންޑޭ ސްޕޯޓްސް ކުލަބުގެ މައްޗަށް ފަސޭހަކަމާއެކު ކުރި ހޯދައިފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މެޗުން ގްރާންޑޭގެ މައްޗަށް މާޒިޔާއިން ކުރިހޯދީ ފަސޭހަކަމާއެކު 6-1 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން މާޒިޔާއިން ދަ ގްރާނޑޭގެ ހާފަށް ބާރުބޮޑުކޮށްފައިވާއިރު މެޗުގެ ނުވަވަނަ މިނެޓުގައި މާޒިޔާއިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު މާޒިޔާއަށް ކާމިޔާބުކޮށްދިނީ އެ ޓީމަށް ކުޅެމުން އަންނަ ބިދޭސީ ފޯވާޑް ކޮނޭލިއަސް ސްޓެވާޓްއެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން މާޒިޔާއަށް ލީޑު ފުޅާކުރަންވެސް ވަނީ ފުރުސަތު ލިބި ބޭކާރުވެފައެވެ. އެގޮތުން ސްޓެވާޓް ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ ގްރާންޑޭގެ ކީޕަރު އިސްމާއިލް ޝިހާމެވެ.

މެޗުގެ ދެވަނަ ހާފުގައި މާޒިޔާއިން އެޓީމުގެ އެޓޭކުތައް ވަރުގަދަކުރިއިރު، މެޗުގެ 64 ވަނަ މިނެޓުގައި މާޒިޔާއިން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. ހުސެއިން ނިހާން (ނިހާޓް)ގެ އެހީތެރިކަމާއެކު މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހަމްޒާ މުޙައްމަދު (ހަމްޕު)އެވެ.

މި ލަނޑަށްފަހުވެސް މާޒިޔާއިން ވަނީ ފުލުފުލުގައި ދަ ގްރާންޑޭގެ ގޯލަށް ނުރައްކާކޮށްފައެވެ. މެޗުގައި މާޒިޔާއިން ކާމިޔާބުކުރި ތިންވަނަ ލަނޑަކީ ދަ ގްރާންޑޭގެ ޑިފެންޑަރު މާކޯ އިވަނޮވިޗް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

އެކަމަކު މެޗުގެ 72 ވަނަ މިނެޓުގައި ދަ ގްރާންޑޭއިން ވަނީ ލަނޑެއް ޖަހާ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި، މުޙައްމަދު ލަޔާން އަޙްމަދެވެ.

މެޗުގެ 81 ވަނަ މިނެޓުގައި މާޒިޔާގެ ހަތަރުވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި އިބްރާހީމް ވަހީދު ހަސަން (އިއްބެ)އެވެ. އަދި މި މެޗުގައި މާޒިޔާއިން ކާމިޔާބުކުރި ހަވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހަމްޕުއެވެ.

މި ނަތީޖާއާއެކު ލީގު ބުރުގެ އެއްވަނައިގައި މާޒިޔާއިން އޮތީ ހަތަރު މެޗުން ލިބުނު 12 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި ވެލެންސިއާ އޮތީ އެއް މެޗު މަދުންކުޅެ ލިބުނު ނުވަ ޕޮއިންޓާއެކުގައެވެ. އަދި މި މެޗުން ބަލިވި ދަ ގްރާންޑޭ އޮތީ ލީގު ތާވަލުގެ ފުލުގައި ޕޮއިންޓެއް ނުލިބިއެވެ.

- ކޮމެންޓް